ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބަތަލާ އަނުޝްކާ ޝަރްމާ އާއި އިންޑިއާގެ މިހާރު އެންމެ މޮޅު ކުރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީ އަންނަ ހަފްތާގައި ކައިވެނިކުރަން ނިންމާފައިވާ ހަބަރު ވަރަށް ބާރަށް ފެތުރެން ފަށައިފި އެވެ.
ބޮލީވުޑްގެ ނޫސްތަކުގައިވާ ގޮތުން އަނުޝްކާ އާއި ވިރާޓް ކައިވެނިކުރަން ނިންމާފައިވަނީ މި މަހުގެ މެދުތެރޭގަ އެވެ.
މި ދެތަރިން ކައިވެނިކުރަން ނިންމާފައިވަނީ އިޓަލީގެ މިލާންގައި އާއިލާ އާއި އެންމެ ގާތްއެކުވެރިންގެ ހާޒިރުގައި ކަމަށްވެ އެވެ. ކައިވެނީގެ ރަސްމިއްޔާތަށް އަނުޝްކާ އާއި ވިރާޓް މި ހަފްތާގެ ތެރޭގައި އިޓަލީ އަށް ފުރާނެ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.
ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުން ކައިވެނީގެ ހަފްލާގައި އަނުޝްކާ ލާން ހަމަޖެހިފައިވާ ހެދުން ޑިޒައިންކުރަނީ އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރެއް ކަމަށްވާ ސަބްޔަސާޗީ މުކަރްޖީ އެވެ. އަނުޝްކާގެ ގެއިން ސަބްޔަސާޗީ މިދިޔަ ހަފްތާގެ ތެރޭގައި ނިކުންނަނިކޮށް ފެނިފައިވާ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.
އާއިލާ އާއި ގާތް އެކުވެރިންގެ ހާޒިރުގައި ކައިވެނި ކުރި ނަމަވެސް ބޮލީވުޑްގެ އެކުވެރިންނަށާއި ވިރާޓްގެ ކްރިކެޓް ޓީމުގެ މެމްބަރުންނަށް ކައިވެނީގެ އުފަލުގައި ދޭ ޕާޓީ މި މަހު 21 ގައި މުމްބާއީ ގަ ބާއްވަން ވަނީ ނިންމާފަ އެވެ.
އަނުޝްކާގެ ކައިވެނީގެ ހަބަރު ފެތުރެން ފެށުމާއެކު އޭނާގެ ސަޕޯޓަރުން ވަނީ މަރުހަބާގެ މެސެޖުތައް ބަންޑުންކުރަން ފަށާފަ އެވެ. އެއާ އެކު އޭނާގެ ސްޕޯކްސްޕާސަން ވަނީ ވިރާޓާއި އަނުޝްކާގެ ކައިވެންޏާ ގުޅޭގޮތުން ދެކެވޭ ވާހަކަތައް ދޮގުކޮށްފަ އެވެ. ނަމަވެސް އޭނާ ވަނީ އަނުޝްކާ ހުރިހާ މަސައްކަތަކުން ބްރޭކެއް ނަގާފައިވާ ކަމަށް ބުނެފަ އެވެ.
ދެހާސް ތޭރަ ވަނަ އަހަރު ކުޅުނު އިޝްތިހާރަކަށް ފަހު ބަދަހިވި އެކުވެރިކަމުގެ ގުޅުން ލޯތްބަށް ބަދަލުވެ އަނުޝްކާ އާއި ވިރާޓް ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ހަތަރު އަހަރުވެއްޖެ އެވެ.
ވިރާޓް ކައިވެނިކުރަން ބޭނުންވި ނަމަވެސް އަނުޝްކާ ކެރިއަރަށް ވަގުތު ދޭން ބޭނުންވުމުން އެ ދެތަރިންގެ މެދުގައި މައްސަލަޖެހި އެ ދެތަރިންގެ ގުޅުން ނިންމާ ވެސް ލިއެވެ. ނަމަވެސް އޭގެ ދެ މަހެއްހާ ދުވަސް ފަހުން ވިރާޓް އާއި އަނުޝްކާ ވަނީ އެމީހުންގެ ގުޅުމަށް އިތުރު ފުރުސަތެއްދީފަ އެވެ.
ކުރިއަށް ވުރެން އެމީހުންގެ ގުޅުން ބަދަހިކޮށް މިހާރު ފެންނަމުން ދާއިރު އަނުޝްކާ މިދިޔަ އަހަރުގެ ތެރޭގައި ބުނެފައިވަނީ ވަނީ ކައިވެނިކުރަން އޭނާ ބޭނުންވާ ކަމަށާއި ނަމަވެސް ވަކި ތާރީހެއް ބުނަން ނޭނގޭ ކަމަށެވެ.