ބޮލީވުޑް

ބޮލީވުޑާއި ކްރިކެޓްގެ ލޯބި

Dec 12, 2017

ބަތަލާ އަނުޝްކާ ޝަރްމާ އާއި އިންޑިއާގެ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާޓް ކޯލީގެ ކާއިވެނީގެ ވާހަކަ ހުއްޓުމެއް ނެތި ދެކެވެމުން އަންނަތާ ހަފްތާއެއްހާ ދުވަސްވީ އެވެ. އެކި ގޮތްގޮތަށް އަނުޝްކާ އާއި ވިރާޓްގެ ކައިވެނީގެ ވާހަކަ ދެކެވެމުން އަންނައިރު، އަނުޝްކާގެ ސްޕޯކްސްޕާސަން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. ނަމަވެސް އިންޑިއާގެ ނޫސްތަކުން ވަނީ އެ ދެތަރިން މި ފަހަރު ކައިވެނިކުރާނެ ކަމުގެ އެތަކެއް އިޝާރާތެއް ލިބެމުންދާ ކަމަށް ބުނެފަ އެވެ. އަނުޝްކާގެ އާއި ވިރާޓްގެ ކައިވެންޏަށް އިންތިޒާރުކުރަމުން އަންނަނިކޮށް އިއްޔެ އެ ދެތަރިން ވަނީ އިޓަލީގައި ކައިވެނިކޮށްފަ އެވެ.

އިޓަލީގެ ޓަސްކަނީގެ ޕްރައިވެޓް ވިލާއެއްގައި އާއިލާ އާއި އެންމެ ގާތްއެކުވެރިންގެ ހާޒިރުގައި ވަރަށް ސިއްރުން ކައިވެނިކޮށްފައިވާއިރު، ވިރާޓާއި އަނުޝްކާގެ ކައިވެނީގެ ވާހަކައަކީ އަޑެއްކަމަށް ނިންމައިގެން ތިބި އެތަކެއް ބަޔަކު ތިއްބެވެ.

މަޝްހޫރު ތަރިންގެ ކައިވެންޏަށް ހުއްޓޭ ލޯތަށް ގިނަ ނަމަވެސް އަނުޝްކާގެ ކައިވެނީގެ އަޑު މީޑިއާގައި މާބޮޑަށް ގަދަވެގެން ގޮސްފައިވަނީ އޭނާ ކްރިކެޓްކުޅުންތެރިޔަކާ ކައިވެނިކުރާތީ އެވެ. އިންޑިއާގެ އެންމެ ގިނަބަޔަކު މަރުދަންޖެހޭ އެ ކުޅިވަރެއްގެ ތަރިޔަކު ކައިވެނިކުރަންޏާ އަބަދުވެސް މީޑިއާތަކުން އެހާ ވަރު އަރުވާލަ އެވެ.

އުންމީދީ ޒުވާން ކުޅުންތެރިޔާ ވިރާޓް އާއި އަނުޝްކާ ލޯބީގެ ގޮތުން ގުޅުނު ހިސާބުން މިދެތަރިންގެ ލޯބީގެ ވާހަކައަށް ވެސް އެހާ ބޮޑު ސަމާލުކަމެއް ލިބިގެން ގޮސްފައިވަނީ ބޮލީވުޑްގެ މަޝްހޫރު ބަތަލާއިންނާ ކްރިކެޓްގައި ވިދާލާ ތަރިންގެ މެދުގައި ލޯބީގެ ގުޅުންތައް ޒަމާނުއްސުރެން ކުރިއަށްދާތީވެ އެވެ.

އަނުޝްކާ އާއި ވިރާޓުގެ ކައިވެންނާއެކު ކްރިކެޓްކުޅުންތެރިންގެ ތެރެއިން މަޝްހޫރު ބަތަލާއިންނާ ލޯބީގެ ގޮތުން ގުޅުނު އަދި ކައިވެނިކުރި ތަރިންނަށް ބަލާލަމާ ހިނގާށެވެ.

