ހަބަރު

ރާއްޖޭގެ އެފްޓީއޭގެ ފައިދާ ސަރަހައްދީ ގައުމުތަކަށް ކުރާނެ: ޗައިނާ

ރާއްޖެ އާއި ޗައިނާ އާ ދެމެދު ގާއިމު ކުރަން ނިންމާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) ދިފާއުކޮށް ޗައިނާއިން ވާހަކަ ދައްކައިފި އެވެ. ޗައިނާއިން ވަނީ އެފްޓީއާ މެދު އިންޑިއާއިންް ކަންބޮޑުވާން ނުޖެހޭނެ ކަމަށާއި އިންޑިއާއިން އެކަން ހުއްޓުވަން އުޅުނަސް އެކަން ނުހުއްޓުވޭނެ ކަމަށްބުނެވެސް ވާހަކަ ދައްކާފަ އެވެ.

ޗައިނާއިން އެފްޓީއޭގެ ދިފާއުގަ ވާހަކަ ދެއްކެވި އިރު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހުރީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ޗައިނާއަށް ވަޑައިގެން އެގައުމުގަ އެވެ.

ޗައިނާގެ މީޑިއާތަކަށް މައުލޫމާތު ދެމުން އެގައުމުގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސް ޕާސަން ގެން ޝުއަންގް ވިދާޅުވީ އެފްޓީއޭގެ ސަބަބުން ފައިދާވާނީ ހަމައެކަނި ރާއްޖޭއާ ޗައިނާއަށް ނޫން ކަމަށާއި މި ސަރަހައްދުގެ އެހެން ގައުމުތަކަށްވެސް ވިޔަފާރީގެ ރޮނގުން ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.

"ރައީސް ޔާމިންގެ މިދަތުރުފުޅާއެކު ރާއްޖެ އާ ޗައިނާ އާ ދެމެދު އޮތް ސިޔާސީ ގުޅުމާއި އިތުބާރު އިތުރަށް ފުޅާކޮށް ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރަން، އަދި ދެ ގައުމުގެ މީހުންނަށްވެސް އެއިން ފައިދާތަކެއްވާނެ ކަމަށް އުންމީދުކުރަން،" ގެން ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުންތަކެއްގައި ސޮއި ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ކޮން އެއްބަސްވުންތަކެއް ކަމެއް އަދި ސާފެއް ނުވެ އެވެ. ޗައިނާގެ ނޫސްތަކުން ބުނާގޮތުގައި މި ދަތުރުފުޅުގައި އެފްޓީއޭގައި ސޮއިކުރަންވަނީ ނިންމާފަ އެވެ.

ގެން ވަނީ ސަރުކާރާ އިދިކޮޅު ފަރާތްތަކުން އެފްޓީއޭ އާ ދެކޮޅަށް ދައްކާ ވާހަކަތަކަށްވެސް ރައްދު ދެއްވާފަ އެވެ. އޭނާ ވިދާޅުވީ އެފްޓީއޭ އަކީ ދެ ގައުމުގެ ލީޑަރުން ދެމެދުގައި ގާއިމު ކުރާ އެއްބަސްވުމެއް ކަމަށެވެ.

"ދެ ގައުމަށް ފައިދާވާނެ ކަންކަން އެ އެއްބަސްވުމުގައި ހިމެނުމަށް ދިގު މުއްދަތެއްގެ މަޝްވަރާތަކެއް ކުރިން،" ގެން ވިދާޅުވެފައިވެ.

އެފްޓީއޭގެ ސަބަބުން ބޮޑަށް ފައިދާވާނީ ޗައިނާއަށް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ ވާހަކަ ދައްކަމުންނެވެ. އެކަމާ ގުޅޭގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން ރާއްޖެ އިތުރަށް ޗައިނާއަށް ދަރަނިވެރިވާނެ ކަމަށެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އިމްޕޯޓު އަދި އެކްސްޕޯޓު ވިޔަފާރިއަށް ކުރިއަރރާނެ ކަމަށާއި އަދި ދެ ގައުމުގެ އިގްތިސާދު ވަރުގަދަ ކޮށްދޭނެ ކަމަށް ޗައިނާގެ ނޫސްތައް ބުނެ އެވެ. އަދި ޗައިނާ ޓޫރިސްޓުން ގިނަ އަދަދަކަށް ރާއްޖެ އަންނައިރު ޓޫރިސްޓުންނަށް ޗައިނާގެ އުފެއްދުންތައް ހެޔޮއަގުގައި ރާއްޖެއިން ލިބޭނެ ކަމަށެވެ.