މިއީ ރާއްޖޭގެ އެންމެ ދުވަސްވީ ނޫސް ކަމަށްވާ "ހަވީރު" ގައި އެ ނޫހުގެ އެޑިޓަރު މިއަދު ފާޅުކުރައްވާފައިވާ ހިޔާލެއް ފެނި، އެއާ ވިއްދައިގެން ހިޔާލެއް ފާޅުކޮށްލަން ލިޔާ ލިޔުމެކެވެ. ތަޖުރިބާކާރު އެޑިޓަރުގެ ހިޔާލަށް ފުރިހަމަ އަށް އިހްތިރާމްކޮށް، ބަރު ހިތެއް ނެތި ހިޔާލެއް ފާޅުކޮށްލާނަމެވެ.
އެ ލިޔުމުގައި ވަނީ ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެއްޖެ ނަމަ، ސަރުކާރު ހިންގާ ޕާޓީގެ މެންބަރުން ރައްޔިތުންގެ މަޖިލިސް ތެރެއިން ކޮންމެ ކަމެއް ވެސް ކުރައްވަން ތައްޔާރަށް ހުންނަވާ ވާހަކަ އެވެ. މައިގަނޑު ގޮތެއްގައި ކަންބޮޑުވުން ފާޅުކުރައްވާފައި ވަނީ މޯލްޑިވްސް އެެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުކޮށް ސުވާލުކޮށް، ދެ ވަނަ ފުރުސަތެއް ދެއްވި އިރު ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރި އިރު އެގޮތަށް ފުރުސަތެއް ނުދެއްވީމަ އެވެ. އަދި ގާނޫނު އަސާސީ އާއި ގާނޫނުތައް ކޮންމެ ގޮތަކަށް އޮތަސް ރައީސް ވިދާޅުވާހާ ކަމެއް މަޖިލީހުން ކުރާ ވާހަކަ އެވެ.
ތަޖުރިބާ ކުރެވިފައި ހުރި ކަންކަމުގެ ތެރެއަށް ޖެހިލަމާ ހިނގާށެވެ؛ އޭރު އަޅުގަނޑު މަސައްކަތް ކުރީ "ހަވީރު"ގަ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާ މެދު ތުހުމަތުކުރި ބަދުއަހުލާގީ މައްސަލާގައި އަލީ ހަމީދުގެ ވަކީލެއްގެ ގޮތުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވަޑައިގަތީ ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ މުހައްމަދުގެ ސުލޫކީ މައްސަލާގައި އަބްދުﷲ މުހައްމަދުގެ ވަކީލުކަން ވެސް ކުރައްވާ ގާނޫނީ ވަކީލް، ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހިމް ރިޒާ ކަމަށް ބުނެ ހަބަރެއް ލިޔަން އަމުރު އައީ "މަތިން" ނެވެ. އެކަމަކު އެއީ ހަގީގަތެއް ނޫން ކަމަށް ނޫސްވެރިން ބުނަމުން ދިޔަ އެވެ. އެކަމަކު އެންމެ ފަހުން އެ ހަބަރު ލިޔެ، އަދި އެ ހަބަރުގައި "ވެރިޔާ" ބުނި ގޮތަށް ފޮޓޯއެއް ވެސް ހަދާފައި ޖެހި އެވެ. މިހެން ހަދަން ޖެހުނު ސަބަބެއް ކަމަކީ ކޮބައި ކަމަށްތޯ އެވެ؟
ދެން ވެސް އެޑިޓަރެއްގެ ފަރާތުން ފެނުނު ކަމެކެވެ. ޖީއެމްއާރަށް ތާއީދުކޮށް ނުވަތަ އެ ކުންފުންޏާ އެއްކޮޅަށް ހުންނަ ރިޕޯޓްތަކާއި ހަބަރުތައް ނުލިޔުމަށް އެޑިޓަރު "ލަފާ" ދެއްވީ ޖީއެމްއާރު ބޭރުކޮށްލުމަކީ "ގައުމީ ކަމަކަށް ވީމަ" އެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިވެފައިވާ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމް ވެސް ރަނގަޅެވެ. އެއީ އެ ދެ ބޭފުޅުންނަކީ "އެމްޑީޕީ ކޮޅަށް ގޮސް ހުސްވެފައި" ތިބި މީހުންނަށް ވީތީ އެވެ. ސަރުކާރު ތެރެއިން ނޫހުގެ ވެރިޔާ އަށް "ޑީލެއް" ހޯދަން ސަރުކާރަށް ނުވަތަ ވަޒީރަކަށް ސަނާ ކިޔުމަށް ފަހު އެކަން ނުވުމުން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމަށް އަންގާ "ނޫހުގެ ވެރިން" ވެސް އުޅޭކަން އެނގެ އެވެ. މިހެން ގޮސް ލިސްޓު ވަރަށް ދިގުކޮށްލެވިދާނެ އެވެ.
