ހަބަރު

ޕައިލެޓުންގެ ޝަކުވާތަކަށް ސިވިލް އޭވިއޭޝަނުން ބީރުކަންފަތެއް

ގައުމީ އެއާލައިން މޯލްޑިވިއަންގެ ޕައިލެޓުން ފެންމަތިކޮށްފައިވާ ކަންބޮޑުވުންތަކާ މެދު ސިވިލްއޭވިއޭޝަން ޑިޕާޓްމަންޓުން އެއްވެސް ކޮމެންޓެއް ކުރަން ބޭނުމެއް ނުވި އެވެ. ޝަކުވާ ކުރާ ޕައިލެޓުން ބުނާ ގޮތުން އެ މީހުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް މޯލްޑިވިއަން އިން ހައްލެއް ހޯދައި ނުދިނުމުން އެ މައްސަލަތައް ވަނީ ސިވިލްއޭވިއޭޝަންގެ ސަމާލުކަމަށް ގެނެސްފަ އެވެ.

އެ ޕައިލެޓުންގެ ޝަކުވާތަކާ މެދު ސިވިލްއޭވިއޭޝަންގެ ކޮމެންޓެއް ހޯދުމަށް އެ އިދާރާގެ އިސްވެރިންނަށް އަވަސް އިން ތަކުރާރުކޮށް ގުޅައި މެސެޖް ކުރި ނަމަވެސް އޭގެއިން އެއްވެސް ބޭފުޅަކު އެކަމަށް ބަހެއް ވިދާޅެއް ނުވި އެވެ. އެ މައްސަލަތައް ސިވިލްއޭވިއޭޝަނުން ބަލަމުން ދާކަމެއް ވެސް ނުވަތަ ނޫން ކަމެއް ވެސް ހާމައެއް ނުކުރި އެވެ. ބައެއް ޕައިލެޓުން ތުހުމަތު ކުރާ ގޮތުގައި ސިވިލްއޭވިއޭޝަނުން އެ މީހުންގެ ޝަކުވާތަކަށް އަޅާލާފައެއް ނުވެ އެވެ. އަދި މައްސަލަތައް ބޮއްސުން ލައިގެން ގޮސްފައި ވަނީ ސިވިލްއޭވިއޭޝަނުން އެ ކަންކަމަށް އަޅާލަން ޖެހޭ ވަރަށް އަޅާ ނުލުމުން ކަމަށް ޕައިލެޓުން ބުންޏެވެ.

އިއްޔެ ފާހަގަކުރި ސިވިލްއޭވިއޭޝަން ދުވަހުގެ މުނާސަބަތުގައި ޓޫރިޒަމް މިނިސްޓަރު އާންމު ކުރެއްވި ހިތޯބެއްގައި ވިދާޅުވެފައި ވަނީ ޕައިލެޓުންނާއި ސިވިލްއޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ އެހެން މުވައްޒަފުންނަށް ކުރިމަތިވާ ވަރުބަލިވުމާއި ލޮޑުވުން، ނޫނީ ފެޓީގްގެ މައްސަލަ ހައްލު ކުރަން ބައިނަލް އަގުވާމީ އުސޫލެއް ރާއްޖޭގައިއެކުލަވާލަން ނިންމާފައިވާ ކަމަށެވެ. އެކަމަކު އޭގެ ތަފްސީލެއް ދީފައެއް ނުވެ އެވެ.

މޯލްޑިވިއަންގެ ޕައިލެޓުންގެ ޝަކުވާތައް ބޮޑުވީ، އެ މީހުން އޮފްއެއް ނެގުމެއް ނެތި މަސައްކަތް ކުރަން ޖެހޭ ދުވަސް ހަތް ދުވަހަށް ބަދަލު ކުރުމުން ފެޓީގް ނޫނީ ވަރުބަލިވެ ލޮޑްވުމުގެ މައްސަލަ ކުރިމަތިވެ ފްލައި ކުރުމަށް އުނދަގޫވާތީ އެވެ. އަދި ޕައިލެޓުން ފެޓީގްވާ ދުވަސް ދުވަހު ސިކް ލީވްގެ ގޮތުގައި ބަލާތީ، އެކަމުން ބޮޑު ދަތިތަކެއް ކުރިމަތިވާ ކަމަށް އެ ޕައިލެޓުން ވަނީ ބުނެފަ އެވެ. އަދި ފެޓީގް ރިޕޯޓް ކުރާނެ ނިޒާމެއް މޯލްޑިވިއަންގައި ނެތުމަކީ ވެސް އެ މީހުންގެ ޝަކުވާ އެކެވެ.

އެހެން ނަމަވެސް، އެ ޝަކުވާތަކާ ގުޅޭ ގޮތުން މޯލްޑިވިއަން އިން ރައްދު ދެމުން ބުނީ، ޝަކުވާ ބޮޑުވެގެން އުޅެނީ ދެތިން ޕައިލެޓުންގެ ކަމަށެވެ. އަދި އެ ކުންފުނިން ޕައިލެޓުންގެ ޑިއުޓީއަށް ގެނައި ބަދަލުތަކަކީ ސިވިލްއޭވިއޭޝަންގެ ގަވާއިދުތަކުގެ ތެރެއިން ގެނައި ބަދަލުތަކެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި އެ އެއާލައިންގެ އެއްވެސް ގަވާއިދެއްގެ ސަބަބުން އެ އެއާލައިންގެ ސަލާމަތީ ކަންކަމަށް އަސަރު ނުކުރާނެ ކަމުގެ ޔަގީންކަން ވެސް އެ އެއާލައިން އިން ވަނީ ދީފަ އެވެ.

ޕައިލެޓުން ވަނީ އެ މީހުންގެ ޝަކުވާތައް ހިމެނޭ ގޮތުން ޕެޓިޝަނެއް ވެސް ތައްޔާރުކޮށްފަ އެވެ. އޭގައި 10 ޕައިލެޓުންނަށް ވުރެ ގިނަ ލޯމްޑިވިއަންގެ ޕައިލެޓުން ސޮއިކޮށްފައިވާ ކަން ވަނީ ކަށަވަރުވެފަ އެވެ. އަދި އެ މައްސަލައިގައި މޯލްޑިވިއަންގެ ޑިޕާޓްމަންޓެއްގެ އިސްވެރިއަކާއި ސީނިއާ ޕައިލެޓަކާ ދެމެދު ހިނގާ ޒުވާބެއްގެ އޯޑިއޯއެއް ވެސް މިފަހުން ވަނީ ސޯޝަލް މީޑިއާއަށް ލީކްވެފަ އެވެ.