ވިޔަފާރި

އެފްޓީއޭ އާއެކު ދިވެހިންގެ އަތުން ސަފާރީ ސިނާއަތް ބީވުމުގެ ބިރު

ޗައިނާ އާއި ރާއްޖޭގެ މިނިވަން ވިޔަފާރީގެ އެއްބަސްވުން މިހާރު އޮތް ގޮތުން، ސަތޭކަ ޕަސެންޓް ދިވެހިން ހިއްސާ އޮތް، ސަފާރީ އިންޑަސްޓްރީ ދިވެހިންގެ އަތްމަތިން ބީވުމުގެ ބިރު އެބައޮތް ކަމަށް ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް)އިން ބުނެފި އެވެ.

ލޭމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު އިގްނާޒް އަލީ ވިދާޅުވީ އެފްޓީއޭއިން މިހާރު ތިލަވެފައިވާ ކަންކަން އެގޮތަށް އޮވެއްޖެނަމަ، އެއީ މުޅި އިންޑަސްޓްރީއަށް އޮތް ނުރައްކަލެއް ކަމަށެވެ. އެގޮތުން އޭނާ ފާހަގަ ކުރެއްވި ލިވަބޯޑް ނޫނީ ސަފާރީ ހިންގުމާއި އެއާގުޅޭ ހިދުމަތްތައް ޗައިނާގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި ދެވޭނެ ގޮތަށް އެފްޓީއޭގައި ހިމަނާފައި ވާތީ އެވެ. މީގެ ކުރިން އޮންނަ ގޮތުން ދިވެހިންގެ ހިއްސާނުވެ ބޭރު މީހަކަށް ރާއްޖޭގައި ސަފާރީ އޮޕަރޭޓެއް ނުކުރެވެ. އަދި ސަފާރީއެއްގެ އޯނަރަކަށް ވާން ޖެހެނީ ވެސް ދިވެއްސެކެވެ. އެފްޓީއޭ އެގްރިމެންޓް މައްސަލާގައި އެ ޖަމިއްޔާއިން އިކޮނޮމިކް މިނިސްޓްރީ އަށް ގޮސް ބައްދަލުވުންތަކެއް ވެސް ބާއްވާފައިވާ ކަމަށް އިގުނާޒް ވިދާޅުވި އެވެ. އަދި އެ މައްސަލާގައި ލިއުމަކުން ޖަވާބެއް ދިނުމަށް އެދިފައިވާނެ ކަމަށް ވިދާޅުވި އެވެ.

"އެ ބޭފުޅުން ވިދާޅުވަނީ ސީދާ ޕޮއިންޓް ފޯމްގައި ހުއްޓަސް އެއާ ގުޅިގެން ރެގިއުލޭޝަންތައް އަންނާނެ ކަމަށް. ކުރީގެ ހުރި އެއްޗެހި ބަދަލުވާނެހެން ހީނުވާ ކަމަށް. ނަމަވެސް ޔަގީންކަމެއް ނުދެއްވާ،" އިގްނާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފްޓީއޭ ފަދަ މުޅި އިންޑަސްޓްރީއާ ގުޅުންހުރި އެއްބަސްވުންތައް ހަދާއިރު، ކަމާ ގުޅުންހުރި ދާއިރާތަކުގެ ހިޔާލު ހޯދުން އެދޭ ކަމަށެވެ. އެފަދަ ކަންކަމުގައި ސަރުކާރާއެކު ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އިގްނާޒް ވިދާޅުވި އެވެ.

