ވިޔަފާރި

އެފްޓީއޭގައި ރާއްޖެއިން 64 ދާއިރާ، ޗައިނާއިން 98 ދާއިރާއެއް ހުޅުވާލާ

ޗައިނާ- ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) ގައި ރާއްޖޭން 64 ދާއިރާއެއް ހުޅުވާލާއިރު، ޗައިނާ އިން 98 ދާއިރާއެއް ހުޅުވާލަން ދެ ގައުމުން އެ އެއްބަސްވުމުގައި އެއްބަސްވެއްޖެ އެވެ.

ދެ ގައުމަށް ވެސް ފައިދާތައް ހިމެނޭ ގޮތަށް އެކުލަވާލާފައިވާ އެފްޓީއޭ އެއްބަސްވުމުގައިވާ ގޮތުން، ރާއްޖޭން ހުޅުވާލާ ދާއިރާތަކުގެ ތެރޭގައި ޓެކްސް އެޖެންޓުންނާއި އިމާރާތް ކުރުމުގެ ދާއިރާއާ ގުޅުންހުރި ބައެއް ދާއިރާތައް އަދި މާކެޓިން އަދި ސޭލްސް ފަދަ ދާއިރާތައް ހިމެނެ އެވެ. އަދި މީގެ އިތުރުން އެންމެ ފާހަގަ ކޮށްލެވެނީ ރާއްޖޭގައި ބޭރު މީހުންނަށް ވިޔަފާރި ނުކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ ބައެއް ދާއިރާތައްވެސް އެފްޓީއޭއާއެކު ޗައިނާގެ ވިޔަފާރިތަކަށް ހުޅުވާލާފައިވުމެވެ. މިގޮތުން ހުޅުވާލާފައިވާ ދާއިރާތަކުގެ ތެރޭގައި ހޮޓެލް އެންޑް ރެސްޓޯރެންޓް ދާއިރާ އާއި ލިވަބޯޑް ހިންގުމާއި އޮޕަރޭޓް ކުރުމުގެ ދާއިރާ ހިމެނެ އެވެ. މީގެ އިތުރުން ޓޫރިޒަމް އެންޑް ޓްރެވަލް ރިލޭޝަން ސާވިސަސްގެ ދާއިރާ އާއި ޓްރެވަލް އެޖެންސީ އަދި ކޮމިޔުނިކޭޝަންގެ ދާއިރާ އަދި ތައުލީމީ ދާއިރާ ހިމެނެ އެވެ.

ރާއްޖޭން ހުޅުވާލާ ބައެއް ދާއިރާތައް

- ޓެކްސް އެޖެންޓުން
- އިމާރާތް ކުރުމުގެ ދާއިރާ
- ހޮޓެލް އަދި ރެސްޓޯރެންޓް ހިންގުން
- ޓްރެވަލް އެޖެންސީ ހިންގުން
- ޑައިވް ސެންޓަރު ހިންގުން
- ޔޮޓްމެރީނާ ހިންގުން

މީގެ އިތުރުން ޓޫރިސްޓު ގައިޑުންގެ ހިދުމަތް ދިނުމާއި ޑައިވް ސެންޓަރު ހިންގުން އަދި ލޮޖިން އާއެކު ޔޮޓް މެރީނާ ސާވިސަސް ހިންގުން ހިމެނެ އެވެ. މީގެ އިތުރުން ލޯކަލް ޓްރާންސްޕޯޓުގެ ހިދުމަތް ހިމެނެ އެވެ.

ޗައިނާ އިން ހުޅުވާލާފައިވާ ދާއިރާތަކުގެ ތެރޭގައި ގާނޫނީ ދާއިރާ އާއި އެކައުންޓިން އަދި އޮޑިޓިން ދާއިރާގެ އިތުރުން ރިއަލް އެސްޓޭޓް ވިޔަފާރި ފޮޓޯގްރަފީ ދާއިރާ އަދި ޕެކޭޖިންގެ ހިދުމަތް ދިނުމާއި ރެންޓަލް އެންޑް ލީޒިން ހިދުމަތްތައް ހިމެނެ އެވެ. މީގެ އިތުރުން ސިނަމާ އާއި ތިއޭޓަރުގެ ހިދުމަތުގެ އިތުރުން ފްރެންޗައިޒިންގެ ހިދުމަތް އަދި ބޭންކިންއާ ގުޅުންހުރި ހިދުމަތްތައް ހިމެނެ އެވެ. މީގެ އިތުރުން ޓޫރިޒަމް އަދި ޓްރެވަލް އެޖެންސީ ދާއިރާ އެޕާޓްމަންޓް ބިލްޑިން އާއި ރެސްޓޯރެންޓް ހެދުމާއެކު، އެއާ ޓްރާންސްޕޯޓް ހިދުމަތް ހިމެނެ އެވެ. އަދި ޕެސެންޖާ ސާވިސަސް ހިމެނެ އެވެ.

ޗައިނާއިން ހުޅުވާލާ ބައެއް ދާއިރާތައް

- ފޮޓޯގްރަފީ ދާއިރާ
- ޗައިނާގައި ޓްރެވަލް އެޖެންސީ ހިންގުން
- ޕެކޭޖިން ދާއިރާ
- ރިއަލްއެސްޓޭޓް
- ފްރެންޗައިޒިން
- އޮޑިޓިން އެންޑް ފައިނޭންސް

އެފްޓީއޭ- އެއްބަސްވުމުގައިވާ ގޮތުން އެއްބަސްވުމަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ދުނިޔޭގެ ބާޒާރުގައި އެކްސްޕޯޓް ކުރާ މަހާއި މަހުގެ ބާވަތްތައް ހުރިހާ ސީފުޑް ބާވަތްތަކެއް ހިމެނޭ ގޮތަށް ޑިއުޓީ ނުނަގައި ޗައިނާއަށް އެތެރެ ކުރަން ރާއްޖެއަށް ވަނީ ހުއްދަ ދީފަ އެވެ. އަދި ފަސް އަހަރުގެ ތެރޭގައި ޗައިނާ ޓެރިފް ޝެޑިއުލްގައި ހިމެނޭ މަހާއި މަހުގެ އުފެއްދުންތަކާއި ސީފުޑްގައި ހިމެނޭ 27 ބާވަތެއްގެ ޑިއުޓީ ކަނޑާލައި ޗައިނާއަށް އެތެރެ ކުރުމުގެ މަގު ފަހިވެގެންދާނެ އެވެ. މީގެ އިތުރުން ޖުމުލަ 296 މަހާއި މަހުގެ އުފެއްދުންތަކާއި ސީފުޑްގެ ބާވަތްތައް ޑިއުޓީ ނުނަގައި ޗައިނާއަށް އެތެރެ ކުރުމުގެ ފުރުސަތު ރާއްޖެއަށް ފަހިވާނެ އެވެ.