ހަބަރު

ގައުމީ އެއާލައިންގެ ޕައިލެޓުންގެ ޝަކުވާތައް ބޮޑުވެފައި

  • މަސައްކަތް ކުރަން ޖެހޭ ދުވަސް ގިނަވުމުގެ ޝަކުވާ
  • ޕައިލެޓުން ޕެޓިޝަނެއް ވަނީ ތައްޔާރުކޮށްފައި
  • މި ހުރިހާ ތުހުމަތުތަކެއް މޯލްޑިވިއަން އިން ދޮގުކުރޭ

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޕައިލެޓުން ލައްވާ ގިނަ ވަގުތު މަސައްކަތް ކުރުވުމުގެ ސަބަބުން ވަރުބަލިވެ، ފްލައި ކުރަން އުނދަގޫވާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ބުނެ އެ އެއާލައިންގެ ޕައިލެޓުންތަކެއްގެ ޝަކުވާ ބޮޑުވެ އެ މައްސަލަ ހޫނުވެއްޖެ އެވެ.

އެ މައްސަލަތައް މިހާރު ސޯޝަލް މީޑިއާއަށް ވެސް ފެންމަތިވެފައިވާ އިރު، އިތުބާރު ހުރި މަސްދަރުތަކުން "އަވަސް"އަށް ކަށަވަރުވެފައިވާ ގޮތުގައި ގާތްގަނޑަކަށް 150 ހަކަށް ޕައިލެޓުން އުޅޭ ގައުމީ އެއާލައިންގެ ބައެއް ޕައިލެޓުން ޝަކުވާ ކުރަނީ މިދިޔަ ޖުލައި މަހުން ފެށިގެން ޕައިލެޓުން މަސައްކަތް ކުރަން ޖެހޭ ވަގުތު ފަސް ދުވަހުގެ ބަދަލުގައި ހަތް ދުވަހަށް ބަދަލުކުރުމުގެ ސަބަބުން ހުއްޓާނުލާ މަސައްކަތް ކުރަން ޖެހޭ ވަގުތު ގިނަވެ، "ފެޓީގް" ނޫނީ އިންތިހާއަށް ވަރުބަލިވުން ލޮޑުވުމުގެ މައްސަލަ ޕައިލެޓުންނަށް ދިމާވުމެވެ. އެ ޕައިލެޓުން ބުނާ ގޮތުގައި މިކަމުގެ ސަބަބުން، ފްލައި ކުރާއިރު ދޭން ޖެހޭ އެކަށީގެންވާ ސަމާލުކަން ނުދެވި ގޯސްތައް ހެދުމަށް މިކަމުގެ ސަބަބުން މަގުފަހިވަމުން އާދެ އެވެ.

މިދިޔަ ޖުލައި މަހުން ފެށިގެން ހަތް ދުވަހަށް މަސައްކަތް ކުރަން ޖެހޭ ދުވަހުގެ އަދަދު އިތުރުކުރުމުގެ އިތުރަށް ފްލައިނުކޮށް އޮފްގައި ހުންނަ ދުވަހުގެ އަދަދު ވަނީ ދެ ދުވަހަށް އިތުރުކޮށްފަ އެވެ. މީގެ ކުރިން ފަސް ދުވަހު ޕައިލެޓުން ފްލައި ކުރަން ޖެހޭ އިރު އޮފް އަށް ދެނީ އެއް ދުވަހާ ބަޔެވެ.

