ވިޔަފާރި

އެޑްވެންޗާ އޮފް މޯލްޑިވްސް ވީޑިއޯ މުބާރާތުގެ ވަނަތައް ހޮވައިފި

Dec 14, 2017

ރާއްޖޭގެ ރީތިކަން ދައްކާލަން، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ކުރިއަށް ގެންދިޔަ ""އެޑްވެންޗާ އޮފް މޯލްޑިވްސް" ވީޑިއޯ މުބާރާތުގެ ވަނަތައް ހޮވައި އިނާމު ދީފި އެވެ.

އެއް މަސް ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ ކުރު ވީޑިއޯ ހެދުމުގެ މުބާރާތަށް ހަދާފައިވާ ވީޑިއޯތަކަށް ވަނަ ދީފައިވަނީ ފޭސްބުކް މެދުވެރިކޮށެވެ. މިގޮތުން އެންމެ ގިނަ ވޯޓު ލިބިގެން އެއްވަނަ ލިބިފައިވަނީ ނާއިދު އަލީ އަށެވެ. އަދި ދެވަނަ އަހުމަދު ފަޒީލް އަށް ލިބުނުއިރު، ތިންވަނަ ހޯދާފައިވަނީ މިރާކް މަރްޒީކޯ އަށެވެ. މީގެ އިތުރުން އަށް ވަނައެއް ހޮވައި އިނާމު ދީފައިވެ އެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިނާމުތައް ދެއްވީ، ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ ކަމަށްވާ ޗަމްޕާ ހުސެއިން އަފީފު (ޗަމްޕާ އަފީފު) އެވެ. މި މުބާރާތުގެ އެއްވަނަ އިނާމަކަށް ހުށަހަޅާފައިވަނީ 6،500 ޑޮލަރު (ގާތްގަނޑަކަށް 100230ރ.) އެވެ މި އިނާމު ލިބިފައިވަނީ އެއްވަނައަށް ދިޔަ ނާއިދު އަލީ އަށެވެ.

މި މުބާރާތަށް އަޕްލޯޑް ކުރި ވީޑިއޯތައް ހަތަރު ލައްކައަށްވުރެ ގިނަ މީހުން ބަލާފައިވެ އެވެ.

އެމްއެމްޕީއާރުސީން ދަނީ ރާއްޖެ މާކެޓު ކުރާ ގޮތް ބަދަލު ކުރަމުންނެވެ. އެގޮތުން "ދިވެހިންގެ ވާހަކަ" އިގެ ގޮތުގައި ދިވެހިންގެ ސަގާފަތާއި ރާއްޖޭގެ ރީތިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ދަނީ ދައްކާލަމުންނެވެ. މީގެ ނަތީޖާއެއްގެ ގޮތުން ސޯޝަލް މީޑިއާގައި ރާއްޖޭގެ މަގުބޫލުކަން އިތުރުވެފައިވެ އެވެ.