ވިޔަފާރި

ޑަބްލިއުޓީއެމްގެ ވިޔަފާރީގެ އަގު ތިން ބިލިއަން ޕައުންޑަށް އަރާ

ލަންޑަންގައި މިދިޔަ މަހު ބޭއްވި، ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް 2017) ގައި ޓޫރިޒަމް ދާއިރާއިން ހެދި ވިޔަފާރީގެ ޑީލްތަކުގެ އަގު ތިން ބިލިއަން ޕައުންޑަށް އަރާނެ ކަމަށް އެ ފެއާ އިންތިޒާމު ކުރާ ކުންފުނިން ލަފާކޮށްފި އެވެ.

ޑަބްލިއުޓީއެމް ފެއާ އިންތިޒާމު ކުރާ ކުންފުނިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނި ގޮތުގައި މިދިޔަ އަހަރުގެ ލަފާކުރެވޭ އަގު 2.8 ބިލިއަން ޑޮލަރުގައި ހުރިނަމަވެސް، މި އަހަރު ވަނީ ތިން ބިލިއަން ޑޮލަރަށް އަރާފަ އެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި ނޮވެމްވަރު 6-8 އަށް ލަންޑަންގައި ކުރިއަށް ދިޔަ ފެއާއަށް މި އަހަރު 88،000 މީހުން ޒިޔާރަތް ކުރި ކަމަށެވެ. އަދި ޑަބްލިއުޓީއެމްގެ ބަޔާ ޕްރިމިއަމް މެންބާޒްގެ ގޮތުގައި މިދިޔަ އަހަރު ޒިޔާރަތް ކުރި މީހުންގެ އަދަދު ވަނީ 10،000 އަށްވުރެ އިތުރު ވެގެން ގޮސްފަ އެވެ.

ޑަބްލިއުޓީއެމް ލަންޑަންގެ ސީނިއަ ޑިރެކްޓަރު ސައިމަން ޕްރެސް ވިދާޅުވި ގޮތުގައި ފެއާއަށް ދާ މީހުންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުންދާ ކަމަށެވެ.

އެކްސެލްގެ އޭޝިއާ / ޕެސިފިކް އަދި އިންޑިއަން އޯޝަންއަށް ހާއްސަ ކޮށްފައިވާ ހޯލް ވިކްޓޯރިޔާ ޑޮކްގައި ބޭއްވި މި އަހަރުގެ ޑަބްލިއުޓީއެމް ފެއާގައި ރާއްޖޭން ވެސް ބޮޑު ވަފުދެއް ބައިވެރިވެފައިވެ އެވެ. ދުނިޔޭގެ އެކި ގައުމުތަކުން 4500 އަށްވުރެ ގިނަ ފަރާތްތައް ތަމްސީލް ކުރާ މި ފެއާގައި ރާއްޖޭގެ 70 ޕާޓީއަކުން މިފަހަރު ބައިވެރިވި އެވެ.