ބޮލީވުޑް

އާމިރާއި ޕްރިޔާންގެ ފިލްމަކަށް އިތުރު އިންތިޒާރެއް

Dec 11, 2017
1

ނުވަދިހައިގެ ކުރީކޮޅު ބޮލީވުޑްގައި ރަނިކަން ކުރި ބަތަލާއިން ފެށިގެން މިދިޔަ އަހަރު ބޮލީވުޑަށް އަލަށް ނިކުތް ބަތަލާއިންނާ ހަމައަށް ސުޕަސްޓާ އާމިރް ޚާން ވަނީ ގިނަ ބަތަލާއިންނާ އެކު ފިލްމު ކުޅެފަ އެވެ. އާމިރާ އެކު ފިލްމެއް ކުޅުމުގެ ފުރުސަތު ނުލިބި ތިބީ މަދު ބަތަލާއިން ތަކަކަށެވެ. އޭގެ ތެރޭގައި ބޮލީވުޑްގެ ކުރީ ސަފުން ގުނާލެވޭ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ވެސް ހިމެނެ އެވެ.

އާމިރާއި ޕްރިޔަންކާގެ ފިލްމަކަށް ބެލުންތެރިން އެދިއެދި ތިއްބައި މިފަހުން މިދެތަރިންނަށް ވަނީ އެކުގައި ފިލްމެއް ކުޅުމުގެ ފުރުސަތު ލިބިފަ އެވެ.

ހަނދަށް ދިޔަ އިންޑިއާގެ ފުރަތަމަ އެސްޓްރޮނޯޓް ރާކޭޝް ޝަރްމާގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގެ ލީޑްރޯލު ކުޅެން އާމިރް އާއި ޕްރިޔަންކާ އަށް ލިބުނު ފުރުސަތު ގަބޫލުކުރި ނަމަވެސް އާމިރް މިހާރު ވަނީ މި ފިލްމު ނުކުޅެން ނިންމާފަ އެވެ.

މަހޭޝް މަތާއީ ޑައިރެކްޓްކުރާ "ސެލިއުޓް" ނަމަކަށް ކިޔާ ފިލްމު އާމިރް ދޫކޮށްލީ އޭނާ އާއި ފިލްމުގެ ކްރިއޭޓިވް ޓީމާ ދެމެދު ހިޔާލު ތަފާތުވުންތައް ގިނަވެ އެކަމަށް ހައްލެ ނުލިބުމުންނެވެ.

އާމިރް، ރާކޭޝްގެ ރޯލުން ފެނިގެންދާ ގޮތަށް ހަމަޖެހިފައި އޮތް މި ފިލްމުގައި ޕްރިޔަންކާ ކުޅޭ ގޮތަށް ހަމަޖެހިފައި އޮތީ އޭނާގެ އަންހެނުން ރޯލެވެ.

އާމިރް މިހާރު ކުޅެމުން އަންނަ "ތަގްސް އޮފް ހިންދުސްތާން" ގެ ޝޫޓިން ނިމުމުން މި ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖައްސައި ހުރިހާ ކަމެއް ނިންމާފައި އޮތް ނަމަވެސް އޭނާ ވަނީ ފަހު ވަގުތު ފިލްމު ދޫކޮށްލާފަ އެވެ.

އާމިރް އަކީ އޭނާ ކުޅޭ ކޮންމެ ފިލްމެއް ވެސް އެންމެ ފުރިހަމަ ފިލްމަށް ހަދަން އޭނާގެ ހިޔާލުތައް އެ ފިލްމެއްގައި ހިމަނާ ތަރި އެކެވެ. ފިލްމުތައް ކުޅެން ހަށިގަނޑަށް ގެންނަ ބަދަލާ އެއްވަރަށް އުފެއްދުންތެރި ހިޔާލުތައް ފިލްމުތަކަށް އެންމެ ފުރިހަމަ އަށް ގެންނަން މަސައްކަތްކުރެ އެވެ.

އާމިރް މި ފިލްމު ދޫކޮށްލުމުން އެ ރޯލު ސުޕަސްޓާ ޝާހްރުކް ޚާނަށް ހުށަހަޅާފައިވާ ކަމުގެ ވާހަކަތަކެއް ވެސް އަންނަނީ ދެކެވެމުންނެވެ.

ބޮލީވުޑްގައި އިތުރު ސްޕޭސް ފިލްމެއް އުފައްދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެއީ ސުޝާންތް ސިންގް ރާޖްޕުތް ލީޑްރޯލުން ފެނިގެންދާ "ޗަންދާ މަމާ ދޫރްކޭ" އެވެ. އެ ފިލްމުގެ މުހިންމު ރޯލަކުން އާރް މާދަވަން ވެސް ފެނިގެންދާނެ އެވެ.