1. މުހައްމަދު އަޒްހަރުއްދީން އަދި ސަންގީތާ ބިޖްލާނީ

މި ލިސްޓުގެ އެންމެ ފުރަތަމަ ހިމެނޭ މުހައްމަދު އަޒްހަރުއްދީން (އަޒްހަރު) އާއި ކުރީގެ ބަތަލާ ސަންގީތާ ބިޖްލާނީގެ ލޯބީގެ ވާހަކަ އަކީފިލްމަކަށް ދޫނުކުރާ ވަރުގެ ހިޓް ވާހަކަ އެކެވެ. ކްރިކެޓް ކެޕްޓަނެއްގެ ގޮތުގައި އަޒްހަރު ފިޔަޖަހަން ފެށިއިރު އޭނާ އަކީ ޒަވާޖީ ހަޔާތެއް ފަށައިގެން އުޅުނު ކުޅުންތެރި އެކެވެ. ކެރިކެޓްގެ މައިދާނުގައި އޭނާ ވިދަން ފަށައި ލިބުނު ބޮޑު މަޝްހޫރުކަމުގައި އޭނާގެ ހިތް ވަނީ އޭރުގެ މަޝްހޫރު ބަތަލާ ސަންގީތާ އަށް ދެވިފަ އެވެ. ކައިވެނީގެ ގުޅުމުން ބޭރު އަޒްހަރު ވަނީ ސަންގީތާއާ ލޯބީގެ ގޮތުން ގުޅި އަންހެނުން ނައުރީން 1996 ވަނަ އަހަރު ވަރިކޮށްފަ އެވެ. ހަމަ އެ އަހަރު އަޒްހަރާއި ސަންގީތާ ވަނީ ކައިވެނިކޮށްފަ އެވެ. ކައިވެންޏަށްފަހު ސަންގީތާ ފިލްމީ ދާއިރާއިން ދުރަށް ދުރަށް ގޮސްފައިވާއިރު ކައިވެންޏަށް ދެ ކުދިން ވެސް ލިބިފަ އެވެ. އަޒްހަރު މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިޔަކާ ލޯބީގެ ގޮތުން ގުޅުންތަކެއް ބޭއްވިކަން ފަޅާއެރުމުން ސަންގީތާ ވަނީ 2010 ވަނަ އަހަރު އޭނާ ކުރެން ވަރިވެފަ އެވެ.

2. ނީނާ ގުޕްތާ ވިވް ރިޗާޑްސް

"ސާންސް" ކިޔާ ޓީވީ ސީރީޒް އަކުން ބެލުންތެރިންގެ މަގުބޫލުކަން ހޯދި ނީނާ ގުޕްތާ އަކީ ޓީވީ ސީރީޒްތަކުގެ އިތުރުން ގިނަ ފިލްމުތަކަކުން ވެސް ފެނިގެން ގޮސްފައިވާ ބަތަލާ އެކެވެ. މިހާރު އުމުރުން 63 އަހަރުގެ ނީނާ ވެސްޓް އިންޑީސްގެ ކެރިކެޓްކުޅުންތެރިޔާ ވިވިއަން ރިޗާޑްސްއާ ލޯބީގެ ގޮތުން ގުޅިފައިވަނީ 1980ގެ ކުރީކޮޅު އެވެ. ކައިވެންޏާ ހަމައަށް އެދެމީހުންގެ ލޯބީގެ ގުޅުން ނުދިޔަސް ލޯބީގެ ގޮތުން ގުޅިގެން އުޅެނިކޮށް ވަނީ ކުއްޖަކު ލިބިފަ އެވެ. މިހާރު އިންޑިއާގައި ފިޔަޖަހަމުން އަންނަ ޒުވާން ޑިޒައިނަރު މަސާބާ ގުޕްތާ އަކީ ނީނާ އާއި ރިޗާޑްސް އަށް ލިބިފައިވާ ކުއްޖެކެވެ.

