ޗައިނާ އާއި ރާއްޖޭގެ ހާރިޖީ ގުޅުމަށް 45 އަހަރު ފުރުން ފާހަގަ ކުރުމަށް ހަދާނީ ސްޓޭމްޕް ސެޓަކާއި ހާއްސަ ސިޓީއުރައެއް މިއަދު ޗައިނާގެ ބެއިޖިންގައި ނެރެފި އެވެ.
ރައީސް އަބްދުﷲ ޔާމީން މިއަދު ޗައިނާއަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، ރާއްޖެ އާއި ޗައިނާގެ ގުޅުމަށް 45 އަހަރު ފުރުން ފާހަގަކުރުމަށް ޗައިނާގައި ހުންނަ ދިވެހި އެމްބަސީ އިން ބެއިޖިންގެ ލެޖެންޑޭލް ހޮޓަލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ސްޓޭމްޕް ސެޓާއި ހާއްސަ ސިޓީއުރަ ނެރެދެއްވީ ރައީސް އަބްދުﷲ ޔާމީން އާއި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ވައިސްޗެއާ އެވެ.
ފޮރިން މިނިސްޓްރީގެ ފިލަޓެލިކް އެސޯސިއޭޝަނުން ތައްޔާރުކޮށްފައިވާ އެ ސްޓޭމްޕް ސެޓްގައި ހަތަރު ސްޓޭމްޕެއް ހިމެނެ އެވެ. ރާއްޖެ އާއި ޗައިނާގެ ދިދަ ހިމަނައިގެން ފަރުމާކޮށްފައިވާ އެ ސްޓޭމްޕްތަކުގައި ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަންޒަރުތަކާއި ރާއްޖޭގެ ރީތިކަމާއި ޗައިނާގެ ރީތިކަން ފެންނަ މަންޒަރުތައް ވަނީ ހިމަނައިފަ އެވެ. މީގެ އިތުރަށް މިފަހުްނ ރާއްޖެ ދުށް ފުޓްބޯޅައިގެ އެންމެ ކުޅަދާނަ ޝަހުސިއްޔަތު އަލީ އަޝްފާގު ދަނގަޑޭ ވެސް ވަނީ އެއް ސްޓޭމްޕްގައި ހިމަނައިފަ އެވެ. އަދި ސިޓީ އުރައިގައި ވެސް ރާއްޖެ އާއި ޗައިނާގެ ސަގާފަތް ފެންނަ މަންޒަރުތައް ވަނީ ހިމަނައިފަ އެވެ.
އެ ހަފްލާގައި ޗައިނާގައި ހުންނަވާ ދިވެހި އެމްބެސެޑަރު ވިދާޅުވީ މިރޭ ނެރުނު މި ސްޓޭމްޕް ސެޓާއި ސިޓީ އުރައަކީ ދެ ގައުމުގެ ބަދަހި ގުޅުމުގެ ރަމްޒަކަށް ވާނެ ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި ކުރާ މުއާމަލާތްތަކުގައި މި ސްޓޭމްޕާއި ސިޓީ އުރަ ބޭނުން ކުރެވޭނެކަން ސަފީރު ފާހަގަ ކުރެއްވި އެވެ.