ސުޕަސްޓާ ޝާހްރުކް ޚާނާ އެކު ކާމިޔާބު ފިލްމުތަކެއް އުފައްދާފައިވާ ޑައިރެކްޓަރު ފަރާ ޚާން ދެން އުފައްދާ ފިލްމެއްގައި އޭނާ ބޭނުންވަނީ ޒުވާން ތަރިއަކު ހިމަނާށެވެ.
ފަރާގެ ލަކީޗާމްގެ ގޮތުގައި ބެލެވިފައިވާ ޝާހްރުކް ދޫކޮށް ޒުވާން ތަރިއަކާ އެކު ދެން އުފައްދާ ފިލްމެއް އޭނާ ބޭނުންވާ ސަބަބެއް ހާމަކޮށްފައެއްނުވެ އެވެ.
މިހާރު އުމުރުން 52 އަހަރުގެ ޝާހްރުކް ފަރާގެ "މޭ ހޫ ނާ" އާއި "އޯމް ޝާންތީ އޯމް" އަދި "ހެޕީ ނިއުއިޔާ" ގައި ކުޅެފައިވަނީ ޒުވާނެއްގެ ރޯލެވެ. ނަމަވެސް އެ ތިން ފިލްމަކީ 2003 ގެ ފަހުން ނިކުމެފައި ހުރި ފިލްމުތަކެވެ.
ފަރާ އުފެއްދި ހަތަރު ފިލްމުގެ ތެރެއިން ތިން ފިލްމުން ފެނިގެން ގޮސްފައިވާ ޝާހްރުކް ދެން އުފައްދާ ފިލްމެއްގައި ނުހިމަނަން ބޭނުންވީ ޒުވާން މޫނެއް އޭނާގެ ފިލްމަށް ބޭނުންވަތީ އެވެ.
ކުރިއަށް އޮތް އަހަރަކީ ޝާހްރުކަށް ވަރަށް ބުރަ އަހަރެކެވެ. އޭނާ މިހާރު އަންނަނީ ޑްވާފެއްގެ ރޯލު ކުޅޭ އާނަންދް އެލް ރާއީގެ ފިލްމު ކުޅެމުންނެވެ.
ފަރާގެ އާ ފިލްމުން ޝާހްރުކަށް ހުށަހެޅުން ލިބުނު ނަމަވެސް ފިލްމުގެ ސްކްރިޕްޓާ މެދު ހިތްހަމަނުޖެހޭތީ އޭނާ އެ ފިލްމު ދޫކޮށްލީ ކަމަށް ހަބަރުތައް ބުނެ އެވެ. ޝާހްރުކްގެ ފަރާތުން އެދެވޭ ޖަވާބެއް ލިބޭތޯ މަޑުކުރުމަށްފަހު އެ ފިލްމުގެ ލީޑް އެކްޓަރުގެ ރޯލު ފަރާ އެެހެން ޒުވާން ތަރިއަކަށް ހުށަހެޅީ ކަމަށް ވެސް ވެ އެވެ.
ދެހާސް ސާދަ ވަަނަ އަހަރުގެ ޑައިރެކްޓްކުރި "ހެޕީ ނިއު އިޔާ" އަށް ފަހު ފަރާ މުޅިން ވެސް ފެނިގެން ގޮސްފައިވަނީ އެކި ޓީވީ ޝޯތަކުގެ ޖަޖެއްގެ ގޮތުގަ އެވެ. މިހާރު ޖަޖު ކުރަމުން އަންނަ ޝޯ ނިމުމުން އާ ފިލްމުގެ މަސައްކަތް އޭނާ ފަށާނެ އެވެ.
ޝާހްރުކަށް ވުރެން ޒުވާން ތަރިއެއް އާ ފިލްމުގައި ހިމަނައިގެން ފަރާ އަށް ކާމިޔާބު ލިބިދާނެތީ މިއީ އުފެދޭ ސުވާލެކެވެ. ސަބަބަކީ އޭނާ ޝާހްރުކާ ނުލައި އުފެއްދި ހަމައެކަނި ފިލްމު "ތީސް މާރް ޚާން" އަކީ ބޮޑު ފްލޮޕެކެވެ.
ފަރާ ވެސް ވަނި އެތަކެއް ފަހަރު އޭނާ އާއި ޝާހްރުކްގެ ގުޅިގެން އުފައްދާ ފިލްމުތަކުގެ ޖާދޫގައި ބެލުންތެރިން ޖެހޭ ކަމަށް ބުނެފަ އެވެ.