ބޮލީވުޑް

އަނުޝްކާ އާއި ވިރާޓް އިޓަލީގައި ކައިވެނިކުރީ އަދިތްޔަގެ ލަފަޔަށް

Dec 13, 2017
1

ދެހާސް ސާދަވަނަ އަހަރު އިންޑިއާގެ އެންމެ ބޮޑު ފިލްމު އުފައްދާ ކުންފުނީގެ ވެރިޔާ އަދިތްޔަ ޗޯޕްޅާ އާއި ބަތަލާ ރާނީ މުކަރްޖީ ކައިވެނިކޮށްފައިވަނީ އިޓަލީގެ މިލާންގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ވަރަށް ސިއްރުންނެވެ.

ހަމައެކަނި އާއިލާގެ މެމްބަރުންނާއި ގާތްއެކުވެރިން ބައިވެރިވި ހަފްލާއެއްގައި އަދިތްޔަ އާއި ރާނީ ކައިވެނިކުރި ހަބަރު އެމީހުން އިއުލާންކުރުމާއެކު ގިނަބަޔަކު ލިބުނީ ހައިރާންކަމެކެވެ. ލޯބީގެ ގޮތުން ރާނީ އާއި އަދިތްޔަ ގުޅިގެން އުޅުނު ނަމަވެސް އެމީހުންގެ ގުޅުމަށް ދުވަހަކު ވެސް އިއުތިރާފެއްނުވެ އެވެ.

އެދެމީހުންގެ ލޯބީގެ ގުޅުންހާ ސިއްރުން ކައިވެނިކޮށް ނިންމާލައިރު، ރާނީ އާއި އަދިތްޔަ ކައިވެނިކުރާނެ މަންޒިލެއްގެ ގޮތުގައި އިޓަލީ ހިޔާރު ކުރީ އިންޑިއާގައި ކައިވެނިކޮށްފިނަމަ ޕަޕަރާޒީންނާއި މީޑިއާތަކުގެ އުނދަގުލާ ކުރިމަތިލާން ޖެހޭނެ ވަރު ހިތަށް އަރުވާފަ އެވެ.

ހޯމަ ދުވަހު ކައިވެނިކުރި ބަތަލާ އަނުޝްކާ ޝަރްމާ އާއި އިންޑިއާ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާޓް ކޯލީ އަކީ ވެސް ރާނީ އާއި އަދިތްޔަގެ ފިޔަވަޅު މަތިން ގޮސް ވަރަށް ސިއްރުން ކައިވެނިކުރި ދެ ތަރިންނެވެ.

އެ ދެތަރިންގެ ކައިވެނީގެ ވާހަކަތައް ހުއްޓުމެއްނެތި ދެކެވެމުން އަންނަނިކޮށް ހޯމަ ދުވަހު އިޓަލީގެ ޓަސްކަނީގައި އާއިލާގެ މެމްބަރުންނާއި އެންމެ ގާތްއެކުވެރިންގެ ހާޒިރުގައި ހިންދޫ ދީނާ އެއްގޮތަށް ކައިވެނިކުރީ ޕްރޮޑިއުސަރު އަދިތްޔަގެ ލަފަޔަކަށެވެ.

އަދިތްޔަ އަކީ އަނުޝްކާ ބޮލީވުޑަށް ނެރެދިން ޕްރޮޑިއުސަރެވެ. އަދި އަދިތްޔަ އަކީ އަބަދުވެސް ޕަޕަރާޒީންގެ ލޯތަކަށް ފިލަން ނިކަން ހުޝިޔާރު މީހެކެވެ. އަދިތްޔަގެ ފޮޓޯގަނޑެއް ޕަޕަރާޒީންނަށް ދަމައިގަތުމަކީ ވެސް ނުހަނު ދަތި ކަމެކެވެ. ރާނީ އާއި އަދިތްޔަގެ ކައިވެނީގެ ހަފްލާގެ އެންމެ ފޮޓޯއެއް ވެސް މިހާތަނަށް ލީކުވެފައި ނުވަނީ އޭނާ ޕަޕަރާޒީންގެ ލޯތަކަށް ރެކޭލެއް މޮޅުކަމުން ކަމަށް ގިނަބަޔަކު ސިފަކުރެ އެވެ.

އަނުޝްކާ އާއި ވިރާޓް ވެސް ކައިވެނިކުރަން ނިންމުމުން އެ ދެތަރިންނަށް އިންޑިއާ ނޫން ގައުމެއްގައި ސިއްރުން ކައިވެނިކުރަން ލަފާ ދިނީ އަދިތްޔަ އެވެ. އެގޮތުން އޭނާ އިޓަލީ އަކީ ޕަޕަރާޒީންގެ އުނދަގޫ ނުފޯރައި ހަމަޖެހިގެން ކައިވެނީގެ ކަންކަން ކުރިއަށް ގެންދަން އެންމެ ފުރިހަމަ މަންޒިލް ކަމަށް އެދެތަރިން ކުރެން ބުނެފަ އެވެ.

މީޑިއާގެ ލޯތަކާ ދުރުގައި އަނުޝްކާ އާއި ވިރާޓް، އަދިތްޔަ އެދުނު ގޮތަށް އިޓަލީގައި ކައިވެނިކޮށް، އެކަން އެމީހުން ނެރުނު ބަޔާނެއްގައި ހާމަކުރުމުގެ ކުރިން އެއްވެސް މީޑިއާ އަކަށް ރޭކާ ވެސް ނުލަ އެވެ. ހުރިހާ އެންމެވެސް އައީ ހީވާ ހީވުންތަކުގެ މައްޗަށް އެކި ކަހަލަ ވާހަކަތައް ދައްކަމުންނެވެ.

އެންގޭޖްމަންޓުން ފެށިގެން ހީނާ އަޅާ ރަސްމިއްޔާތު އަދި ކައިވެނި ވެސް އިޓަލީގައި އަނުޝްކާ އާއި ވިރާޓް ނިންމާލީ އެއްވެސް ޕަޕަރާޒީއްގެ އުނދަގުލެއް ނެތި ވަރަށް މިނިވަންކަމާ އެކު އެމީހުން ބޭނުންވި ގޮތަށެވެ. ހުރިހާ ވެސް ޝުކުރެއް އެކުވެރި ޕްރޮޑިއުސަރު އަދިތްޔަ އަށެވެ.

އަދިތްޔަ ވަނީ އިންޑިއާގައި ކައިވެނިކޮށްފިނަމަ ޕަޕަރާޒީންނާއި އެމީހުންގެ ސަޕޯޓަރުން ކައިވެނީގެ ހަފްލާ އޮންނަ ތަނަށް ގޮސް މުޅި ސަރަހައްދު ހަލަބޮލިކޮށްލާނެ ކަމަށް ބުނެފަ އެވެ.

އަނުޝްކާ އާއި ވިރާޓަށް އެނބުރި އިންޑިއާ އަށް އައިސް މިމަހުގެ 21 ވަނަ ދުވަހު އެމީހުންގެ އާއިލާގެ ފަރާތްތަކަށް ކައިވެނީގެ އުފަލުގައި ދޭ ޕަޓީ ދިއްލީގައި އޮންނާނެ އެވެ. އަދި ބޮލީވުޑާއި ކްރިކެޓްގެ ތަރިންނަށް ބައްވާ ހާއްސަ ޕާޓީ މުމްބައިގެ މި މަހުގެ 26 ވަނަ ދުވަހު އޮންނާނެ އެވެ.