އެކްޓަރު އަބީޝެކް ބައްޗަން ފިލްމެއްގެ މަސައްކަތް ނުކުރާތާ އަހަރަކަށް ވުރެން ގިނަ ދުވަސްވެއްޖެ އެވެ. އަބީޝެކްގެ ގާތް އެހެން ވާދަވެރި އެކްޓަރުން ބުރަކޮށް އެއް ފަހަރާ ދެތިން ފިލްމެއްގައި މަސައްކަތް ކުރަމުން އަންނައިރު، އަބީޝެކްގެ ފިލްމީ ކެރިއަރު އޮތީ ވަޅުޖެހިފަ އެވެ.
މިދިޔަ އަހަރު ނިކުތް "ހައުސްފުލް 3" ގައި ފެނިގެންދިޔަ އަބީޝެކް އެންމެފަހުން ކުޅެން ހުށަހެޅުން ލިބުނު "ޕަލްޓަން" ވަނީ ފިލްމުގެ ޝޫޓިން ފެށުމުގެ އެއް ދުވަސްކުރިން ދޫކޮށްލާފަ އެވެ.
އަބީޝެކް ފިލްމީ ކެރިއަރު ވަޅުޖެހިފައި އޮތްއިރު އުންމީދު ކުރަމުން އައި "ހައުސްފުލް" ސިލްސިލާގެ ހަތަރު ވަނަ ފިލްމުން އޭނާ ވަނީ ބޭރުކޮށްލާފަ އެވެ.
މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާ ހައުސްފުލް ފްރެންޗައިޒްގެ ހަތަރު ވަނަ ފިލްމުން އަބީޝެކް ބޭރުކޮށްލިއިރު "ހައުސްފުލް 3" އިން ފެނިގެން ގޮސްފައިވާ އެހެން ހުރިހާ ތަރިން އެ ފިލްމުން ފެނިގެންދާނެ ކަމަށްވެ އެވެ.
ސާޖިދް ޚާން ޑައިރެކްޓްކުުރުމަށް ހަމަޖެހިފައިވާ އެ ފިލްމަކީ ހިންދީ ސިނަމާގައި އުފައްދާ އެންމެ އަގުބޮޑު ކޮމެޑީ ފިލްމަށް ވެގެންދާނެ ކަމަށް އެ ފިލްމު ޕްރޮޑިއުސްކުރާ ސާޖިދް ނަޑިއަޑްވާލާ ވަނީ މީގެކުރިން ބުނެފަ އެވެ.
ދެހާސް ނަވާރަ ވަނަ އަހަރު ރިލީޒްކުރަން ހަމަޖެހިފައި އޮތް އެ ފިލްމުން އަބީޝެކްގެ ބަދަލުގައި ފެނިގެންދާނެ ކަމަށް ބެލެވެނީ ޖޯން އަބްރަހަމް އެވެ.
އަބީޝެކް "ހައުސްފުުލް 4" އިން ބޭރުކޮށްލުމުން ވަނީ ޕްރޮޑިއުސަރު ސާޖިދް ކުރެން އޭނާ އެ ފިލްމުގައި ހިމެނުމަށް އެދިފަ އެވެ.
ބުނެވޭ ގޮތުގައި ފިލްމުގެ ކާސްޓަށް ގެނައި މި ބަދަލަކީ ކުރީ ތިން ފިލްމަށް ވުރެން ހަތަރު ވަނަ ފިލްމުގެ ވާހަކަ ވަރަށް ބޮޑަށް ތަފާތުވުމުންނެވެ. ހަތަރު ވަނަ ފިލްމު ބިނާވެފައިވާނީ ދެ ޒަމާނެއްގައި ބިނާވެފައިވާ ވާހަކައެއްގެ މައްޗަށެވެ.
ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ބާހުބަލީ ސިލްސިލާގެ ފިލްމާ އެއް ފެންވަރެއްގައި މި ފިލްމު އުފައްދަން އަންނަނީ ތައްޔާރުވަމުންނެވެ.
"ހައުސްފުލް 4" ގައި ފެނިގެންދާނެ ތަރިންނަކީ އަކްޝޭ ކުމާރާއި ރިތޭޝް ދޭޝްމުކް އަދި އަރްޖުން ރާމްޕަލް އާއި ޖޯން އަބްރަހަމް އެވެ.
މިހާރު އަބީޝެކްގެ އަތުގައި ކުޅެން ހަމަޖެހިފައި އޮތީ ޕްރަބޫދޭވާ އަދި ޕްރިޔަދަރްޝަންގެ ދެ ފިލްމެކެވެ.