3. ރީނާ ރޯއި އަދި މޮސީން ޚާން

ރީނާ ރޯއި އާއި އެކްޓަރު ޝްތަރުުގަން ސިންގްގެ ލޯބީގެ ވާހަކަ އަކީ އެކްޓަރުން ކައިވެނިން ބޭރުގައި ބަތަލާއިންނާ އެކު އޮތް ލޯބީގެ ގުޅުންތަކުގެ ތެރެއިން އެންމެ ގަދަޔަށް ދެކެވެނު އެއް ލޯބީގެ ވާހަކަ އެވެ. ޝަތްރުގަން ސިންހަ ޕޫނަމްއާ ކައިވެނިކުރި ހިސާބުން ރީނާގެ ހިތްހަލާކުވި އެވެ. ޒަހަމްވެފައި އޮތް ރިނާގެ ހިތުގައި ބޭސް އަޅައިދިނީ އޭރު ޕާކިސްތާނުގެ މަޝްހޫރު ކްރިކެޓްކުޅުންތެރިޔާ މޮހްސިން ޚާން އެވެ. މޮހްސިންގެ ފަރާތުން ކައިވެނީގެ ހުށަހެޅުން ލިބުމުން ރީނާ ވަނީ ބޮލީވުޑް ދޫކޮށް 1983 ވަނަ އަހަރު އޭނާއާ ކައިވެނިކޮށްފަ އެވެ. އެ ކައިވެންޏަށް އަންހެން ކުއްޖަކު ލިބުނު ފަހުން މޮހްސިން އާއި ރީނާ ވަނީ ވަރިވެފަ އެވެ. އަދި ދަރިފުޅުގެ ކަސްޓޮޑީ ވެސް ލިބުނީ މޮހްސިން އަށެވެ. އެތަކެއް އަހަރު ފަހުން ރީނާގެ ފޮޓޯތަކެއް މިދިޔަ އަހަރު ވަނީ އާންމުވެފަ އެވެ. ކާކުކަން ނޭނގޭ ވަރަށް އޭނާގެ ސިފަ މިހާރު ވަނީ ބަދަލުވެފަ އެވެ.

4. ޝަރްމީލާ ޓެގޯ އަދި މަންސޫރް އަލީ ޚާން ޕަތައުޑީ

އުމުރުން އެންމެ 21 އަހަރުގައި އިންޑިއާގެ ކްރިކެޓް ޓީމުގެ ކެޕްޓަނު ކަމާ ހަވާލުވި މަންސޫރް ޚާންގެ ހިތް ޝަރްމީލާ އަށް ދެވުނީ އެކުވެރިއެއްގެ ފަރާތުން ބައްދަލުވި ހިސާބުންނެވެ. ކާމިޔާބު ކްރިކެޓްކުޅުންތެރި އަކަށް ވުމުގެ އިތުރުން އޭނާ އަކީ ޝާހީ އާއިލާ އަށް ނިސްބަތްވާ މީހަކަށް ވުމުން ކައިވެނީގެ ހުށަހެޅުންތައް އޭނާ އަށް ކިތަންމެ ވަރަށް ލިބެމުން ދިޔަ ނަމަވެސް ޝަރްމީލާ އަށް އޭނާގެ ހިތް އޮތީ ދެވިފަ އެވެ. ކާމިޔާބު ކަމާއެކު ވިދަމުން ދިޔަ ބަތަލާ ޝަރްމީލާގެ ހިިތް އަތުލުން މަންސޫރަށް ވީ ނުހަނު އުނދަގޫ ކަމަކަށެވެ. ސަބަބަކީ މަންްސޫރަކީ މުސްލިމަކަށްވެ ޝަރްމީލާ އަކީ ހިންދޫ އަކަށް ވުމުން ދެ ފަރާތުގެ އާއިލާ ވެސް އެ ގުޅުމާ މާބޮޑަށް ގަޔާނުވުމެވެ. އަދި ޝަރްމީލާގެ ރީތިކަމުން އޭނާ އަށް ލިބެމުން ދިޔަ ހުށަހެޅުންތައް ގިނަކަމުން އޭނާގެ ހިތް އަތުލުމަށް މަންސޫރް ވަނީ އެތަކެއް ރަތް ފިނިފެންމަލާއި ސިޓީތައް ހަތަރު އަހަރުވަންދެން ފޮނުވާފަ އެވެ. މަންސޫރްގެ ލޯބީގެ ހުށަހެޅުމަށް ޝަރްމީލާ އާނބަސް ދިނުމުން އޭނާ ކުރެން ކައިވެންޏަށް އަހާފައިވަނީ ސިޓީ އޮތް ލަވްގެ ގޮތުގައި ސިފަކުރާ ޕެރިހުގަ އެވެ. މި ދެތަރިން ކައިވެނިިކުރަން އުޅުމުން މީޑިއާގައި އެންމެ ގަދަޔަށް ދެކެވުނު ވާހަކަ އެދެމީހުންގެ ކައިވެނި މާގިނަ ދުވަހަކު ދެމި ނޯންނާނެ ކަމެވެ. ނަމަވެސް މަންސޫރާއި ޝަރްމީލާ ވަނީ ފާޑުކިޔަމުން ދިޔަ އެންމެންނަށް އެމީހުންގެ ދެމެދުގައި އޮތީ އެއަށް ވުރެން މާ ވަރުގަދަ ލޯތްބެއްކަން ސާބިތުކޮށްދީފަ އެވެ. 1968 އަށް ވަނަ އަހަރު މަންސޫރާ ކައިވެނިކުރުމުގެ ކުރިން ޝަރްމީލާ ވަނީ އިސްލާމްވެ އޭނާގެ ނަން އައިޝާ ސުލްތާންގެ ނަމަށް ބަދަލުކޮށްފަ އެވެ. ކައިވެންޏަށް ފަހު ދުވަސްކޮޅަކަށް ފިލްމު ކުޅުމުން ބްރޭކެއް ނެގި ނަމަވެސް ޝަރްމީލާ ވަނީ އޭގެފަހުން ގިނަ ފިލްމުތަކެއް ކުޅެފަ އެވެ.