"މިހާރު ވެސް ގަވައިދުތަކުގައި ލޫޕްހޯލްސްތައް އެބަހުރި. މީގެ ބޭނުން ހިފައިގެން ބައެއް ކަންތައްތައް މިހާރު ވެސް ނަގާ. މީގެ ނަތީޖާ މި ފެންނަނީ ސަރުކާރަށް ދައްކާ އާމްދަނީ އިން. މީގެ ނަތީޖާއެއްގެ ގޮތުން 2016 ގައި 11.2 މިލިއަން ޑޮލަރު ޓެކްސްގެ ގޮތުގައި ދެއްކީ. ނަމަވެސް މި އަހަރު ނޮވެމްބަރު މަހުގެ ނިޔަލަށް ދެއްކުނީ 8.6 މިލިއަން ޑޮލަރު. އެގްރީމެންޓުގައި އޮތް އެއްޗެއް ސީދާ އަދި ނޭނގެ. މިގޮތަށް ބޭރު މީހުން އައިސް ހިދުމަތް ދޭއިރު ޓެކްސް ނަގާނެ ކަމެއް ނުވަތަ ނޫންކަމެއް ނޭނގޭ. ޓެކްސް ނުނަގާ ގޮތަށް ހަދައިފިނަމަ މީގެން ގެއްލުން ތަކެއް ދައުލަތަށް ވެސް ލިބޭނެ،" އިގްނާޒް ވިދާޅުވި އެވެ.

މިގޮތަށް ބޭރު މީހުން އައިސް ހިދުމަތް ދޭއިރު ޓެކްސް ނަގާނެކަމެއް ނުވަތަ ނޫންކަމެއް ނޭނގޭ. ޓެކްސް ނުނަގާ ގޮތަށް ހަދައިފިނަމަ މީގެން ގެއްލުން ތަކެއް ދައުލަތަށް ވެސް ލިބޭނެ. އަދި މުޅި އިންޑަސްޓްރީގައި ތިބި ދިވެވި ވިޔަފާރިތަކަށް މީގެން އަސަރު ކުރާނެ
ލޭމްގެ ސެކްރެޓަރީ ޖެނެރަލް

އެފްޓީއޭ އެއްބަސްވުމުގައިވާ ގޮތުން ޗައިނާގެ ކުންފުނިތަކަށް ރާއްޖޭގައި ޓޫރިޒަމް ދާއިރާގެ ކުދި އަދި މެދުފަންތީގެ ވިޔަފާރީގައި ވެސް ހަރަކާތެރިވެވޭނެ އެވެ.

ލޭމްގެ، އިގްނާޒް ވިދާޅުވީ ޗައިނާ މާކެޓަކީ މިހާރު ވެސް ނަމްބަރު ވަން ކަމަށާއި، މި ގޮޮތަށް ޗައިނާ ބަޔަކަށް މި ހުއްދަ ދީފިނަމަ، މުޅި އިންޑަސްޓްރީ ދިވެހިންގެ އަތް މަތިން ނެތި ދިއުމުގެ ބިރު އޮންނާނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު "އަވަސް" އަށް ދެއްވި އިންޓަވިއު

"ޗައިނާ ބަޔަކު އޮޕަރޭޓް ކުރާ އެއްޗަކަށްތާ އަންނާނީ. އެހެވެއްޖެނަމަ އެ މާކެޓުގެ އެއްވެސް ބަޔަކު ނާންނާނެ. މިހާރު ގެސްޓްހައުސްތަކަށް މީހުން އަންނާތީ ސަފާރީތަކަށް އެޑްވާންޓޭޖް އޮވޭ. ނަމަވެސް ބޭރު ބަޔަކަށް ގެސްޓްހުސް ފަދަ ދާއިރާތަކުގައި އިންވެސްޓް ކުރެވޭނަމަ ތިން އިންޑަސްޓްރީއެއްކޮށް އަތް ދަށަށް ދާނެ. މިއީ ބޮޑު ބިރެއް،" އިގްނާޒް ވިދާޅުވި އެވެ.

ލޭމް އިން ބުނި ގޮތުގައި އެގްރިމަންޓް ލިބުނުހާ އަވަހަށް އެ ދިރާސާ ކުރާނެ ކަމަށެވެ. އަދި އެގްރީމެންޓްގައި ސަފާރީ އިންޑަސްޓްރީއަށް ގެއްލުމެއްވާނެ ކަމެއް އޮވެއްޖެނަމަ އެ ޖަމިއްޔާއިން ތުދުވާނެ ކަމަށެވެ.