ބައެއް ޕައިލެޓުން ބުނާ ގޮތުގައި ފެޓީގްގެ ސަބަބުން ފްލައި ނުކުރެވޭ ދުވަސްދުވަހު ވެސް މޯލްޑިވިއަން އިން ބަލަނީ ސިކް ލީވްގެ ގޮތުގަ އެވެ. އެހެން ނަމަވެސް، ޕައިލެޓުން ބުނަނީ ފެޓީގްގެ ސަބަބުން، ފްލައި ނުކުރެވޭ ނަމަ އެކަން ބަލައިގަންނާނެ ހާއްސަ މެކޭނިޒަމްއެއް އެއާލައިނުން ގާއިމް ކުރަން ގަވާއިދުތަކުގައި ބުނެފައިވީ ނަމަވެސް މޯލްޑިވިއަން އިން އެކަން ކޮށްފައި ނުވާ ކަމަށެވެ. އަދި ބައެއް ދުވަސް ދުވަހު ގާތްގަނޑަކަށް 12 ގަނޑިއިރު ހުއްޓާ ނުލާ ފްލައިންގައި އުޅެން ޖެހިފައި އެބަ ހުރި ކަމަށް ޕައިލެޓުން ފެންމަތި ކުރި ޝަކުވާތަކުގައިވެ އެވެ. މި ޝަކުވާތައް ހިމެނޭ އީމެއިލްއެއް މެނޭޖްމަންޓަށް ޕައިލެޓުން ފޮނުވި އިރު، އެ ޝަކުވާތަކަށް ހައްލު ހޯދައިދިނުމަށް އެދި އަންނަނީ ޕެޓިޝަނެއް ވެސް ތައްޔާރު ކުރަމުން ކަމަށް ވަނީ އެނގިފަ އެވެ. އެހެން ނަމަވެސް މޯލްޑިވިއަންގެ އެއްވެސް ޕައިލެޓަކު ނޫހުގައި ނަން ޖަހާ ގޮތަށް ވާހަކަ ދައްކަން ބޭނުމެއް ނުވި އެވެ.

ފެޓީގްގެ ސަބަބުން ފްލައި ނުކުރެވޭ ދުވަސްދުވަހު ވެސް މޯލްޑިވިއަން އިން ބަލަނީ ސިކް ލީވްގެ ގޮތުގައި. ފެޓީގްގެ ސަބަބުން، ފްލައި ނުކުރެވޭ ނަމަ އެކަން ބަލައިގަންނާނެ ހާއްސަ މެކޭނިޒަމްއެއް އެއާލައިންގައި ނެތް. އަދި ބައެއް ދުވަސް ދުވަހު ގާތްގަނޑަކަށް 12 ގަނޑިއިރު ހުއްޓާ ނުލާ ފްލައިންގައި އުޅެން ޖެހިފައި އެބަ ހުރި
މޯލްޑިވިއަންގެ ބައެއް ޕައިލެޓުން

އޭވިއޭޝަންގެ ރެގިއުލޭޝަން ބުނާ ގޮތުން، އެއް ހަފްތާ ތެރޭ 60 ގަޑިއިރު ޕައިލެޓުންނަށް ފްލައިކުރެވެ އެވެ.

