ލައިފްސްޓައިލް

ޓައިމްސްގެ އަހަރުގެ ސަހުސިއްޔަތަކަށްވީ ޖިންސީ ގޯނާގެ ވާހަކަ ކިޔައިދިން މީހުން

Dec 7, 2017

ޓައިމްސް މަޖައްލާއިން ކޮންމެ އަހަރަކުވެސް ހޮވާ އަހަރުގެ ސަހުސިއްޔަތު ނޫނީ "ޕާސަން އޮފް ދަ އިޔާ" މި އަހަރު ލިބެނީ ހޮލީވުޑްގައި އޮންނަ ޖިންސީ ފުރައްސާރައިގެ ކުޅިގަނޑު އެންމެ ފުރަތަމަ ފެންމަތިކުރި ފަރާތްތަކަށް ކަމަށް އެ މަޖައްލާއިން ހާމަކޮށްފި އެވެ.

"ސައިލެންސް ބްރޭކާސް"ގެ ނަމުން މަޝްހޫރުވި އެ ފަރާތްތަކުން ވަނީ، އަހަރުތަކެއް ވާންދެން ހޮލީވުޑްގައި ތަރިންނަށް ލިބެމުންދިޔަ ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާތަކުގެ ވާހަތައް އެ މީހުން އަމިއްލައަށް ވަނީ މީޑިއާއަށް ހާމަކޮށްފަ އެވެ. އެ ވާހަކަތައް ފެންމަތިވެފައިވަނީ ހޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު ހާވޭ ހެއިންސްޓަން ގިނަ ތަރިންނަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ ވާހަކަތަކެއް މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި މީޑިއާ އިން ފަޅާއަރުވާލުމުންނެވެ. އެއާ އެކު ޖިންސީ ގޯނާ ލިބިފައިވާ ގިނަ ތަރިންތަކެއް ވަނީ އެ ވާހަތައް ދައްކަން ފަށާފަ އެވެ. އޭގެ ތެރޭގައި ފިރިހެން ތަރިން ވެސް ހިމެނެ އެވެ.

ހޮލީވުޑްގެ ޖިންސީ ފުރައްސާރައިގެ ވާހަތައް ފެންމަތިވުމާއެކު އެކްޓްރެސް އެލީސާ މިލާނޯ އަދި ޓަރާނާ ވަނީ "މީޓޫ" ހޭޝްޓެގްގެ ދަށުން އެ މީހުންނަށް ލިބެމުން ދިޔަ ފުރައްސާރަތަކާއި ގޯނާތަކުގެ ވާހަކަ އާންމު ކުރުމުގެ ކެމްޕޭނެއް ޓްވިޓާގައި ހިންގައިފަ އެވެ. މި ކެމްޕޭން ފެށުމާ އެކު ގިނަ އަދަދެއްގެ ތަރިންނަށް ލިބުނު ޖިންސީ ގޯނާ އާ ޖިންސީ ފުރައްސާރައިގެ ވާހަކަތައް އެ މީހުން ވަނީ މި ހޭޝްޓޭގްގެ ދަށުން ޓްވިޓާގައި އާންމުކޮށްފަ އެވެ.

ހާވޭ ހެއިންސްޓެންގެ ފަރާތުން ޖިންސީ ގޯނާ ނުވަތަ ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށްބުނެ 80 އަށް ވުރެ ގިނަ އަންހެނުން ވަނީ އެ ވާހަކަތައް ދައްކާފަ އެވެ.

ޓައިމްސްގެ މި ނިންމުމާ އެކު، މިއީ 91 އަހަރުފަހުން އެކަކަށް ވުރެ ގިނަ މީހުން ހިމެނޭ ގްރޫޕަކުން އެމީހުންގެ ނުފޫޒު މީޑީއާގައި ގަދަކޮށް ޕާސަން އޮފް ދަ އިޔާއަށް ހޯދި ފުރަތަމަ ފަހަރެވެ.

ޖިންސީ ފުރައްސާރަ އެންމެ ގަދައަށް ކުރާ ފަރާތްތައް ކަމަށް ތުހުމަތުކުރާ މީހުންގެ ލިސްޓެއް ޓައިމްސް މެގަޒިން އިން ވަނީ އެކުލަވާލާފަ އެވެ. އޭގެ ތެރޭގައި މުނިފޫހިފިލުވުމުގެ ދާއިރާ، މީޑިއާ، ޓެކްނޮލޮޖީ ގެ އިތުރުން އެހެން ދާއިރާތައްވެސް ހިމެނެ އެވެ.

އޭގެ ތެރޭގައި ހިމެނޭ މަޝްހޫރު ބައެއް ފަރާތްތަކުގެ ތެރޭގައި އެމެޒޯންގެ ސީއީއޯ ޖެފް ބެޒޮސް، ދަ ޑްރީމާސް، ވޮންޑާ ވުމަންގެ ޑައިރެކްޓަރު ޕެޓީ ޖެންކިންސް، ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންވެސް ހިމެނެ އެވެ.

ޕާސަން އޮފް ދަ އިޔާ ދެވަނަ އަށް ގޮސްފައިވަނީ ޑޮނާލްޑް ޓްރަމްޕް އެވެ. އަދި ތިން ވަނަ އަށް ގޮސްފައިވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގް އެވެ.