ލައިފްސްޓައިލް

ޑެންމާކްގެ ހައިސްކޫލެއްގައި "މިނިވަންވަޔާ" ވިދާލައިފި

Dec 8, 2017
6

ޑެންމާކްގެ ކްރޮއޮގްރޮޕް ހައި ސްކޫލްގައި އެތައް ގައުމެއްގެ އެތައް ހާސް ދަރިވަރުންނެއް އެކި ދާއިރާތަކުން މަތީ ތައުލީމް ހާސިލްކުރެ އެވެ. ސްކޫލްގެ އިތުރު ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "ކޮޔާ" ގްރޫޕަކީ ކޮންމެ ހޯމަ ދުވަހެއްގައިވެސް އޮންނަ ހަރަކާތެކެވެ. އެކިއެކި ގައުމުތަކަށް ނިސްބަތްވާ ދަރިވަރުން ހިމެނޭތީ އެ ދަރިވަރުން ނިސްބަތްވާ ގައުމުތަކުގެ ލަވަތައް ކިއުމުގެ ފުރުސަތު ލިބެ އެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ރާއްޖެއަށްވެސް އެ ފުރުސަތު ލިބުނެވެ. އެ ސްކޫލްގައި ކްރޮސިން ބޯޑާސް ގްލޯބަލް ސްޓަޑީޒް ކިޔަވަމުން ދިޔަ ދިވެހި ދަރިވަރު އިބްރާހީމް މާހިލް މުހައްމަދު އަދި ސާޖިދާ މުފީދަށް ލިބުނު ފުރުސަތުގައި ގައުމީ ލަވަޔަކުން ގައުމު ތަމްސީލުކޮށްލީ އެވެ.

މާހިލް އިހްތިޔާރު ކުރީ ދިވެހިންގެ ތެރޭގައިވެސް މަގުބޫލުކަމެއް ލިބިފައިވާ "މިނިވަންވަޔާ" އެ ލަވަ އެވެ. ގާތްގަނޑަކަށް 30 ވަރަކަށް ކުދިން ހިމެނޭ ކޮޔާ ގްރޫޕުން ހުށަހަޅައިދިން އެ ލަވަ ދަސްކޮށްދިނުމުގައި އުޅުނީ މާހިލް އަދި ސާޖިދާ އެވެ.

"ސްކޫލްގެ ޕްރިންސިޕަލް އެއީ މިއުޒިކް ޓީޗާ، އެކި ގައުމުތަކުގެ ލަވަތައް ކިޔާނެ ކޮޔާގަ، ދެން އެއް ދުވަހު ޓީޗަރު ވިދާޅުވީ އަންނަ ހަފްތާގަ ދިވެހި ލަވައެކޭ ކިޔާނީ ރީތި ލަވައެއް ގެނެސްދޭށޭ، ދެން އަޅުގަނޑު އެ ލަވައިގެ ޔޫޓިއުބް ލިންކާ، ލިރިކްސް އަދި އިންގްލިޝް ޓްރާންސްލޭޝަނެއް ގެނެސްދިނީ، ދެން ޓީޗަރު އޭގެ ޕިއާނޯ ކޯޑްސްތައް ގެނެސްފަ އެ ލަވަ ކޮޔާގަ ކީ،" މާހިލް ބުންޏެވެ.

"އެހެން ގައުމުތަކުގެ ކުދިން ވީމަ އެކުދިންނަށް އަކުރުތައް ނުއެއް ކިޔޭނެ ދޯ ދިވެހިން ކިޔާ ގޮތަށް، އަޅުގަނޑާ ސާޖި އާ ދެމީހުން ކުދިންނަށް ދަސްކޮށްދިނީ، ލަވަ ނެގިއިރުވެސް ބެލިން ކިޔަން ފަސޭހަ ބަސްތައް ހުރި ލަވަޔަކަށް، އެގޮތުން މި ލަވަ މީ އެކަހަލަ ލަވައެއް،"

އެ ލަވައިގެ ކޮޔާގެ ވީޑިއޯއެއް ފޭސްބުކްގައި އަޕްލޯޑް ކުރުމާއެކު ގިނަ ބަޔަކު ދަނީ އެއަށް ތައުރީފްކޮށް އެ ޕޯސްޓް ޝެއާ ކުރަމުންނެވެ.