ބޮލީވުޑް

އަނުޝްކާ އާއި ވިރާޓް ކައިވެނިކޮށްފި

ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބަތަލާ އަނުޝްކާ ޝަރްމާ އާއި އިންޑިއާގެ މިހާރު އެންމެ މޮޅު ކުރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީ ކައިވެނިކޮށްފި އެވެ. މިއަދު އެ ތަރިން ކައިވެނިކޮށްފައިވަނީ އިޓަލީގައި ބޭއްވި ހަފުލާއެއްގަ އެވެ.

އިޓަލީގެ މިލާންގައި ބޭއްވި ކައިވެނީގެ ހަފުލާގައި ބައިވެރިވެފައިވަނީ ދެ މީހުންގެ އާއިލާ އާއި އެންމެ ގާތްއެކުވެރިންނެވެ. ބޮލީވުޑްގެ ބޮޑެތި ތަރިންތަކެއް މި ހަފުލާއަކުން ނުފެނެ އެވެ.

މީޑިއާއަށް ކައިވެނީގެ ވާހަކަ ސިއްރުކޮށްގެން އުޅުމަށްފަހު ކައިވެނިކުރިކަން އިއުލާން ކޮށްފައިވަނީ ވިރާޓް މިއަދު ކުރި ޓްވީޓެއްގަ އެވެ. ވިރާޓަށްފަހު އަނުޝްކާ ވެސް ވަނީ ޓްވީޓްކޮށްފަ އެވެ. ޓްވީޓްގައި ވިރާޓް ބުނީ، ކައިވެނީގެ ހަބަރު އެންމެންނާއެކު ހިއްސާކުރުމަކީ ލިބޭ އުފަލެއް ކަމަށެވެ. އަދި އެ ދެ މީހުންނަށް ދޭ ސަޕޯޓަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ. އަނުޝްކާ ވެސް ޓްވީޓްގައި ބުނެފައިވަނީ ހަމަ އެހެނެވެ.

އަނުޝްކާ އާއި ވިރާޓްގެ ކައިވެނީގެ ހަބަރު ޓްވީޓުން އިއުލާން ކޮށްފައިވާއިރު ސަޕޯޓަރުން ގެންދަނީ މަރުހަބާ ކިޔަމުންނެވެ. އަދި ބައެއް ފިލްމީ ފަންނާނުން ވެސް ވަނީ ވިރާޓާއި އަނުޝްކާއަށް މަރުހަބާ ކިޔާފަ އެވެ.

އާއިލާ އާއި ގާތް އެކުވެރިންގެ ހާޒިރުގައި ކައިވެނި ކުރި ނަމަވެސް ބޮލީވުޑްގެ އެކުވެރިންނަށާއި ވިރާޓްގެ ކްރިކެޓް ޓީމުގެ މެމްބަރުންނަށް ކައިވެނީގެ އުފަލުގައި ދޭ ޕާޓީ މި މަހު 21 ގައި މުމްބާއީ ގަ ބާއްވަން ވަނީ ނިންމާފަ އެވެ.

ދެހާސް ތޭރަ ވަނަ އަހަރު ކުޅުނު އިޝްތިހާރަކަށް ފަހު ބަދަހިވި އެކުވެރިކަމުގެ ގުޅުން ލޯތްބަށް ބަދަލުވެ އަނުޝްކާ އާއި ވިރާޓް ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ހަތަރު އަހަރުވެއްޖެ އެވެ.

ވިރާޓް ކައިވެނިކުރަން ބޭނުންވި ނަމަވެސް އަނުޝްކާ ކެރިއަރަށް ވަގުތު ދޭން ބޭނުންވުމުން އެ ދެތަރިންގެ މެދުގައި މައްސަލަޖެހި އެ ދެތަރިންގެ ގުޅުން ނިންމާ ވެސް ލިއެވެ. ނަމަވެސް އޭގެ ދެ މަހެއްހާ ދުވަސް ފަހުން ވިރާޓް އާއި އަނުޝްކާ ވަނީ އެމީހުންގެ ގުޅުމަށް އިތުރު ފުރުސަތެއްދީފަ އެވެ.