ލައިފްސްޓައިލް

އެންމެ އަވަހަށް ފައިބާ މީހަކަށް ލިބޭ ބޮޑު އިނާމު!

ވިލިމާލޭން ފުރި ފެރީ މާލޭގެ ހުޅަނގު ދެކުނު ފަރާތު ނެރުން ވަދެ ތޮށިގަނޑާ ކައިރީ ކޮށްލީ އެ ދަތުރަށް އެރިތާ 10 މިނެޓް ވެސް ނުވަނީހެވެ. އެހެންވެ، އަހަރެންނަށް އެ ދަތުރުވީ އޮފީހަށް ދިއުމުގެ ކުރިން ބޯ ހަމަ ޖައްސައިލަން މަޑު ޖެހިލާ މަޑުޖެހިލުމަކަށެވެ. ގަދަނުލުން ކަޅަށް ބަދަލުވާ ކަނޑާ ދިމާލަށް ބެލުމަކީ ހިތަށް ލިބޭ ނުހަނު ބޮޑު ޖެހުމެކެވެ. ހީކޮށްގެން އިނީ މިދަތުރަކީ އެންމެނަށް ވެސް މިފަދަ ހިތްގައިމު ދަތުރަކަށް ވީ ކަމަށެވެ. އެކަމަކު ވީ އެހެނެއް ނޫނެވެ.

ފެރީ ނެރަށް ދިމާ ކުރުމާ އެކު ރާޅު އުފެދުނީ ފަޅުތެރެއަކު ނޫނެވެ. އޮޑި ތެރޭގައެވެ. ގެނައި ނަމަ ގެނައިހާ އެއްޗެއް އެއްކޮށް މީހުން ތައްޔާރުވިއްޔަކީ އެކަންޏެއް ނޫނެވެ. އެއް ބަޔަކު ކޮޅަށް ތެދުވެ، ފެރީން ފައިބަން ހުންނަ ދޮރާ ދިމާލަށް ދިޔަ ގޮތުން އަހަރެން ހީކުރީ ފައިބަން ލިބޭނީ މިނެޓަކަށް ވުރެ މަދު ވަގުތު ކޮޅެއް ކަމަށެވެ.

"އަވަހަށް ހިނގާ ބަލަ،" އަނބިން ފިރިންނަށް، ފިރިން އަނބިންނަށް ބުނާ އަޑު އިވެމުން ދިޔައެވެ. މަށާ އެކީގައި އައިސް އިން މިހާ ވެސް އެ އޮއިވަރުގައި ފަސޭހައިން ޖެހުނެވެ.

"ފެރީ ތޮށިގަނޑުގައި ޖެހޭ އިރު އެއްގަމަށް ފައި ނޭޅިއްޖެއްޔާ ވާނީ ކިހިނެތް؟ އަހަރެމެން ގޮވައިގެން އަނބުރާ ދާނީތަ؟" އަހަންނަށް ހިތާ ހިތާ ސުވާލުކޮށްލުވުނެވެ.

ހަގީގަތުގައި އެފަދަ އެއްވެސް ތުރާލެއް ކުރިމައްޗެއް ނުވާނެ އެވެ. ވިލިމާލެއިން މާލެއަށް އައި ފެރީ އެނބުރި ދާނީ މާލޭން މީހުން އަރުވައިގެންނެވެ. މީހުން އަަރުވަން ފަށާނީ ވިލިމާލޭން އައި މީހުން ފޭބުމުންނެވެ. އެކަމަކު ދަތުވެރީންނަށް އެކަން ނޭނގޭ ކަހަލަ އެވެ. އެކަކަށް ވުރެ އަވަހަށް އަނެކަކު ފައިބަން ހަދައިގެން ކުރިމަތީގައި ހުރި މީހާގެ ކިރިޔާ ހިނގާ އުމުރުގެ ދަރިފުޅާ އޭނާއާ ދެމެދަށް ވެސް ފަޅާލާފައި ވަންނަނީ އެވެ. ގައިބާރު ދެރަ އުމުރުންް ދުވަސްވީ މީހުން އެއްލިގެން ދާހާ ބާރަށް އެމީހުންގެ ގައިގައި ޖެހި ގަންނަނީ އެވެެ. ދެނަކާ ދެނެއް ނެތެވެ.

