ކޮލަމް

ހަމައެއް ލަމައެއް ނެތް ޓެކްސީގެ ހިދުމަތް

ދެވިލާގަނޑު ދޭތެރެއިން ލިބުނު ދަނޑިވަޅެއްގައި ކުދިންކޮޅު ގޮވައިގެން ނުކުތީ ޓެކްސީއެއް ލިބޭނެކަން ކަށަވަރުކޮށްފައެވެ. އެއީ ވިއްސަކަށް ފަހަރު އުޅެގެން ގުޅުނު ސެންޓަރުން ނަމްބަރެއް ދިނީމައެވެ. ބަލައިގެން ހުރީ ނަމްބަރު ދީގެން އަންނަ ކާރު ދެން ގައިމުވެސް އަހަރެމެން ގެންދާނެ ކަމަށެވެ. ކުޑަކުޑަ ދެކުދިންނާއި އެކުދިންގެ މަންމައާއި މާމަ ގޮވައިގެން މަގުގެ އެއް ފަރާތެއްގައި މަޑުކޮށްލައިގެން ހުރީމެވެ. ވާރޭ ހުއްޓައިލުމުން އަސްކަނިތަކުން ވެހޭ ވާރެއިން ސަލާމަތްވާން ފަރާތް ފަރާތަށް ޖެހިލަ ޖެހިލަ އެވެ.

"އާނ މިއަންނަނީ ސެންޓަރުން ބުނި ނަމްބަރުގެ ކާރު. އަވަހަށް ތައްޔާރުވޭ،" އާއިލާ ހުށިޔާރުވާން އެންގީމެވެ.

ކިތަންމެ ތައްޔާރަށް ތިއްބަސް ސެންޓަރުން ނަމްބަރު ދިން ކާރަކަށް އަހަރެމެންނަކަށް ނޭރުނެވެ. އަހަރެމެން ތިބި ގެއާ ޖެހިގެން ދުރަށް ދެވަނައަށް ހުރި ގެއިން އެކަނި ނުކުތް އަންހެނަކު އަތް ހިއްލާލުމާ އެކު ކާރު ބުރެކި ޖެހުނީ އެވެ. އޭނާ ވަރަށް ހަމަޖެހިލާފައި ކުރީ ސީޓަށް އެރި އިރު އަހަރެން ހަނާ އަޅާ މަންޒަރު ޑްރައިވަރަށް ފެންނާނެ އެވެ. އޭނާ ހަމަ ބުދެއްހެން އިނދެ ކާރު ދުއްވާލީ ކުރިއަށެވެ.

އަރައިގަތް ރުޅީގައި ސެންޓަރަށް އަލުން ގުޅީމެވެ. ނަސީބު އިންތިހާއަށް ރަނގަޅުކަމުން ސެންޓަރުން އަނެއްކާވެސް ފޯނު ނެގިއެވެ.

"ފޮނުވި ޓެކްސީ ހިނގައްޖެ މިހިސާބަށް ކައިރި ނުކޮށް މިތަނުން ގެއަކުން ނުކުތް މަންޖެ އެއް ގޮވައިގެން،" ކަންތައްވީގޮތް ކިޔައިދިނީމެވެ. އެއާ އެކު ސެންޓަރުން ކާރަށް ގޮވާ އަޑު އިވެން ފެށި އެވެ. އޭނާގެ ޖަވާބު އަޑު އަހައިލަން ބޭނުންވާތީ މަޑުކޮށްލީމެވެ.

"ނަމްބަރު ދީފައި ފޮނުވީމާ ކަލޭ ތިޔަ ދަނީ އެހެން މީހަކު ނަގައިގެން،" ސެންޓަރުގައި އިން މީހާ ބުނާ އަޑު އިވުނެވެ.

"އެތާކު ނެތް ބަޔަކު، ދެފަހަރަށް ބެލިން. ދެން ހުސްކޮށް ނުދާން ވެގެން މީހަކު އެރުވީ،" ޑްރައިވަރު ދޮގު ހަދައިލީ ދޫފަސޭހަ ކަމާ އެކުގަ އެވެ.

އެދުވަހު ސެންޓަރުން ކަންތައް ކުރީ ވަރަށް ރަނގަޅަށެވެ. ދެވަނަ ޓެކްސީއެއް ވެސް ފޮނުވައި އަހަރެމެން ދާން އުޅުނު މަންޒިލަށް ވާސިލުކޮށްދިނެވެ.

އެހެން ދުވަހެއްގައި ވިލިމާލޭ ފެރީ ޓާމިނަލުން ޓެކްސީއެއް ނެގީމެވެ. އޭރު އޮފީހަށް ގަޑި ނުޖެހި ހުރީ ވިއްސަކަށް މިނެޓެވެ. ދާހިއްލާ ފޯވާ ވަރަށް ހިނގިޔަސް 20 މިނެޓުން ރާޅުގަނޑު ސަރަހައްދަކަށް ނުފޯރާނެ އެވެ. އެއީ މާލެ ބޮޑުކަމަކުން ނޫނެވެ. މަގުތަކާއި ގޯޅިތައް ހުރަސް ކުރުމަށް ކުރަން ޖެހޭ ހަނގުރާމައާ ހެދި އެވެ. ދުވާރުމަތީ ޖަލްސާތައް ބާއްވަވާ ބޭފުޅުންނަށް ތުރާލެއް ނުވާނެހެން ހިނގަން ޖެހޭތީއެވެ. 'ދުވާރުން ބައެއް ގަނެގެން ' ޕާކްކޮށްފައި ހުންނަ ބޮޑެތި ލޮރީތަކާއި ވޭންތަކުން ރެކެން ޖެހޭތީ އެވެ.