ޝަރްމީލާ އާއި މަންސޫރަކީ ލޯބީގައި ލާމަސީލު ނަމޫނާ ޖޯޑެކެވެ. ޝަރްމީލާ އަކީ މަޝްހޫރު ބަތަލާ އަކަށް ވުމުން އެމީހުންގެ ކައިވެނީގައި ދުވަހަކު ވެސް މައްސަލަޖެހި އަރައިރުމެއް ނުވެ އެވެ. މިދެތަރިންނަށް ވަނީ ތިން ކުދިން ވެސް ލިބިފަ އެވެ. އެއީ އެކްޓަރު ސައިފް އަލީ ޚާން އާއި ބަތަލާ ސޮހާ އަލީ ޚާން އާއި ޑިޒައިނަރު ސަބާ އަލީ ޚާން އެވެ.

ކައިވެންޏަށް 42 އަހަރުވީ ފަހުން 2011 ވަނަ އަހަރު، އުމުރުން 70 އަހަރުގައި މަންސޫރް ވަނީ ލަންގް އިންފެކްޝަނަށް ފަރުވާ ހޯދަމުން ދަނިކޮށް ނޭވާލާ ނިޒާމު ފެއިލްވެގެން ވަނީ މަރުވެފަ އެވެ.

5. ހަރްބަޖަން ސިންގް އަދި ގީތާ ބަސްރާ

ދެހާސް ހަތް ވަނަ އަހަރު "ދަ ޓްރެއިން" އިން ބޮލީވުޑަށް ނިކުތުމަށްފަހު ގީތާ ބަސްރާ ވިދާލާފައިވަނީ ޕަންޖާބު ފިލްމު އިންޑަސްޓްރީގަ އެވެ. ގިތާ އާއި ކްރިކެޓްކުޅުންތެރިޔާ ހަރްބަޖަން ސިންގް ދިމާވެފައިވަނީ ހަރްބަޖަން އާއެކު ގައުމީ ޓީމަށް ކްރިކެޓްކުޅޭ ކުޅުންތެރިޔާ ޔުވްރާޖް ސިންގްގެ ފަރާތުންނެވެ. ގާތްގަނޑަކަށް ތިން އަހަރުވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ގިތާ އާއި ހަރްބަޖަން ކައިވެނިކޮށްފައިވަނީ 2015 ވަނަ އަހަރު އެވެ.