އެހެން ދުވަހެއްގައި އަހަރެން ދިޔައީ މާލެއިން ވިލިމާލެއަށް ދާށެވެ. އެކުގައި ދަރިފުޅާއި އަންހެނުން ދިޔައެވެ. ފެރީ ޓާމިނަލްގައި ތިބީ ވިއްސަކަށް މީހުންނެވެ. އެވަގުތު ފުރަން ތައްޔާރުވެފައި އޮތީ 90 މީހުންގެ ޖާގައިގެ ފެރީއެކެވެ. އެހެންވީމާ ވަރަށް ހަމަޖެހިލައިގެން އަހަރެމެން ތިބީމެވެ. ފެރީއަށް އަރަން ދޮރު ހުޅުވައިލުމުން އެދިމާއަށް ދިޔައީ މަޑުމަޑުންނެވެ. ތިން އަަހަރުގެ ދަރިފުޅުވެސް ބޭނުންވީ ހިނގާފައި ދާށެވެ. އެކަމަަށް ފުރުސަތު ދިނީ ޓާމިނަލްގައި މީހުން މަދުވީމަ އެވެ.

މީހުން މަދަކަސް ވީ މޮޅެއް ނެތެވެ. ޓާމިނަލުން ނުކުމެ ނުކުމެ ތިއްބައި އައި ބޮޑު ފިރިހެނަކު އަވަސް ކުރަން ހަދައިގެން އެރީ މަގޭ ދަރިފުޅުގެ ފަޔަށެވެ. ވީ ތަދުން އެކުއްޖާފުޅު ރޮއިގަތެވެ. އަރައިގަތް ރުޅީގައި އެ ފިރިހެނާގެ ކޮނޑުގައި އަޅައި ވަރަށް ބާރަށް ކޮއްޕާލީމެވެ. އެސޮރު ނުވެއްޓުނީ ހަމަ ކިރިޔާއެވެެ.

ސަބަަބަކީ؟

ފެރީން ފޭބުމާއި އެރުމުގައި މީހުން މިހާ އަވަސް އަރައިގަނެގެން އުޅޭތީ ދަންނަ އެކި މީހުންގެ ހިޔާލު އެކަމުގައި ހޯދާލީމެވެ. އެކަމަކު ހިޔާލު ހޯދުމަށް މަކުރީ މީހުން އެހާ ރުހޭ ޒާތުގެ ސުވާލެއް ނޫނެވެ.

"ފެރީން އެންމެެ އަވަހަށް ފޭބޭ މީހަކަށް ލިބެނީ އެއް މިލިޔަން ޑޮލަރުގެ އިނާމެއްދޯ؟" ޖެއްސުމެއް ކަމަށް ބެލިދާނެ ގޮތަކަށް ކުރަން ފެށި ސުވާލަކީ މިއީއެވެ.

އެ ސުވާލަށް ގިނަ ޖަވާބުތަކެއް ލިބުނެވެ.

"އެހާ އަވަހަށް ފޭބޭތޯ ބަލަން ޖެހޭ ސަބަބަކީ ޓެކްސީއެއް ނުލިބޭނެ، ދެން އެހެން އުޅެނިކޮށް އޮފީހަށް ގަޑި ޖެހޭނީ،" އެކަކު ދިނީ މިޖަވާބެވެ.

އަނެކަކު ބުނީ އަވަސް ކުރަނީ ފެރީގައި ހޫނު އަރާތީ އެކަމުން ސަލާމަތްވާން ކަމަށެވެ. އޭނާ ބުނީ ފެރީތަކުގެ އެތެރޭގައި ރަނގަޅަށް ވައި ދައުތު ނުކުރާތީ ބޯ އަނބުރާ ކަމަށެވެ.

އޭނާގެ ވާހަކަ ހަގީގަތަކަށް ވެއެވެ. މާލެ-ވިލިމާލެ، މާލެ-ހުޅުމާލެ ފެރީތަކުގެ ހާލަތަކީ ހަގީގަތުގައި ވެސް އެޔެވެ. ކުޑަ ދޮރު ހުރެއެވެ. ބޮޑު ދޮރެއް ވެސް ހުރެއެވެ. އެކަމަކު އެއިން އެއްވެސް ދޮރެއް ހުޅުވާފައެއް ނުބެހެއްޓެ އެވެ. ކުޑަ ދޮރުތަކުގެ ތިރީ ކައިރި ހުންނަލެއް ތިރިކަމުން، ރާޅުޖަހައި، ލޮނު ބުރުއްސާތީ އެވެ. ދޮރުތައް ލައްޕައިލަން ޖެހިއްޖެ ހާލަތެއްގައި ވައި ވަންނާނެ އެހެން ގޮތެއް ނުހުރެއެވެ.

"މާލެ އަަށް އަންނަ އިރު އަވަސް ކުރަނީ ޓެކްސީ ނުލިބި ގަޑި ޖެހިދާނެތީ. ދެން އެހެންވިއްޔާ ވިލިނގިއްޔަށް ފައިބާ އިރު އެހެން އުޅެނީ ؟" އަހަރެން އެހީމެވެ.

