ހަބަރު

ޗައިނާގައި އުޅޭ ދިވެހިންނާ ރައީސް ބައްދަލުކުރައްވައިފި

Dec 6, 2017

ޗައިނާގައި ދިރިއުޅެމުންގެންދާ ދިވެހި ރައްޔިތުންނާ ރައީސް އަބްދުﷲ ޔާމީން ބައްދަލުކުރައްވައިފި އެވެ.

ރައީސް ޔާމިން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، އެގައުމުގައި ދިރިއުޅޭ ދިވެހި އާއިލާތަކާއި، ދިވެހި ކިޔަވާ ކުދިންނާ މިރޭ ބައްދަލުކުރެއްވި އެވެ.

ބެއިޖިންގްގެ ލެޖެންޑޭލް ހޮޓެލްގައި ބޭއްވެވި ހަފްލާގައި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެގައުމުގެ ރައީސް ޝީ ޖިންޕިންގްގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި، ދިވެހިރާއްޖެއާއި ޗައިނާގެ އިސްވެރިންގެ މެދުގައި މަޝްވަރާތައް ބޭއްވުމަށާއި، ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރާއްޖެ އާ ޗައިނާ އާ ދެމދު ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރައްވާނެ ކަމަށް ޗައިނާގެ ނޫސްތަކުން ބުނެ އެވެ.

މި ދަތުުރުފުޅު ނިންމަވާލެއްވުމަށް ރައީސްގެ ދެކަނބަލުން މާލެ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.