ލައިފްސްޓައިލް

ޖުމައްޔިލް އަނެއްކާވެސް އާ ހެއާ ސްޓައިލެއް ދައްކާލަނީ

ރާއްޖޭގަ ފިލްމު ކުޅެން މިއުޅޭ މަދު މީހުންނަކީ އެމީހުންގެ އާންމު ދިރިއުޅުމުގައި އަދި ފިލްމުތަކުން ފެންނަ އިރު ވަކި ތަފާތު ލުކްތަކެއް ފެންނަ ބައެއް ނޫނެވެ. އާންމުކޮށް ފިލްމުން ފެންނައިރު ފެންނަނީ އާންމު ދިރިއުޅުމުގައިވެސް އެ މީހަކު ހުންނަ ގޮތަށެވެ. ފިލްމަކަށްޓަކައި މީހަކު ވަރަށް ބޮޑަށް ފަލަވެ ނުވަތަ ހިކެން މާގިނަ މަސައްކަތެއް ނުކުރެ އެވެ.

އެހެން ނަމަވެސް ރާއްޖޭގައި ފިލްމެއް ކުޅެން ބޮލުގެ އިސްތަށިގަނޑު ގުރުބާންކޮށްލި އެންމެ މަޝްހޫރު އެކްޓަރަކީ އެފަދަ ދެވަނައެއް ނެތް ބަތަލާ ނިއުމާ މުހައްމަދެވެ. އަމިއްލަ ނަމުން ނަން ދީގެން ޑައިރެކްޓްކޮށް ކުޅުނު "ނިއުމާ" ގެ ލީޑް ރޯލަށް އޭނާ ބޯބޭލީ އެވެ.

ފިލްމު އިންޑަސްޓްރީގައި މިހާރު ރަސްކަން ކުރަމުންދާ އެކްޓަރު ޖުމައްޔިލް ނިމާލް މިއީ ފިލްމުތަކުގައި ތަފާތު ލުކްތައް ދައްކަން މަސައްކަތް ކުރާ ތަރި އެކެވެ. އޭނާގެ ކުރު އިސްތަށިގަނޑު އަދި ދިގު އިސްތަށިގަނޑެއް ދައްކާލައިފި އެވެ. ގިނަ ބައެއްގެ ވޯޓު ލިބުނީ ކުރު އިސްތަށިގަނޑަކަށެވެ. އަނެއްކާވެސް އޭނާގެ އާ ހެއާ ސްޓައިލެއް ދައްކާލަން އުޅޭހެން ވަރަށް ބޮޑަށް ހީވެ އެވެ.

މި ފަހަކަށް އައިސް ޖުމައްޔިލް ފެންނަނީ އަބަދިވެސް ބޮލުގައި ކޯން އަޅައިގެން އުޅޭތަނެވެ. މަގުމަތިން ފެނުނަސް ނުވަތަ ފިލްމީ ދާއިރާ އާ ގުޅުންހުރި ހަފްލާއަކުން ފެނުނު ނަމަވެސް އެވެ. ބޮލުގަ ކޯންއެއް އަޅައި އިސްތަށިގަނޑު ފޮރުވައިގެން އުޅޭނީ ކޮންމެވެސް އާ ހެއާ ސްޓައިލެއްގެ ސަބަބުން ކަން ޔަގީނެވެ.

"އަބަދުގަ ބޮލުގައ ކޯން އަޅައިގެން މިއުޅެނީ ގޮށްރާޅަށް، ގޮށް ރާޅުގައި ފެންނާނީ އެ ހެއާސްޓައިލްގަ، ހަމަ ސަޕްރައިޒެއް މީ،" ޑާކްރެއިން އެންޓަޓެއިންމަންޓުގެ "އެންމެ ފަހު ވިންދާ ޖެހެންދެން" އިން ވިދާލި ތަރި ބުންޏެވެ.

"ގޮށް ރާޅު" އަކީ ޑާކްރެއިނުން މިހާރު ޝޫޓް ކުރަމުންދާ ތްރިލާ ފިލްމެކެވެ. ފިލްމުގެ ޝޫޓިން މިހާރު ފަށާފައިވާއިރު އަންނަ އަހަރުގެ ކުރީކޮޅު އަޅުވާނެ އެވެ. އެ ސްޓޫޑިއޯގެ "ވާށޭ މަށާ އެކީ" ގަ ޖުމައްޔިލް ވަނީ ދިގު އިސްތަށިގަނޑެއްވެސް ދައްކާލާފަ އެވެ.

ޖުމައްޔިލްވެސް އަދި އެހެން މީހުންނަށްވެސް އޭނަ ކަމުދަނީ ކުުރު އިސްތަށިގަނޑަކާ އެކީ އެވެ.

ފިލްމީ ދާއިރާ އަށް އޭނާ ނުކުތީ ނިމާލް ޑައިރެކްޓްކުރި "އަނިޔާ" އިންނެވެ. އެއަށް ފަހު ކުޅުނު ޑާކް ރެއިންގެ ފިލްމު "އެންމެ ފަހު ވިންދާ ޖެހެންދެން" ވެގެން ގޮސްފައި ވަނީ ފަހުގެ ތާރީޚެއްގައި އޮލިމްޕަހުގެ ސްކްރީނަށް އައި އެންމެ ރޮމޭންޓިކް އަދި އެންމެ ކާމިޔާބު އެއް ދިވެހި ފިލްމަށެވެ. އޭގެ ފަހުން އެ ސްޓޫޑުއޯ އިން ގެނެސްދިން "ވާށޭ މަށާ އެކީ"ވެސް ވަރަށް ކާމިޔާބެވެ. މި އަހަރުގެ އެވޯޑް ނޮމިނޭޝަންގަ އެންމެ ކުރިން ޖާގަ ހޯދާފައިވަނީވެސް އެ ފިލްމެވެ.

އޭގެ ފަހުން މިދިޔަ އަހަރު ފާތުމަތު ނަހުލާ ގެނެސްދިން ބިރުވެރި ފިލްމު "4426" އަދި މި އަހަރު ޑާކްރެއިން އިން ގެނެސްދިން "މީ ލޯތްބަކީ" އަދި "މަލިކާ" އިންވެސް ޖުމައްޔިލް ވަނީ ފެނިގެން ގޮސްފަ އެވެ.

އަންނަ އަހަރުގެ ކުރީކޮޅު ޑާކްރެއިނުން ގެނެސްދޭ "ވަކިން ލޯބިން" ގަ ވެސް ޖުމައްޔިލް ފެނިގެންދާނެ އެވެ.