އެކުވެރިޔާ ބުނީ އެއީ ބަގީއަށް ނޭރިދާނެތީ ކަމަށެވެ. އެއީ ކުޑަކޮށް ހިނި އަންނަ ޒާތުގެ ވާހަކައެކެވެ. ވިލިނގިއްޔަކީ ހާދަހައިވާ ކުޑަ ރަށެކެވެ. ބާރަށް ހިނގާ މީހަަކަސް ފަސް މިނެޓުން ނުދެވޭނެ ތަނެއް އެރަށުގައި ނުހުންނާނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

އެކަމަކު އެވަރުގެ ތަންކޮޅަކަށް ވެސް އަހަރެމެން މިހާރު ހިނގާލާފައި ދާން ބޭނުން ނުވާކަން ވިލިމާލޭ މަގުތަކަށް ބަލައި ލިޔަސް އިނގޭނެ އެވެ. މަގުތައް ފުރެމުން އެދަނީ އެކި ކުލަ ކުލައިގެ ރީތި 'ބެޓެރި ސައިކަލު' ތަކުންނެވެ. އާއްމު ހިދުމަތަށް ހުރި ބަގީ ތަކާއި ވޭންތަކުގެ އިތުރުންނެވެ.

"އޯކޭ. ފެރީއަށް އަރަން ދާ އިރު ދެން އެހެންވިއްޔާ؟ އެ ގަޑީގައި ގައިމު ތިއިން އެއްވެސް އުޒުރެއް ނޯންނާނެތާ." ކުރި ސުވާލަށް އިތުރަށް ޖަވާބު ހޯދުމަށް އަހަރެން ބުނީމެވެ. "ފެރީއަށް އަރަން އުޅޭ އިރު އެހާ ބާރަށް ދަނީ ޖާގަ ނުލިބި އެތައް އިރަކު މަޑުކުރަން ޖެހިދާނެތީ. އަރާމުކޮށްލަންް މިލިބެނީ ނުލާހިކު ކުޑަ ވަގުތުކޮޅެއް. ދެން އެވަގުތުކޮޅު އަނެއްކާ ފެރީ ޓާމިނަލަކު ހޭދައެއް ނުކުރެވޭނެ."

ރަނގަޅު ވާހަކައެކެވެ! ހުޅުމާލެއަށް ދާން ދަތުރަށް އަރާ ޓާމިނަލްގެ އިންތިޒާމު ވަރަށް ރަނގަޅެވެ. ބަހާފައިވާ ގޮޅިތަކުން ގޮޅިއަކަށް ވަދެވިއްޖެ ނަމަ އެގޮޅީގެ މީހުން ފުރާ އިރު ދަތުރަށް އެރޭނެކަން ޔަގީންވެ އެވެ. އެއީ ގޮޅިއަކަށް މީހުން ވައްދަނީ ފެރީއަކަށް އެރޭ ވަރަށް ގުނައި އަދަދުކޮށްގެންނެވެ. ގޮނޑި ޖަހާފައި ހުންނަ އަދަދަށް ބަލައިގެންނެވެ.

އެކަމަކު ވިލިމާލެއަށް ދަތުރަށް އަރަން ހުރި ޓާމިނަލްގައި އެފަދަ އެއްވެސް އުސޫލެއް ނެތެވެ. ގޮޅި ގޮޅިއަށް މީހުން ވައްދަނީ ގުނައިގެންނެއް ނޫނެވެ. އެހެންވީމާ ފެރީއަށް މީހުން އެރުމަަށް ޓާމިނަލްގެ ދޮރު ހުޅުވާލާއިރު ނުކުންނަން ދިމާ ކުރަނީ ފެރީއަށް އެއް ފަހަރާ އެރޭ ވަރަށް ވުރެ ގިނަ މީހުންނެވެ. ދެން ޖެހޭނީ ރޭސް ޖަހާށެވެ.

އެންމެ އަވަހަށް ފައިބާ މީހާއަށް ހަމަ ހަގީގަތުގައި ވެސް ލިބެނީ މިލިޔަން ޑޮލަރަށް ވުރެ އަގުހުރި އިނާމެކެވެ. އާއިލާއާ އެކު ހޭދަކޮށްލަން އިތުރަށް ލިބޭ އެންމެ ފަސް މިނެޓަކީވެސް ފައިސާއިން ވަޒަންކުރެވޭ ވަރަށް ވުރެ އަގުބޮޑު އެއްޗެކެވެ. ރޭސް ޖަހައިގެން ނޫނަސް ފެރީއަށް އަރައި ފޭބޭނެ ކަމުގެ ކަށަވަރުކަން މީހުންނަށް ލިބޭ ވަރަށް ހިދުމަތް ރަނގަޅުވާން ޖެހެ އެވެ. އެމްޓީސީސީން އަޅަންވީ 15 ބުރީގެ ހަތަރު ޓަވަރެއް ނޫނެވެ. އަޅަންވީ ރަނގަޅު ޓާމިނަލެކެވެ. ބަންނަންވީ އިތުރު ފެރީތަކެވެ.