އަޅުގަނޑުގެ ނިޔަތަކީ އިހްތިރާމް ލިބިގެންވާ ނޫސްވެރިޔަކާ ނުވަތަ ނޫސް ހިންގާ ބަޔަކާ ޖައްސާލުމެއް ނޫނެވެ. ވިދާޅުވި ގޮތެއް ހަދަނީއޭ ބުނާއިރު ޑިމޮކްރަސީގެ ހަތަރު ވަނަ ބާރު ވެސް ހަމަ އެ ހާލެއްގައި އޮތީމަ އެވެ. އެހެން ވީމާ ދެން އެ ލިޔުންތައް ވެސް ލިޔަން އެ ޖެހުނީ ވިދާޅުވި ގޮތަށް ނޫން ހެއްޔެވެ؟
ނޫހުގެ ވެރިންނާއި އެޑިޓަރުންގެ ވިޔަފާރީގެ ގުޅުން އޮންނަ މީހުންނާއި އެކުވެރިންގެ ހަބަރުތައް ޝާއިއުކޮށްފައި ވަނިކޮށް "ގެއްލޭ" މައްސަލަ ވެސް އެއީ މަދުވާ ދިމާވާ ކަމެއް ނޫނެވެ. އެގޮތަށް ހަބަރު ގެއްލޭކަން ކިޔުންތެރިންނަށް ވެސް ފާހަގަ ވާނެ އެވެ. މިހެން ގޮސް ލައްކަ ވާހަކަ ދެއްކިދާނެ އެވެ. އެެހެން ވީމާ މިކަން ވެސް ކުރަން މިޖެހުނީ ވިދާޅުވި ގޮތަށް ނޫން ހެއްޔެވެ؟
ރައްޔިތުން މަޖިލީހުގެ ތެރޭގައި ސިޔާސީ ގޮތުންނާއި ގާނޫނީ ގޮތުން ކުރެވޭ މަސައްކަތްތަކުގައި ވެސް، އެކަން ކުރަނީ އެހެން އެއްވެސް ކަމަކަށް ފަރުވާލެއް ނުބަހައްޓާ ކަމަށް ބުނެ ކުރާ ވަކާލާތުގެ ގޮޅިއަށް މިކަން ވަކި ނުފެތޭ ހެއްޔެވެ؟ ވަކި ލިޔުމެއް ލިޔަނީ ތަނުގެ މަސްއޫލުވެރިޔާ ހިތްރުއްސަން ކަމަށްވާ ނަމަ ހަގީގަތުގައި އެ ކުރެވެނީ ވެސް ވިދާޅުވި ގޮތަށް ކުރެވޭ ކަމެކެވެ. އެހެން ވީމާ ނޫސްވެރިކަމުގެ އެތިކްސް އާއި މިނިވަންކަން އޭރު އޮންނާނީ ފައި ދަށަށް ލައި ޗިސްޗިސްކޮށްލެވިފަ އެވެ. ވީމާ، މަޖިލީހުގެ ތެރޭގައި ވަކި ބަޔަކު ކަންކުރަނީ އެ ބީދައިން ކަމަށް ބުނެ ވަކާލާތު ކުރެވޭނެ ޖާގައެއް ގިނަ ނޫސްވެރިންނަށް ވަކި އެބަ އޮތް ހެއްޔެވެ؟