ބޮލީވުޑް

"ރޭސް 3"ގައި އަނިލް ކަޕޫރު ބައިވެރިވޭ

Dec 9, 2017

ހިންދީ އެންމެ ބޮޑު ތްރިލާ ސިލްސިލާ ރޭސްގެ ތިންވަނަ ފިލްމު "ރޭސް 3" ގެ ލީޑްރޯލުގައި ސަލްމާން ޚާން ހިމަނައި ފިލްމުގެ މުޅި ކާސްޓު ޕްރޮޑިއުސަރު ރަމޭޝް ތައުރާނީ ބަދަލުކޮށްލީ މި ފިލްމު އަނެއް ދެ ފިލްމަށް ވުރެން ހުރިހާ ގޮތަކުން ފުރިހަމަކުރަން ބޭނުންވުމުންނެވެ.

ސަލްމާނާ އެކު މި ފިލްމު އިތުރަށް ފޯރިގަދަވާނެ ކަމަށް ބެލެވޭއިރު އޭނާ އާއެކު ދެން މި ފިލްމުގައި ފެނިގެންދާ ތަރިންނަކީ ވެސް ހުނަރުވެރި ތަރިންނެވެ. ބަތަލާގެ ރޯލުން ޖެކުއަލީން ފާނެންޑޭޒް ފެނިގެންދާއިރު، މުހިންމު ރޯލުތަކުން ބޮބީ ޑިއޯލް އާއި ސާގިބް ސަލީމް އަދި ޑެއިޒީ ޝާހް ވެސް ފެނިގެންދާނެ އެވެ.

މިހާރު ޝޫޓިން ފެށިގެން ކުރިއަށްދާ މި ފިލްމަށް އިންތިޒާރުކުރަމުން އަންނަ ފަރާތްތަކަށް މިއީ ޔަގީނުންވެސް އުފާވެރި ހަބަރެކެވެ. މި ސިލްސިލާގެ ކުރީ ދެ ފިލްމުގައި ޕްރައިވެޓް ޑިޓެކްޓިވް ރޮބާޓް ޑިކޯސްޓާގެ ރޯލުން ފެނިގެން ގޮސްފައިވާ އެކްޓަރު އަނިލް ކަޕޫރު މި ފިލްމުގައި ފެނިގެންދާނެކަން ސަލްމާން މިވަނީ ޔަގީންކޮށްދީފަ އެވެ.

ސަލްމާނާ އެކު "ރޭސް 3" ގައި ކުރީގެ އެއްވެސް ފިލްމަކުން ފެނިގެންދިޔަ އެއްވެސް ތަރިޔަކު ފެނިގެން ނުދާނެކަމުގެ ވާހަކަތައް ދެކެވިފައި ވަނިކޮށް އަނިލް މި ފިލްމާ ގުޅުންވީ ފިލްމުގެ އެންމެ ބޮޑު އެއް ސަޕްރައިޒަށެވެ. މިއާ އެކު އަނިލް ވެގެން ގޮސްފައިވަނީ މި ސިލްސިލާގެ ހުރިހާ ފިލްމެއްގައި ފެނިގެން ގޮސްފައިވާ ހަމަ އެކަނި އެކްޓަރަށެވެ.

ޕްރޮޑިއުސަރު ރަމޭޝް އާއެކު ސަލްމާން އާއި އަނިލް އަތާ އަތް ގުޅުވައިގެން ހުންނަ ފޮޓޯއެއް އާންމުކުރަމުން ކުރި ޓްވީޓެއްގައި ސަލްމާން ވަނީ އަނިލް އާއެކު މި ފިލްމު އިތުރަށް ފުރިހަމަވާނެ ކަމަށެވެ.

އަނިލް ކަޕޫރު މީގެކުރިން ވަނީ ސަލްމާނާ އެކު "ނޯ އެންޓްރީ" ކުޅެފަ އެވެ.

ރެމޯ ޑިސޫޒާ ޑައިރެކްޓްކުރާ މި ފިލްމުގައި އަނިލް ކަޕޫރު ކުޅޭގޮތަށް ހަމަޖެހިފައިވަނީ ކުރީ ދެ ފިލްމުގައި ވެސް ކުޅުނު ރޯލެވެ.

މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފިތުރު އީދާ ދިމާކޮށެވެ.