ތައުލީމީ ހަޔާތާއި އަލްވަދާއު ކިޔާފަ މުޖުތަމައަށް ނުކުންނަ ޒުވާން ކުދިންގެވެސް ލިޔުން ހުތުރު ވާހަކަ އަކީ އާންމު ވާހަކަ އެކެވެ. ސްކޫލްތަކުގައި ކިޔަވާ ކުދިންގެ ލިޔުންވެސް ހުތުރު ވާހަކަ އެވެ. އިހުގަ ސްކޫލް ނިންމާފަ ނުކުންނަ ކުދިންނާ މިހާރުގެ ކުދިންގެ ލިޔުމުގައި ހުންނަ ތަފާތެވެ. ކުދިންގެ ލިޔުން ހުތުރު މައްސަލައަކީ މައިންބައިފައިން އެންމެ ކަންބޮޑުވާ އެއް މައްސަލަ އެވެ.
ކުއްޖާ އަމިއްލައަށް ސްކޫލްގައި ނޯޓުކޮށްފަ ހުންނަ ފިލާވަޅުތައް ފަހުން ކިޔަން ނޭނގޭ ވާހަކަ އެވެ. ހާއްސަކޮށް ތާނަ އެވެ. ސްކޫލް ބަންދުގައި މި ލިބުނު ބޮޑު ޗުއްޓީގައި އެކަމަށް ހައްލެއް ހޯދުން ކިހިނެއް ވާނެ ހެއްޔެވެ؟ ސްކޫލްތައް ބަންދުވުމާއެކު ކުދިންގެ ގިނަ ވަގުތުތައް ހޭދަވާނީ ކުޅުމާއި މަޖަލުގަ އެވެ. ކިޔެވުމުގެ ތެރޭގައި ދުވާލަކު 30 ވަރަކަށް މިނެޓު ހޭދަކުރާ ކުއްޖަކުވެސް މަދުވާނެ އެވެ. ވާހަކަ ފޮތެއް ކީ ނަމަވެސް ލިޔަން ޖެހިއްޖެނަމަ ކުދިން ބޮޑާހާކަ އެވެ. ޝަކުވާ ކުރެ އެވެ.
ލިޔުން ރީތި ކުރުމަށް އޮތް އެންމެ ފަސޭހަ އަދި އެންމެ ރަނގަޅު ގޮތަކީ ގިނައިން ކުއްޖާ ލައްވާ ލިއުއްވުން ކަމަށް ކިޔަވައިދިނުމުގެ ދާއިރާގައި ތަޖުރިބާކާރު ފަރާތްތަކުން ބުނެ އެވެ. އެއް ފަހަރާ މާ ގިނައިން ލިއުއްވަން އުޅޭނަމަ ކުދިން ފޫހިވާގޮތް ވާނެ ކަމަށެވެ. އެހެން ކަމުން ދުވާލަކު އެއް ސަފްހާ ނުވަތަ ބައި ސޮފްހާ ރަނގަޅުވާނެ ކަމަށެވެ.
"ގިނައިން ލިޔުއްވައިގެން ރީތިވާނީ، މިހާރު ކުދިން ނުލިޔާތީވެ އަސްލު ހުތުރީ، ގިނައިން ސްކޫލްތަކުގައި ނޯޓްސް ވެސް މިހާރު ދެނީ ޕްރިންޓްކޮށްފަ، އެހެންވެ ކުދިންނަށް ލިޔާކަށް ނުޖެހޭ، ޕްރައިމަރީ ނިންމާ އުމުރުގެ ކުދިންގެވެސް ލިޔުން ހުތުރީ އެހެންވެ ހަމަ،" ކިޔަވައިދިނުމުގެ ދާއިރާގައި 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ޓީޗަރަކު ބުންޏެވެ.
ކުއްޖާއަށް ރީތިކޮށް އަކުރުތައް އަޅަން ނޭނގޭނަމަ އެންމެ ރަނގަޅު ގޮތެއް ކަމަށް ޓީޗަރުން ބުނަނީ އަކުރުމަތީ ލިޔުއްވުމެވެ. ކުޑަކުދިންނަށް އަކުރު އަޅަން ދަސްކޮށްދޭ ފޮތް ކަހަލަ ފޮތްތައް ބޭނުންކުރެވިދާނެ އެވެ. ނުވަތަ ބެލެނިވެރިން އަމިއްލައަށްވެސް ތައްޔާރުކުރެވިދާނެ އެވެ.
އަދި މީގެއިތުރުން މަޖުބޫރުން ކުދިން ލައްވާ ލިޔުއްވުމުގެ ބަދަލުގައި އެކުދިން ލިޔަން ބޭނުންވާ ގަޑިއަކު ލިޔުއްވާށެވެ. މަޖުބޫރުން ލިޔުއްވާނަމަ ލިޔުމުގަ އެއްވެސް ފަރުވާތެރިކަމެއް ނެތި ލިޔުން ރީތިނުވެދާނެ އެވެ. އެހެން ނަމަވެސް ލިޔާ ހިތުން ޝައުގުވެރިކަމާއެކު ލިޔާނަމަ ލިޔުން ފަހަރަކަށްވުރެ ފަހަރެއް ރީތިވާނެ އެވެ.