ވިޔަފާރި

ބޭންކްތައް މި މަހުގެ 31 ގައި ބަންދުވާނެ

Dec 10, 2017

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ބޭންކިން ހިދުމަތްތައް މިމަހުގެ 31 ވަނަ ދުވަހު ބަންދުވާނެ ކަން އިއުލާންކޮށްފި އެވެ. އެމްއެމްއޭގެ ބަންދު ދުވަހާ ދިމާކޮށް ރާއްޖޭގައި ހިދުމަތް ދޭ ހުރިހާ ބޭންކްތައް ވެސް ކޮންމެ އަހަރަކު ބަންދު ކުރެ އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭއިން ނެރެފައިވާ ނޫސް ބަޔާނެއްގައި ވަނީ އެ އޮތޯރިޓީން ބޭންކިން ހިދުމަތް ދޭން ހަމަޖެހިފައިވާ އެންމެ ފަހު ދުވަހަކީ މިމަހުގެ 28 ވާ ބުރާސްފަތި ދުވަހު ކަމަށެވެ.

ކޮންމެ އަހަރެއްގެ ވެސް އަހަރު ނިމޭ ދުވަހު ބޭންކްތައް ބަންދު ކުރަނީ އަހަރު ނިންމާލާ ބޭންކްތައް އޮޑިޓް ކުރުމަށް ޓަކަ އެވެ. މިއަހަރު އަދި ބޭންކްތައް ބަންދު ކުރާނެކަން ވަކިވަކި ބޭންކްތަކުން އަދި އިއުލާނެއް ނުކުރެ އެވެ. އެހެން ނަމަވެސް ކޮންމެ އަހަރަކުވެސް އެމްއެމްއޭ އިން ބަންދު ކުރާ ދުވަހާ ދިމާކޮށް ބޭންކްތައް ބަންދު ކުރެ އެވެ.