މި ޝަކުވާތަކާ ގުޅިގެން މޯލްޑިވިއަންގެ ފަރާތުން ވާހަކަ ދެއްކެވި އިސް އޮފިޝަލަކު، "އަވަސް" އަށް މިއަދު ވިދާޅުވީ އެ އެއާލައިންގައި ޕައިލެޓުންނަށް ޝަކުވާ ހުށަހެޅޭނެ ނިޒާމްތައް ގާއިމްކޮށްފައިވީ ނަމަވެސް އެފަދަ އެއްވެސް ޒަރިއްޔާއަކުން ޕައިލެޓުންތަކެއް ޝަކުވާ ކޮށްފައި ނެތް ކަމަށެވެ. އެހެން ނަމަވެސް ނުރަސްމީ ސިފައެއްގައި 10 ވަރަކަށް ޕައިލެޓަކު އެފަދަ މައްސަލަތަކެއް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެވާހަކަތަކަށް ރައްދު ދެއްވަމުން މޯލްޑިވިއަންގެ އޮފިޝަލް ވިދާޅުވީ ފްލައި ކުރަން ޖެހޭ ދުވަހުގެ އަދަދު އިތުރު ކުރީ ސިވިލްއޭވިއޭޝަންގެ އެންމެހާ ގަވާއިދުތަކުގެ ތެރެއިން ކަމަށާއި ގަވާއިދާ ހިލާފަށް ނޫނީ ސަލާމަތީ ކަންކަން ކޮމްޕްރޮމައިޒްވާ ގޮތަށް އެއްވެސް އުސޫލެއް އެކުލަވާލާފައި ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ޝަކުވާތަކެއް ކުރަނީ ވަރަށް މަދު ޕައިލެޓުން ތަކެއް ކަމަށާއި ކުންފުންޏެއްގައި ގަވާއިދުތައް ހަދާފައި ހުންނާނީ ވަކި ބަޔަކަށް ހާއްސަ ކޮށްގެން ނޫން ކަމަށެވެ. އަދި ސިވިލް އޭވިއޭޝަން ގަވާއިދުތަކުގައި ބުނާ އުސޫލްގެ ބޭރުން ޕައިލެޓުންނާ މެދު އެ އެއާލައިނުން އަމަލުކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"މަސައްކަތަށް ނުކުންނަން ޖެހޭ ދުވަހުގެ އަދަދަށް ބަދަލުތަކެއް ގެނެސްފައި ވިޔަސް ފްލައިން އަވާޒް ގަވާއިދުގައި ބުނާ އަދަދަށް ވުރެ އިތުރުވެފައެއް ނުުހުންނާނެ. ބަދަލެއް ވެސް ގެނެސްފައި ވަނީ ސިވިލްއޭވިއޭޝަން ގަވާއިދުގެ ތެރެއިން އެ އޮންނަ އުސޫލުގެ ތެރެއިން. އެއީ އަޅުގަނޑުމެން އަމަލު މި ކުރަނީ ސިވިލްއޭވިއޭޝަންގެ ގަވާއިދުތަކަށް. އަޅުގަނޑުމެން ޖެހޭނީ ކަމާ ބެހޭ ފަރާތުން ގަވާއިދުތަކެއް ހެދީމާ އެއަށް ބޯލަބަން. އެހެން ނޫނީ މި ވަޒީފާގައި ނޫޅޭނި އެހެން ވަޒީފާއަކަށް ދާން ޖެހޭނީ. މިއީ ޓެކްސީ ކުރާ ގޮތަށް ކުރެވޭ ކަމެއް ނޫން،" އޮފިޝަލް ވިދާޅުވި އެވެ.

މަސައްކަތަށް ނުކުންނަން ޖެހޭ ދުވަހުގެ އަދަދަށް ބަދަލުތަކެއް ގެނެސްފައި ވިޔަސް ފްލައިން އަވާޒް ގަވާއިދުގައި ބުނާ އަދަދަށް ވުރެ އިތުރުވެފައެއް ނުުހުންނާނެ. އަނެއްކާ އެގެނައި ބަދަލެއް ވެސް ގެނެސްފައި ވަނީ ސިވިލްއޭވިއޭޝަން ގަވާއިދުގެ ތެރެއިން އެ އޮންނަ އުސޫލުގެ ތެރެއިން. އަޅުގަނޑުމެން ޖެހޭނީ ކަމާ ބެހޭ ފަރާތުން ގަވާއިދުތަކެއް ހެދީމާ އެއަށް ބޯލަބަން. އެހެން ނޫނީ މި ވަޒީފާގައި ނޫޅޭނި އެހެން ވަޒީފާއަކަށް ދާން ޖެހޭނީ
މޯލްޑިވިއަންގެ އިސް އޮފިޝަލް