ހަރްބަޖަންއާ ގީތާ ލޯބީގެ ގޮތުން ގުޅިގެން އުޅުނުއިރު ކްރިކެޓް ހަފްލާތަކާއި ކްރިކެޓް މެޗުތައް ބަލަން ގީތާ ދަނޑަށް ގޮސްފައިވާއިރު، ހަރްބަޖަން ވަނީ ބޮލީވުޑްގެ ހަފްލާތަކުގައި ވެސް ބައިވެރިވެފަ އެވެ. ނަމަވެސް ކައިވެންޏާ ހަމައަށް ދިއުމުގެ ކުރިން އެދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަކަށް އެއްބަހެއްނުވެ އެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ގީތާ އާއި ހަރްބަޖަން އަށް ވަނީ އަންހެން ކުއްޖަކު ލިބިފަ އެވެ.

6. ޔުވްރާޖް ސިންގް އަދި ހޭޒަލް ކީޗް

"ބޮޑީގާޑް" އިން ބޮލީވުޑަށް ނިކުތް ބަތަލާ ހޭޒަލް ކީޗް އެ ފިލްމަށް ފަހު އިތުރު ފިލްމަކުން ނުފެނި ކެމެރާގެ ކުރިމަތިން ނުފެނި އެތަކެއް އަހަރު ފަހުން ހޭޒަލްގެ ވާހަކަ ނޫސްތަކުގެ ފަލަ ސުރުހީތަކަށް އަރާފައިވަނީ ކެރިކެޓް ކުޅުންތެރިޔާ ޔޫވްރާޖް ސިންގްއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އެމީހުން އެއްބަސްވި ހިސާބުންނެވެ. އަހަރުތަކެއް ވަންދެން ލޯބޯގެ ގޮތުން ގުޅިގެން އުޅުނު ހޭޒަލް އާއި ޔުވްރާޖް އެނގޭޖްވެފައިވަނީ 2015 ވަނަ އަހަރު ނޮވެމްބަރު މަހު އެވެ. އޭގެ ޖެހިގެން އައި އަހަރުގެ ނޮވެމްބަރު މަހު އެ ދެތަރިން ވަނީ ކައިވެނިކޮށްފަ އެވެ. ހިންދޫ ދީނާ އެއްގޮތަށް ކައިވެނިކުރީ ޗަންދިގަރްގަ އެވެ. އަދި ކްރިސްތިއަން ވެޑިންއެއް ގޯއާގައި ބޭއްވުމަށްފަހު ކްރިކެޓް ތަރިންނާއި ބޮލީވުޑްގެ ފަރާތްތަކަށް ބޭއްވި ރިސެޕްޝަން ބާއްވާފައިވަނީ ދިއްލީގަ އެވެ.

ހޭޒަލްއާ ލޯބީގެ ގޮތުން ގުޅުމުގެ ކުރިން ޔުވްރާޖް ވަނީ ބަތަލާ ދިޕިކާ ޕަދުކޯން އަދި ކިމް ޝަރްމާއާ ވެސް ލޯބީގެ ގޮތުން ގުޅިފަ އެވެ.

7. ޒަހީރް ޚާން އަދި ސާގަރިކާ ކަގްތޭ

ކްރިކެޓްކުޅުންތެރިޔާ ޒަހީރް ޚާން އާއި "ޗަކްދޭ އިންޑިއާ" އިން ބޮލީވުޑަށް ނިކުތް ސާގަރިކާ ކަގްޓޭ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ ވާހަކަތައް ދެކެވުނު ނަމަވެސް އެކުގައި ފުރަތަމަ ފަހަރަށް ބޭރު ތެރެއިން މި ދެތަރިން ފެނިފައިވަނީ ޔުވްރާޖް އާއި ހޭޒަލްގެ ކައިވެނީގެ ޕާޓީގެ ތެރެއިންނެވެ. މި އަހަރުގެ ޖެނުއަރީގައި ތެރޭގައި އެދެތަރިންގެ ގާތް ފަރާތަކުން ވަނީ އެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ހަތަރު ވަރަކަށް މަސް ވެފައިވާ ކަމަށެވެ. މި އަހަރުގެ މެއި މަހުގެ ތެރޭގައި އެންގޭޖްވި މި ދެތަރިން ކައިވެންކޮށްފައިވަނީ ނޮވެމްބަރު 23 ވަނަ ދުވަހު އެވެ. ކޯޓުގައި ކައިވެނިކުރުމަށްފަހު މިދެތަރިން ވަނީ ކުލަގަދަ ބޮޑު ހަފްލާއެއް ކައިވެނީގެ އުފަލުގައި ބާއްވާފަ އެވެ.

