ރާއްޖެ ކުޅިވަރު

ޕެނެލްޓީގައި ޓީސީ ބަލިކޮށް ނިއު ޕްރެޒިޑެންޓް ކަޕް ފައިނަލަށް

Dec 9, 2017
1

ޕްރެޒިޑެންޓް ކަޕް ސެމީ ފައިނަލްގައި ޓީސީ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު ނިއު ރޭޑިއަންޓުން ކާމިޔާބުކޮށް ފައިނަލަށް ދަތުރުކޮށްފިއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއުރު 1-1 އެއްވަރުވެފައިވުމުން ނަތީޖާ ނެރުނީ ޕެނެލްޓީ ޖަހައިގެންނެވެ. ޕެނެލްޓީގައި ނިއު ކުރިހޯދީ 2-4 ނެވެ.

އެފްއޭ ކަޕް ފައިނަލާ ހިލާފަށް މިމެޗަށް ނިކުތްއިރު ދެޓީމުގެ ފުރަތަމަ އެގާރައިންވެސް ގިނަ ބަދަލުތަކެއް ފެނިގެންގޮސްފައިވެއެވެ. ނިއުގެ ފުރަތަމަ އެގާރައިން ހަސަން އަދުހަމް (ސަޑޭ)، މުހައްމަދު ރަޝީދު (ހޮކޭ)، އަހުމަދު ނުހާދު (ގުއްޕެ)، އަލީ ޝާމިއު (މައިތޯ) އަދި އިމްރާންގެ ބަދަލުގައި ކީޕަރަކަށް ކުޅުނީ މުހައްމަދު ފައިސަލް އެވެ.

ޓީސީ ޓީމުގެ ފުރަތަމަ އެގާރައިން ޒުވާން ގިނަ ކުޅުންތެރިންނަށް ފުރުސަތު ދީފައިވެއެވެ. އަކްމަލް މުހައްމަދު، މުހައްމަދު އަޖުފާން، މުހައްމަދު މާޒިން، ނަޝާހް އަހުމަދު އަދި މުރުތަލާ އަދްނާ ފުރަތަމަ އެގާރައިން މެޗަށް ނިކުމެފައެވެ. ޓީސީގެ ކެޕްޓަން މުހައްމަދު ހަނީފް އެޓީމުގެ ބެންޗުގައިވެސް ނެތެވެ.

ބެލެވޭގޮތުގައި ދެޓީމުގެވެސް މުހިންމު ގިނަ ކުޅުންތެރިންތަކެއް މިމެޗުގެ ފުރަތަމަ އެގާރައިގައި ހިމަނާފައިނުވަނީ އެކުޅުންތެރިންނަށް ރެސްޓު ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.

މެޗު ފަށައިގެން ފުރަތަމަ 15 މިނިޓު ބޯޅަ ހިފަހައްޓައިގެން ޓީމު ކުރިއަށް ޖައްސައިގެން ކުޅުނީ ނިއު އެވެ. ނާތީޖާއެއްގެ ގޮތުން އެޓީމުން މެޗުގެ ލީޑު ނެގއެވެ.

މިލަނޑު ފެނިގެންދިޔައީ މެޗުގެ 15 ވަނަ މިނިޓުގައެވެ. އަރިމަތިން އަލީ ފާސިރު (ސެންޓޭ) ހިލޭ ޖެހުމަކުން ނަގައިދިން ހުރަސް ގޯލްގެ ތެރެއަށް ބޮލުން ފޮނުވާލީ ޒުވާން ކުޅުންތެރިނާ ޝާމިއު (މައިތޯ) އެވެ.

ނިއުގެ ގޯލަށް ފަހު ޓީސީއިން ކުރިއަށް ޖެހިގެން ނިއުގެ ގޯލަށް ނުރައްކާ ކުރަން ފެށިއެވެ. އެގޮތުން ޓީސީއިން މެޗުގެ ނަތީޖާ އެއްވަރުކުރީ މެޗުގެ 30 ވަނަ މިނިޓުގައެވެ. ނިއުގެ އޭރިޔާ ތެރެއިން ލިބުނު ބޯޅައެއް ގޯލްގެ ދުރުކަނަށް ފޮނުވާލައިގެން މިލަނޑު ކާމިޔާބުކުރީ އަކްމަލް މުހައްމަދު އެވެ.

