ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޕައިލެޓުންގެ ޝަކުވާތަކާއި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން އެ ކުންފުނީގެ އިސްވެރިއަކާއި ސީނިއާ ޕައިލެޓަކާ ދެމެދު ހިނގާ ޒުވާބެއްގެ އޯޑިއޯ ލީކުވި މައްސަލާގައި އެ އެއާލައިންގެ ޕައިލެޓަކު ސަސްޕެންޑުކޮށް، ގޭގައި މަޑު ކުރަން އަންގައިފި އެވެ.
"އަވަސް" އަށް އެނގިފައިވާ ގޮތުގައި މި މައްސަލާގައި ގޭގައި މަޑު ކުރަން އަންގާފައިވަނީ އޯޑިއޯގައި ޝަކުވާ ކޮށްފައިވާ އެ އެއާލައިންގެ ސީނިއާ ޕައިލެޓެވެ. ލީކްވެފައިވާ އޯޑިއޯގައި އެ ޕައިލެޓާއި މޯލްޑިވިއަންގެ ޑިޕާޓްމަންޓެއްގެ އިސްވެރިޔަކާ ދެމެދު ވަރަށް ހޫނު ޒުވާބެއް ހިނގަ އެވެ. އެގޮތުން އެ ޒުވާބު ހިނގީ ޕައިލެޓުންގެ ޝަކުވާތައް ފެންމަތިކޮށް އޭނާ ކުރި އީއެމްއިލްއަކާ ގުޅިގެން ކަން އެނގެ އެވެ. ލީކްވި އޯޑިއޯގައި މޯލްޑިވިއަންގެ ޑިޕާޓްމަންޓްގެ އިސްވެރިޔާ ވަނީ އެ ޕައިލެޓްގެ އަމަލުތައް ތަކުރާރު ކުރާނަމަ، ސަސްޕެންޑް ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.
ޕައިލެޓް ސަސްޕެންޑް ކުރި މައްސަލައިގައި މޯލްޑިވިއަންގެ ކޮމެންޓެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ.
ގާތްގަނޑަކަށް 150 ހަކަށް ޕައިލެޓުން އުޅޭ ގައުމީ އެއާލައިންގެ ބައެއް ޕައިލެޓުން ޝަކުވާ ކުރަނީ މިދިޔަ ޖުލައި މަހުން ފެށިގެން ޕައިލެޓުން މަސައްކަތް ކުރަން ޖެހޭ ވަގުތު ފަސް ދުވަހުގެ ބަދަލުގައި ހަތް ދުވަހަށް ބަދަލުކުރުމުގެ ސަބަބުން ހުއްޓާނުލާ މަސައްކަތް ކުރަން ޖެހޭ ވަގުތު ގިނަވެ، "ފެޓީގް" ނޫނީ އިންތިހާއަށް ވަރުބަލިވުން ލޮޑުވުމުގެ މައްސަލަ ޕައިލެޓުންނަށް ދިމާވުމެވެ. އެ ޕައިލެޓުން ބުނާ ގޮތުގައި މިކަމުގެ ސަބަބުން، ފްލައި ކުރާއިރު ދޭން ޖެހޭ އެކަށީގެންވާ ސަމާލުކަން ނުދެވި ގޯސްތައް ހެދުމަށް މިކަމުގެ ސަބަބުން މަގުފަހިވަމުން އާދެ އެވެ.
އޭވިއޭޝަންގެ ރެގިއުލޭޝަން ބުނާ ގޮތުން، އެއް ހަފްތާ ތެރޭ 60 ގަޑިއިރު ޕައިލެޓުންނަށް ފްލައިކުރެވެ އެވެ.
އެހެން ނަމަވެސް އެ ތުހުމަތުތައް މޯލްޑިވިއަން އިން ދޮގުކޮށްފައިވެ އެވެ. އެ އެއާލައިނުން ބުނެފައި ވަނީ އެ އެއާލައިންގެ އެއްވެސް އުސޫލެއް ސިވިލްއޭވިއޭޝަންގެ ރެގިއުލޭޝަނާ ހިލާފަށް ހަދާފައި ނުވާ ކަމަށެވެ. އަދި ދަތުރުވެރިންގެ ރައްކާތެރި ކަމަށް ބުފރޫއަރާނެ ފަދަ އެއްވެސް ކަމެއް އެ އެއާލައިނުން ނުކުރާ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އެފަދަ ވާހަކަތައް ފަތުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވިއަން އިން ވަނީ ދީފަ އެވެ. އަދި ޕައިލެޓުންގެ ޝަކުވާތައް ފެންމަތި ކުރުމުގައި ބައެއް ޕައިލެޓުން އަމަލުކޮށްފައި ވަނީ މޯލްޑިވިއަންގެ އުސޫލުތަކުގެ ބޭރުން ކަމަށް ވެސް އެ އެއާލައިނުން ބުނެފައިވެ އެވެ.