ރިޕޯޓް

ކުޅުދުއްފުށީ ހޮސްޕިޓަލްގެ ބޮޑު ހުވަފެން މިދަނީ ފަނުފުލުން!؟

އުތުރުގެ ހިތުގެ ގޮތުގައި ސިފަކުރެވޭ، ހދ. ކުޅުދުއްފުށީގައި ހުންނަ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ، އާބާދީ ބޮޑު އުތުރުގެ ތިން އަތޮޅުގެ ރައްޔިތުން ހިދުމަތް ހޯދަމުންދާ ވަރަށް "ބިޒީ" ހޮސްޕިޓަލެކެވެ. އެތައް ބަޔަކަށް އެއް ދުވަހާ ފަރުވާދޭއިރު އެ ހޮސްޕިޓަލަކީ ރާއްޖޭގައި ދެވަނައަށް އެންމެ ގިނަ މީހުންދާ ހޮސްޕިޓަލަށް ވާނެ އެވެ. ހޮސްޕިޓަލްގެ ފެންވަރު ރަނގަޅު ކުރުމަށް ސަރުކާރުތަކުން ގިނަ ފިޔަވަޅުތަކެއް އެޅި ނަމަވެސް އެންމެ ބޭނުންވާ ތަރައްގީ ހޮސްޕިޓަލަށް އޮތީ ނުލިބި އެވެ. އެހެން އޮތްވާ ބޮޑު ފިޔަވަޅެއް އަޅައި، ބޮޑު އުއްމީދާއެކު ހުވަފެން ދެއްކީ މި ސަރުކާރުންނެވެ. ސިއްހީ ބޮޑު އިންގިލާބަކަށް ކުޅުދުއްފުށީ ހޮސްޕިޓަލް ވެގެންދާނެ ކަމުގެ ރީތި ހުވަފެން މި ސަރުކާރުން ކުރައްސާ ދިނެވެ.

އިންޑިއާގެ މަޝްހޫރު ހޮސްޕިޓަލް، ނިމްސް ހިންގަމުންދާ ކުންފުނި، ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެންއައިއައި)އާ ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގުމަށް ހަވާލު ކުރުންވީ އެތައް ހުވަފެނެއްގައި ހަގީގީ ކުލަ ޖެހޭނެ ކަމުގެ ކުލަ އުއްމީދު އާވެގެން ދިޔަ ކަމަކަށެވެ. ހިސާބުގެ ހުރިހާ ރައްޔިތުން ހެއްވާލި ކަމެކެވެ. އެ ހޮސްޕިޓަލް އެ ކުންފުންޏާ ހަވާލުކުރީ، ވަރުގަދަ އެއްބަސްވުމެއް ހެދުމަށްފަހު އެވެ. ގިނަ ކަންތައްތަކެއް ކުރާނެ ކަމަށް އެ ކުންފުނިން އޮތީ ވައުދުވެފަ އެވެ. ވަކި މުއްދަތުތަކެއް ވެސް އޮތީ ދީފަ އެވެ. ނަމަވެސް އެންއައިއައި އިން ހޮސްޕިޓަލްއާ ހަވާލުވެ މިވީ 90 ދުވަހުގެ ތެރޭގައި ހާސިލުކުރަން ކަނޑައެޅި އެއްވެސް ކަމެއް އެއްބަސްވުމާ އެއްގޮތަށް ކުރެވިފައެއް ނުވެ އެވެ.އޭގެ ބަދަލުގައި ހޮސްޕިޓަލްގެ ހާލަތު ވަނީ ފަހަތަށް ސޮއްސާލައިފަ އެވެ.

ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ސީޓީ ސްކޭން މެޝިނާއި އެމްއާރުއައި މެޝިން ބަހައްޓަން އޮތީ ރާވަފަ އެވެ. އެ މެޝިނަރީތައް ރާއްޖެ ގެނެސް، ބަހައްޓާނެ ތަން ތައްޔާރުކޮށްފައިވީ ނަމަވެސް އަދިވެސް އެ ހިދުމަތް ދޭކަށް ނުފެށެ އެވެ. ތެލެސީމިއާ ސެންޓަރުގެ ހިދުމަތަކީ އެންމެ އުއްމީދު ކުރި ހިދުމަތަށްވީ ނަމަވެސް އެކަމުގެ ނިޝާނެއް ވެސް ނެތެވެ. ހަމައެހެންމެ ތިން މަސް ދުވަހުގެ ތެރޭގައި ދޭން ފަށާނެ ކަމަށް ބުނެފައިވާ ސުޕަ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ހިދުމަތް ވެސް ވަނީ ނުފެށި އެވެ. އޭގެ ބަދަލުގައި ޑޮކްޓަރުންގެ ތާށިކަން ހޮސްޕިޓަލަށް ވަނީ ކުރިމަތިވެފަ އެވެ. އެ ހޮސްޕިޓަލްގައި 24 ގަޑިއިރު ޑޮކްޓަރުން މިހާރު ނުތިބޭ ކަމުފެ ޝަކުވާ އާންމުން ކުރެ އެވެ. ބައެއް ގަޑިތަކުގައި އޯޕީޑީ އާއި އެމެޖެންސީ ވޯޑްގައި ވެސް މެޑިކަލް އޮފިސަރެއް ނުހުންނަ ކަމުގެ ޝަކުވާ ވެސް ބޮޑެވެ. އޭގެ އިތުރުން ސްކޭން ޑޮކްޓަރާއި ކުޑަކުދިންގެ ޑޮކްޓަރެއް މި ވަގުތު ނެތެވެ. އެކަމުގެ ސަބަބުން ވިހެއުމުގެ ކަންކަން ވަނީ ދަތިވެ، ބޮޑެތި ތުރާލާ ކުރިމަތިވެފަ އެވެ.

ހޮސްޕިޓަލްގެ ހިދުމަތްތަކާ ގުޅޭ ގޮތުން ތަނަށްދާ މީހުންގެ ޝަކުވާ ބޮޑުވެފައިވާއިރު ހިދުމަތްތަކުގެ ފެންވަރު ދަށަށް ދިޔަ އެންމެ ބޮޑު ސަބަބަކީ ހޮސްޕިޓަލަށް މިހާރު ކުރިމަތިވެފައިވާ މާލީ ދަތިކަމެވެ. އެ ހޮސްޕިޓަލަކީ ވޯކިން ކެޕިޓަލެއް ނެތި، މުޅިން ވެސް ކްރެޑިޓަށް އާސަންދަ މެދުވެރިކޮށް ހިދުމަތް ދެމުން އަންނަ ހޮސްޕިޓަލެކެވެ. ނަމަވެސް ޖުލައި މަހުން ފެށިގެން އެ ހޮސްޕިޓަލަށް އާސަންދައިން އެއްވެސް ފައިސާއެއް ނުލިބެ އެވެ. އެއީ ގިނަ އަދަދެއްގެ ފައިސާ އެވެ. އެ ފައިސާ ނުލިބި ވަނީ ވެސް އެ ހޮސްޕިޓަލް ހިންގަން ތިބި ފަރާތްތަކުން އިންވޮއިސްތައް ފޮނުވުމުގައި ލަސްވުމުންނެވެ. އެ މީހުންގެ އިހުމާލުތަކެއް އޭގައި އޮތީމަ އެވެ.

"ސެޕްޓެމްބަރު މަހުގެ އިންވޮއިސްތައް އެ ހޮސްޕިޓަލަށް އާސަންދައަށް ފޮނުވުނީ އޮކްޓޯބަރު މަހުގެ ތެރޭގަ، އެއީ ވަރަށް ބައިވަރު އިންވޮއިސްތަކެއް، އެ އިންވޮއިސްތައް ޕްރޮސީޗާކުރަން ދުވަސްތަކެއް ނަގާނެ ކަމަށް ގަބޫލުކުރަން، އެހެންވެ އެ ފައިސާ ނުލިބިގެނެއް ނޫން މި ދަތިތަކާ ކުރިމަތިވެފަ މިވަނީ،" ނޫރުލް އިސްލާމް އިންޓަނޭޝަނަލް ކުންފުނީގެ ޑިރެކްޓަރު އަލީ އުސެއިދު ވިދާޅުވި އެވެ.