މެޗުގެ 42 ވަނަ މިނިޓުގައި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)އަށް ޓީސީއަށް ލީޑު ނަގައިދިނުމަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެގެންދިޔަ އެވެ. ނިއުގެ ޑިފެންޑަރުންނަށް ހެދުނު ގޯލެއްގެ ސަބަބުން އިއްބެއަށް ހުސްކޮށް ލިބުނު ބޯޅަ އެނާ ކުރިއަށް ފޮނުވާލިނަމަވެސް އެބޯޅައިގައި ބާރެއް ނެތެވެ.

މެޗުގެ ދެވަނަ ހާފްގައި ދެޓީމަުންވެސް ފުރުސަތުތަކެއް ތަނަވަސް ކުރިއެވެ. ނަމަވެސް ގޯލެއް ނުރައްކާ ކުރެވޭ ވަރުގެ ފުރުސަތުތަކެއް ނުލިބެއެވެ. ދެވަނަ ހާފްގެ ފަހު ކޮޅު ފެނުނީ ވަރަށް ލަސް ކުޅުމެކެވެ. ޓީސީ ކައުންޓާ އެޓޭކުގައި ނުރައްކާ ކުރަން މަސައްކަތް ކުރިއިރު ނިއު ރޭޑިއަންޓުން ބެލީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ލަނޑެއް ކާމިޔާބުކުރުމަށެވެ.

މެޗުގެ ފުރިހަމަ ވުގުތު ހަމަވިއިރު މެޗު ނިމުގެން ގޮސްފައިވަނީ 1-1 ނަތީޖާއަކުންނެވެ. ނަތީޖާ ނެރެންޖެހޭ މެޗަކަށް ވުމުން ދިޔައީ ޕެލެންޓީއަށެވެ.

ޕެނެލްޓީގައި ފުރަތަމަ ޖެހީ ނިއުއިންނެވެ. އަލީ އަޝްފާގް (ދަގަނޑޭ) ފޮނުވާލި ޕެނެލްޓީ ކާމިޔާބުކުރިއިރު ޓީސީއިން ފުރަތަމަ ޕެނެލްޓީ ޖެހީ އިބްރާހިމް ވަހީދު (އިއްބެ)އެވެ. ނަމަވެސް އޭނާ ފޮނުވާލި ޕެނެލްޓީ ފައިސަލް ވަނީ މަތަކޮށްފައެވެ. ނިއުގެ ދެވަނަ ޕެނެލްޓީ އޮއްޕޮ ގޯލްގެ ތިރީ ކަނަށް ފޮނުވާލިއިރު ޓީސީގެ ދެވަނަ ޕެނެލްޓީ ފޭދޫ އިއްބެ ވަނީ ކާމިޔާބުކޮށްފައެވެ. ނިއުގެ ތިންވަނަ ޕެނެލްޓީ އަކޫ ޗިޕަކުން ގޯލްގެ މެދަށް ފޮނުވާލިއިރު ޓީސީއިން އައްޒާމް ގޯލްގެ މެދަށް ފޮނުވާލި ޕެނެލްޓީ ފައިސަލް ވަނީ ދިފާއުކޮށްފައެވެ. ފަހު ޕެނެލްޓީ ޖެހީ ނިއުގެ ސެންޓޭއެވެ. އެނާ ވަނީ އެޕެނެލްޓީ ކާމިޔާބުކޮށްފަ އެވެ.

މިނަތީޖާ އާއި އެކު ނިއު ގައުމީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައިވާއިރު މިމެޗުން ބަލިވި ޓީސީއަށް އަދިވެސް ފައިނަލަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. ތިންވަނަ ސެމީ ފައިނަލްގައި ޓީސީ ނިކުންނާނީ މިރޭ މާޒިޔާ އާއި ތިނަދޫ ބައްދަލުކުރާ މެޗު ކާމިޔާބުކުރާ ޓީމަކާ އެވެ.