ނަމަވެސް އޭނާ މިހާރު ބުނަނީ "މުހައްމަދުގެ ފާނަށް" ކާޓޫނު ކުރެހުން ހުއްޓާލައިފި ކަމަށާއި މީގެ ފަހުން މުސްލިމުންގެ ރަސޫލާ އަށް ފުރައްސާރަ އަމާޒުކޮށް ކާޓޫނެއް ނުކުރަހާނެ ކަމަށެވެ.
ފްރާންސްގެ މަޝްހޫރު މަޖައްލާއެއް ކަމުގައިވާ އިންރޮކްސް އަށް ދިން އިންޓަވިއުއެއްގައި، 43 އަހަރުގެ ކާޓޫނިސްޓް ބުނީ "މުހައްމަދަށް" ކާޓޫނު ކުރެހުން ހުއްޓާލީ އެކަން ކޮށް ފޫހިވެގެން ކަމަށެވެ.
"މި ކާޓޫނުތަކެއް ކުރަހައި ފޫހިވެއްޖެ އަހަރެން. (ފްރާންސްގެ ކުރީގެ ރައީސް ނިކޮލަސް ސަކޯޒީ) ގެ ކާޓޫނުތައް ކުރެހުމަށް ވެސް ފޫހިވި ފަދައިން،" މުސްލިމުންގެ ރަސޫލާ އަށް ފުރައްސާރަކޮށް ކާޓޫނުކުރެހުން ހުއްޓާލި ސަބަބާ ބެހޭ ގޮތުން ލުޒިއާ ބުނީ މިހެންނެވެ.
އޭނާ އަކީ ޝާލީ ހެބްދޫގެ އޮފީހަށް ޖެނުއަރީ މަހު ދެ މީހަކު ދިން ބަޑީގެ ހަމަލާތަކެއްގައި ސަލާމަތްވި އެ މަޖައްލާގެ މަދު ކާޓޫނިސްޓުންގެ ތެރެއިން އެކަކެވެ. އެ ދުވަހުގެ ހަމަލާ އިން އޭނާ ސަލާމަތްވީ އެހެން ދުވަސް ދުވަހަށް ވުރެ ލަހުން އޮފީހަށް ދެވުމުންނެވެ.
ގަޑިޖެހިގެން އޭނާ އަށް އޮފީހަށް ދެވުނުއިރު ހަމަލާ ދިނުމަށް ފަހު ދެ މީހުން ފިލަން ދުވަނީ އެވެ.
އެއަށް ފަހު މި މަޖައްލާ އިން ނެރުނީ އެމީހުންގެ އެންމެ މަޝްހޫރު ކަވަރެވެ. ލުޒިއާ އޭގައި "މުހައްމަދުގެ ފާނަށް" ކާޓޫނު ކުރަހާފައި ވަނީ "އޯލް އިޒް ފޮގިވެން" ގެ ސުރުހީގެ ދަށުންނެވެ.
މި ކަވަރާ އެކު މި އަދަދުގެ އަށް މިލިއަން ކޮޕީސް ވިކުނުއިރު ކުރިން އާންމުކޮށް މި މަޖައްލާ އިން ބާޒާރަށް ނެރެނީ 60،000 ކޮޕީސް އެވެ.
މި މަޖައްލާގެ އެންމެ މަޝްހޫރު އެއް ކާޓޫނިސްޓު، ރަސޫލާ އަށް ފުރައްސާރަކޮށް ކާޓޫނު ކުރެހުން ހުއްޓާލާފައިވާއިރު ޝާލީ ހެބްދޫ އަށް ބޮޑެތި ބަދަލުތަކެއް އަންނަން އުޅޭ ކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފަ އެވެ. އެގޮތުން މި މަޖައްލާ އަށް މަހުޖަނުންގެ ބަޔަކު އިންވެސްޓްކުރަން ފަށާފައިވާއިރު ކުރިއަށް އޮތް ދުވަސްތަކުގައި އާ ފޯމެޓެއްގައި މި މަޖައްލާ ނެރެން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.