އިންޑިއާގެ މަޝްރޫހު ހޮސްޕިޓަލެއް ވެސް ހިންގާ، މި ކުންފުންޏަށް އާސަންދައިން ފައިސާ ނުލިބިގެން ހޮސްޕިޓަލެއް ނުހިންގި އޮތުމަކީ ގަބޫލު ކުރެވޭ ކަމެއް ވެސް ނޫނެވެ. އެހެން ސަބަބުތައް ވެސް އެބަހުއްޓެވެ. ކުޅުދުއްފުށީ ހޮސްޕިޓަލް މިހާރު ހިންގަމުންދާ ނޫރުލް އިސްލާމް އިންޓަނޭޝަނަލަކީ، އިންޑިއާގެ ނޫރުލް އިސްލާމިކް ޓްރަސްޓް ފަންޑާއެކު ހަދާފައިވާ ޖޮއިންޓް ވެންޗާއެކެވެ. އެ ޓްރަސްޓް ފަންޑުގެ ފަރާތުން އެއްބަސްވުމާ އެއްގޮތަށް ފަހިކޮށްދޭންޖެހޭ ކަންކަން ފަހިކޮށްދެމުން ނުދެ އެވެ.

"ނޫރުލް އިސްލާމިކް ޓްރަސްޓް ފަންޑުން ވެސް އޮބްލިގޭޝަންތައް ފުލްފިލް ނުކުރައްވާތީ މި ދަތިތަކާ ކުރިމަތިވެފަ މިވަނީ، މިކަންކަން ވާނީ ނޫރުލް އިސްލާމިކް ޓްރަސްޓް ފަންޑާ ވެސް ހިއްސާކޮށްފަ، އެކަމަކު އެކަމަށް އެ ބޭފުޅުން ދެއްވަންޖެހޭ އަހައްމިޔަތުކަން ދެއްވާ ކަމަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" އުސެއިދު ވިދާޅުވި އެވެ.

ހޮސްޕިިޓަލް ހިންގާނެ ފައިސާ އެއް ފަރާތަކުން ވެސް ލިބެމުން ނުދާއިރު އެ ހޮސްޕިޓަލަށް ބައެއް ހިދުމަތްތައް ފޯރުކޮށްދޭ ވިޔަފާރިވެރިންގެ ޝަކުވާތައް ވެސް ވަނީ ބޮޑުވެފަ އެވެ. އެ ހޮސްޕިޓަލަށް އޮކްސިޖަން ސަޕްލައިކޮށްދޭ ފަރާތަށާއި ބައެއް ދަތުރުތައް ކޮށްދޭ ފަރާތްތަކުގެ ގިނަ ބިލްތަކެއް ނުދެއްކި އެބަ ހުއްޓެވެ.

މިހާރު އެ ހޮސްޕިޓަލަށް ދިމާވެފައިވާ ހާލަތަކީ ސަރުކާރުން ލިބެންޖެހޭ އެއްވެސް އެއްބާރުލުމެއް ނުލިބިގެން ދިމާވާ ކަމެއް ނޫން ކަމަށް އެ ހޮސްޕިޓަލްއިން ވަނީ ބުނެފަ އެވެ. ނަމަވެސް މީގައި ސަރުކާރުގައި ޒިންމާތަކެއް ނެތެކޭ ނުބުނެވޭނެ އެވެ.

އެތައް ގިނަ އުއްމީދުތަކާ ގުޅިފައިވާ އެ ހޮސްޕިޓަލްގެ ފެންވަރު ދުވަހެއް ދުވަހަކަށް ފަހަތަށް ދާއިރު، ސަރުކާރުން އެކަމުގައި ފިޔަވަޅުތަކެއް އަޅަންޖެހޭނެ ކަމަށް ގަބޫލުކުރެ އެވެ. ރައީސް އަބްދުﷲ ޔާމީން ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލް 150 އެނދުގެ މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ހިންގާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާއިރު އެކަން ހާސިލުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެކެވެ. ވޯކިން ކެޕިޓަލެއް ނެތް ބައެއްގެ އަތް މައްޗަށް ބޮޑު ހޮސްޕިޓަލެއް ދޫކޮށްލުމަށްފަހު ހޮސްޕިޓަލްގެ ފެންވަރު ދަށްވެގެންދާ ތަން ބަލަން ތިބުން އެއީ އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