ހަބަރު

މާދަމާ މުޒާހަރާއަކީ ގާސިމް ހަރަދުކޮށްގެން ހިންގަން އުޅޭ ހަމަނުޖެހުމެއް: އަދީބު

މާދަމާގެ ހަރަކާތަކީ ޖުމްހޫރީ ޕާޓީ އިން ފައިސާ ދީގެން އަދާލަތު ޕާޓީ އިން ކޮންޓްރެކްޓް އުސޫލުން ހިންގާ ކަމެއް ކަމަށް، ޓްއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ. 

ޕީޕީއެމްގެ ޕީޖީގެ ފަރާތުން މުލިއާގޭގައި ބޭއްވި ޕްރެސްކޮންފަރެންސްގައި އަދީބު ވިދާޅުވީ، މިއީ ސަރުކާރުން ތަރައްގީ ގެންނާތީ އެކަން ހުއްޓުވަން ވެގެން އިދިކޮޅު ފަރާތްތަކުން ގެންދާ ސިޔާސީ ކަންތައްގަޑެއްގެ ސިލްސިލާއެއް ކަމަށެވެ. އަދި އެކަން ކިތަންމެ ފޮރުވިގެން ކުރި ނަމަވެސް އެކަމަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފަންޑުކޮށްގެން ކުރާ ކަމެއް ކަން އެނގޭ ކަމަށެވެ. އަދި ގާސިމް މިވަގުތު ވެސް ހުންނެވީ ބެންކޮގްގައި ފިލާ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

"ކިތަންމެ ފޮރުވައިގެން ކުރިއަށް މިއީ ގާސިމް ފަންޑުކޮށްގެން ކުރާ ކަމެއް، އަދާލަތު ޕާޓީއިން ކޮންޓްރެކްޓް އުސޫލުން ހިންގާ ކަމެއް، ޝެއިހް އިމްރާން އާއި އަލީ ވަހީދު އާއި ޖޭޕީ އަމީން މެން ތިއްބަސް ގާސިމް ބެންގްކޮކްގައި ފިލާ ހުރެގެން ފަންޑުކޮށްގެން ކުރާ ކަމެއް ކަންކަން މިއީ ވަރަށް ސާފު،" އަދީބު ވިދާޅުވި އެވެ.

މާދަމާގެ ހަރަކާތަކީ ސުލްހަވެރި ހަރަކާތެއް ނޫންކަން ފާހަގަ ކުރައްވައި އަދީބު ވިދާޅުވީ، ހިތާމަ ހުރި ކަމަކީ އިމްރާންމެން ފަދަ ދީނީ އިލްމްވެރިން ދީނީ ކާޑު ބޭނުންކޮށްގެން ނިކުމެ ޖިހާދު ހުއްދަ ކަމަށް ބުނެ، ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތް ކުރުން ކަމަށެވެ. އަދި އިމްރާން މެން އެފަދަ ވާހަކަތައް ދައްކަނީ ގާސިމް ފައިސާ ދެއްވައިގެން ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ. އަދި މިއީ ދީނީ އިލްމްވެރިންގެ ކިބައިން ފެންނަން ބޭނުންވާނެ ކަންތައްތަކެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"އިމްރާނަކީ ފައިސާގެ އަޅަކަށް ވެފައިވާ މީހެއް. އެބޭފުޅާ މިކަންކަން މި ކުރައްވަނީ ސީދާ ކޮންޓްރެކްޓް އުސޫލުން،" އަދީބު ވިދާޅުވި އެވެ.

މޭޑޭގެ ހަރަކާތުގައި ހަމަނުޖެހުން ހިންގަން އިމްރާން މެން ކިތަންމެ ވަރަށް މަސައްކަތް ކުރެއްވިއަސް އެކަމަށް ޖާގައެއް ނުދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެފަދަ ކަންކަމާ ދެކޮޅަށް މަސައްކަތްކޮށް ގައުމުގައި އަމާންކަން ގާއިމް ކުރަން ސަލާމަތީ ހިދުމަތްތަކުން ތިބީ ފުރިހަމައަށް ތައްޔާރަށް ކަމަށް ވެސް ވިދާޅުވި އެވެ. ހަމަނުޖެހުމެއް ހިންގައި ލޭ އޮހޮރުވަން މަސައްކަތް ނުކުރެއްވުމަށް އަދީބު ނަސޭހަތްތެރިވެ ވަޑައިގަތެވެ.

"ހަމަނުޖެހުމެއް ހިންގަން ފުރުސަތެއް ނޯންނާނެ. އެކަމަށް ޖާގައެއް ނެތް،" އަދީބު ވިދާޅުވި އެވެ،