8. ވިރާޓް ކޯލީ އާއި އަނުޝްކާ ޝަރްމާ

ކްރިކެޓްކުޅުންތެރިންނާއި ބަތަލާއިންގެ ލޯބީގެ ލިސްޓަށް އެންމެފަހުން އިތުރުވާ ޖޯޑަކީ މިހާރު އިންޑިއާ ޓީމުގެ ކެޕްޓަން ވިރާޓް ކޯލީ އާއި ބަތަލާ އަނުޝްކާ ޝަރްމާ އެވެ. އެކުގައި 2013 ވަނަ އަހަރު ކުޅުނު އިޝްތިހާރެއްގެ ތެރެއިން ދިމާވެ އިސާހިތަކު އެކުވެރިން މިދެތަރިންގެ ދެމެދުގައި އުފެދި އަނުޝްކާ އާއި ވިރާޓް ވަނީ އޭގެ ދުވަސްތަކެއް ފަހުން ލޯބީގެ ގޮތުން ގުޅިގެން އުޅެފަ އެވެ. އެތަކެއް ފަހަރު އަނުޝްކާ އާއި ވިރާޓާ ދެމީހުންގެ ދެމެދުގައި މައްސަލަ ޖެހި ރުޅިވި ނަމަވެސް އެއިން ކޮންމެ ފަހަރަކު ވެސް އެދެމީހުން ވަނީ މައްސަލަތައް ހައްލުކޮށް އަލުން ސުލްހަވެފަ އެވެ. ގިނަ ފަހަރަށް މިދެމީހުންގެ މެދުގައި މައްސަލަ ޖެހިފައިވަނީ ވިރާޓް ކައިވެނިކުރަން ބޭނުންވެ، އަނުޝްކާ ކައިވެނިކުރުން ލަސްކުރާތީވެ އެވެ.

ހަތަރު އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނުއިރު، މިދެތަރިން ފެނުނީ އެމީހުންގެ ގުޅުން މީޑިއާ އަށް ވަރަށް ހާމަކޮށްގެން ގެންގުޅުނު ދެތަރިންގެ ގޮތުގަ އެވެ. ވިރާޓްގެ މެޗުތައް ބަލަން އަނުޝްކާ ބޭރުގެ ގައުމުތަކަށް ވެސް ގޮސްފައިވާއިރު ވިރާޓު ވެސް ވަނީ އަނުޝްކާ ޝޫޓިންގައި އެކި ގައުމުތަކުގައި ހަރަކާތްތެރި ވަނިކޮށް ވިރާޓު ވަނީ އަނުޝްކާ ކައިރިއަށް ގޮސްފަ އެވެ.

މިދިިޔަ އަހަރުގެ ތެރޭގައި އަނުޝްކާ އާއި ވިރާޓް ވަރަށް ބޮޑަށް މައްސަލަޖެހި ރުޅިވި ނަމަވެސް އަލުން އެދެމީހުންގެ ގުޅުމަށް ފުރުސަތެއްދީ ވަނީ އަހަރުގެ ފަހުކޮޅު އަލުން ގުޅިފަ އެވެ.

އިއްޔެ އިޓަލީގެ މިލާންގައި އާއިލާގެ މެމްބަރުންނާއި ގާތްއެކުވެރިންގެ ހާޒިރުގައި ބޭއްވި ކައިވެނީގެ ހަފްލާގައި އަނުޝްކާ އާއި ވިރާޓް ވަނީ ކައިވެނިކޮށްފަ އެވެ.

މިދެތަރިން އިއްޔެ ކައިވެނިކޮށްފައިވަނީ އެމީހުން ކައިވެނިކުރަން އުޅޭ ކަމުގެ ވާހަކަތައް އެމީހުންގެ ސްޕޯކްސްޕާސަން މިދިޔަ ހަފްތާގެ ތެރޭގައި ދޮގުކޮށްފައި އޮއްވެ އެވެ.