ބޮލީވުޑް

"ސުއި ދާގާ" އަށް ވަރުން ފަހަން ދަސްކުރަނީ

Dec 13, 2017

ޒުވާން އެކްޓަރު ވަރުން ދަވަން ދެން ކުޅެން ފަށާ ފިލްމަކީ ޔާޝް ރާޖް ފިލްމްސްއިން އުފައްދާ "ސުއި ދާގާ" ކިޔާ ފިލްމެކެވެ. ބަތަލާ އަނުޝްކާ ޝަރްމާ އެކު ވަރުން ފެނިގެންދާ މި ފިލްމަށް ތައްޔާރުވުމުގެ އޭނާ މިހާރު ވަނީ ފަށާފަ އެވެ.

"ދަމްލަގާކޭ ހައިޝާ"ގެ ޑައިރެކްޓަރު ޝަރަތް ކަތާރިއާ ޑައިރެކްޓްކުރާ މި ފިލްމުގައި ކުޅޭ ރޯލަށް ތައްޔާރުވުމުގެ ގޮތުން ވަނީ ފަހަން ދަސްކުރަން ފަށާފަ އެވެ.

ފަހާފޮއްޓެއްގެ ކައިރީގައި ފަހަން ދަސްކުރަން ވަރުން ހުއްޓައި ނަގާފައިވާ ފޮޓޯއެއް އޭނާ ވަނީ ޓްވީޓްކޮށްފަ އެވެ.

ވަރުންގެ އިތުރުން މި ފިލްމުގެ އޮފިޝަލް ޓްވިޓާ އެކައުންޓުން ވެސް ވަނީ ވަރުން ފަހަން ދަސްކުރަން ހުއްޓައި ނަގާފައިވާ ފޮޓޯއެއް އާންމުކޮށްފަ އެވެ. އެ ޓްވީޓުގައި ވަނީ ފަހަރަކު ރޮއްޖެއް ޖަހަމުން ވަރުން ފަހަން ދަސްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އަންނަ މަހުގެ ތެރޭގައި ޝޫޓިން ފަށާ މި ފިލްމަކީ މޭޑް އިން އިންޑިއާގެ މެސެޖު ވަރަށް ފުރިހަމަ އަށް އޯޑިއަންސަށް ގެންދެވޭނެ ފިލްމެއް ކަމަށެވެ. އަދި މިއީ ކޮންމެ އިންޑިއާ ރައްޔިތެއްގެ ހިތާ ކުޅެލާނެ ފިލްމެއް ކަމަށް ފިލްމުގެ ތަރިން ވަނީ ފިލްމު އިއުލާންކުރަމުން ބުނެފަ އެވެ.

"ސުއި ދާގާ" އަކީ ވަރުން ކުޅޭ ޔާޝް ރާޖްސްއިން އުފައްދާ ފުރަތަމަ ފިލްމެވެ. އަދި މިއީ އަނުޝްކާ އާއި ވަރުން ވެސް އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ.

ވަރުންގެ ކެރިއަރުގައި މި އަހަރަކީ ވަރަށް ކާމިޔާބު އަހަރެކެވެ. އޭނާގެ ނިކުތް ދެ ފިލްމު، "ބަދްރިނާތްކީ ދުލްހަނިޔާ" އާއި "ޖުޅްވާ 2" އަށް ބޮކްސް އޮފީހުގައި ވަނީ ބޮޑު ކާމިޔާބީއެއް ލިބިފަ އެވެ.

ވަރުން ވަނީ މި މަހުގެ ތެރޭގައި ދެން އޭނާގެ އެންމެ އަވަހަށް ރިލީޒްވާ ފިލްމު "އޮކްޓޯބަރު" ގެ ޝޫޓިން ނިންމާލާފަ އެވެ.