އޭނާ ވިދާޅުވީ ގައުމީ އެއާލައިންއާ މެދު ތަނުގައި މަސައްކަތް ކުރާ ޕައިލެޓުންގެ ޝަކުވާތަކެއް އޮތް ނަމަ އެކަން ރިޕޯޓް ކުރަން އޮންނަ އުސޫލު ދޫކޮށް ސިޔާސީ ޕްލެޓް ފޯމްތަކުގަ އާއި އެހެން ވެސް ގޮތްގޮތުން އެކަން އާންމުންގެ ތެރެއަށް ފެތުރުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ މަދު ޕައިލެޓުންގެ ޝަކުވާތައް ވެސް އެ އެއާލައިނުން ބަލާ އިސްލާހު ކުރަން ޖެހޭ ކަންކަން ހުރި ނަމަ ކުރާނެ ކަމަށެވެ. އަދި އެ ދޮރު ހުޅުވިފައި އޮއްވާ އެކަމަށް ފަރުވާލެއް ނުބަހައްޓައި މަދު ޕައިލެޓުންތަކެއް އަމަލު ކުރުން ބަލައި ނުގަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"މިއީ ގައުމީ މަސައްކަތެއް ކުރާ ގައުމީ އެއާލައިނެއް އަދި އެތައް ހާސް ބައެއްގެ ވަޒީފާ ގުޅިފައި އޮތްތަނެއް. މިކަހަލަ ގޮތަކަށް އޮތް ކަމެއްގައި މިތަނުގެ އެތެރޭގައި ޝަކުވާ ހުށަހަޅަން ހުންނަ ގޮތްތައް ބޭނުންނުކޮށް މައްސަލަ ސިޔާސީ ވާގޮތަށް އެފަދަ ޕްލެޓްފޯމްތަކުގައި ހާމަ ކުރުމަކީ އަޅުގަނޑު ދަންނަވާނީ ބަޔަކު ކުރާ ވަރަށް ދެރަކަމެކޭ. މިކަހަލަ ކަމެއް އެއްވެސް ތަނެއްގައި އަޅުގަނޑަކަށް ހިއެއް ނުވޭ ޓޮލިރޭޓް ކުރާނެހެނެއް،" އޮފިޝަލް ވިދާޅުވި އެވެ. މި ޝަކުވާތައް ހޫނުވެ މޯލްޑިވިއަންގެ ސީނިއާ ޕައިލެޓަކާއި ކަމާ ގުޅޭ ސެކްޝަންގެ އިސްވެރިއެއްގެ ދެމެދު ހިނގާ ޒުވާބެއްގެ ކޯލް ރެކޯޑިންއެއް ވެސް މިއަދު ވަނީ ސޯޝަލް މީޑިއާއަށް އާންމުވެފަ އެވެ.

"މި ވާހަކަތަކުގެ ތެރޭގައި އެބަ އުޅޭ މި އެއާލައިންގެ ސެކިއުރިޓީއާ މެދު ވެސް ސުވާލު އުފެދޭ ވާހަކަ. އަޅުގަނޑު މި ކުންފުނީގެ ފަރާތުން އެޝުއަރެންސް ދެން މި އެއާލައިންގެ ދަތުރުތަކުގެ ސޭފްޓީއަށް ބުރޫއަރާ އެއްވެސް ކަމެއް މި އެއާލައިނުން ނުކުރަމޭ އަދި ނުވެސް ކުރާނަމޭ އަދި އުސޫލެއްގެ ސަބަބުން ވެސް ސޭފްޓީ ކޮމްޕްރޮމައިޒްއެއް ނުވާނޭ. އެކަން މި އެއާލައިނުން އަބަދުވެސް އެންޝްއާކުރާނެ. ދެތިން ޕައިލެޓަކަށް ކަމެއް ކަމުނުދިޔުމަކީ މި އެއާލައިންގެ ސޭފްޓީއާ މެދު ސުވާލު އުފެދޭނެ ސަބަބެއް ނޫން،" އޮފިޝަލް ވިދާޅުވި އެވެ.

މީގެ ތެރެއިން ބައެއް ޕައިލެޓުން މި ކަންބޮޑުވުންތައް ސިވިލްއޭވިއޭޝަންއަށް ވެސް ފޮނުވި ކަމަށްވެ އެވެ. އެހެން ނަމަވެސް އެ އޮތޯރިޓީގެ ބަހެއް ނުލިބުމުން އެކަން ކަށަވަރެއް ނުކުރެވުނެވެ. އަދި ސިވިލްއޭވިއޭޝަންގެ ބަހެއް ވެސް މިކަމުގައި ލިބޭ ގޮތެއް ނުވި އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަންއާ މެދު އަބަދުވެސް އާންމުންގެ ޝަކުވާ އޮވެ އެވެ. އެގޮތުން ހިދުމަތުގެ ފެންވަރު ދަށްވުމާއި ފްލައިޓްތައް އިންތިހާއަށް ބޮޑަށް ޑިލޭވުން އަދި ޓިކެޓް އަގު ބޮޑުވުމުގެ ޝަކުވާތައް އާންމުން އަަބަދުވެސް ކުރެ އެވެ. އެހެން ނަމަވެސް އެ ހުރިހާ ކަންބޮޑުވުންތަކެއް މޯލްޑިވިއަން އިން ދިފާއުކޮށްފައިވެ އެވެ.