"މީނަ އެރުވިޔަސް އޯކޭތަ؟" ކުރީސީޓުގައި އިނދެވުނީމާ ފަހަތު ގޮނޑިތަކަށް މީހުން އަރުވަން ޑްރައިވަރު އެހެންޏާ އެދޭނެކަން އެހެންޏާ ނާހައިވެސް އަރުވާނެކަން އެއީ ދަންނަ ކަމެކެވެ. ކުރީ ސީޓަށް އަރަނީ ވެސް މީހުންނަށް އެ ފަސޭހަ ކޮށްދޭށެވެ. ނޫނީ މަށަށް ވެސް ދެން ފަހަތު ސީޓަށް އަރައި ހެޑުސެޓު އަޅައިގެން އެއްވާމަކަށް ބޯތަޅުވައިލަ ތަޅުވައިލަ އިނދެވިދާނެތާއެވެ.

"ގަޑި ނުޖެހި ގެންދަންޏާ މައްސަލައެއް ނެތް. އެހާތަން އޮއްވައި މި އެރީވެސް. ގަޑި ޖެހޭނީ 9.00ގައި"

ކަންތައްވީ ދިމާ އިދިކޮޅަށެވެ. ގަޑިއަށް އޮފީހަށް ގޮސް، ޓެކްސީތަކަށް ދޭ ފައިސާ ގަޑި ނުޖެހޭ އެލަވަންސުން ކަނޑަން އިން މީހާއަށް ވީ ގެއްލުމެވެ. ޓެކްސީއަށް ފައިސާވެސް ދީފައި ގަޑި ނުޖެހޭ އެލަވަންސްވެސް ކެޓީ އެވެ. ދެވަނައަށް ނެގީ މާ ޒީނަތްތެރި ކަނބަލަކަށްވީމާ ލިބުނު ކެއްސެކެވެ. ކުރިން އެރި މީހާ ކުރިން ގެންދަން ޖެހޭ ކަމަށް ޑްރައިވަރު ދެތިން ފަހަރު ބުންޏެވެ. އެކަމަކު ފަހަތުގައި އިންނެވި ކަމަނާގެ ބަސްފުޅު އެކަމުގައި ގަދަވީ އެވެ. އެހެންވީމާ ފުރަތަމަ ގެންދަން ޖެހުނީ އޭނާ އެވެ. މާލޭގައި އޮތް އެންމެ ފަސޭހަ އެއް މަގު ކަމަށްވާ އަމީނީ މަގުން މަ ގޮވައިގެން ކުރެވެން އޮތް ދަތުރު ކުރުގަޅުވާލާފައި ޓެކްސީ ވަނީ ލޮނުޒިޔާރަތް މަގަށެވެ. އެތަނުގައި ތާށިވެގެން އެތައް އިރަކު ތެޅިތެޅިފައި ގޮސް އޮފީސް ކައިރިއަށް މަޑުކޮށްލި އިރު 9.05 ހިނގައިފި އެވެ.

ދެން މިޒާތު ހާދިސާތައް ލިޔަންޏާ ކޮޅުންލާކަށް ނެތެވެ. ކުޑަކުދިން ނާރުވަނީ ޓެކްސީއަށް ހޮޑުލައިފާނެތީ އެވެ. މުސްކުޅިން ނާރުވަނީ އެމީހުން އަރަން ހޭދަވާ ވަގުތު ދިގުކަމުންނެވެ. އާއިލާތައް އެކުގައި ނާރުވަނީ 25 އަށް ވުރެ އިތުރަށް އެއް ދޮނުގައި ނުލިބޭތީއެވެ. މިއީ ހަމަ ޑްރައިވަރުންގެ ފަރާތުން ސީދާ ގޮތުންނާއި ނުސީދާ ގޮތުންް އެނގިފައިވާ ހަގީގަތްތަކެވެ. މިހެން ބުނީމާ މަ ނޮޅައިގެން ކެޔަސް މީ ތެދެވެ.

"ދެންމެ މަޑު ކުރި ކާރެއް. މަޑުކުރީ މަގޭ އަންހެނުން އަތް ނެގީމާ. ދެން ދެކުނިންނާ މަށާ އަރަން ދިޔައިމަ، ހުއްހ، ކުއްލިއަކަށް ކުރިއަށް ދުއްވާލައިފި،" ތަންކޮޅެއް ދުވަސްވީ ޑްރައިވަރެއްގެ ގާތުގައި ޝަކުވާ ކޮށްލީމެވެ.

"އާނ، މި ވާ ގޮތަކީ ކުއްޖަކު ކާރު ތެރެއަށް ހޮޑުލައިފިއްޔާ، ދެން އެ ވަސް ފިލުވަން އެބަ ނަގާ ވަރަށް ވަގުތު. އެދުވަހު ދެން ދަތުރެއް ކުރެވޭނީ ވަރަށް ބޮޑު މަސައްކަތެއް ކޮށްގެން. ކުރިން ވިއްޔާ ދެން އެ ޕަސިންޖަރުން އަތުން އެކަމަށް ނަގާނެ ކޮންމެވެސް އެއްޗެއް،" އޭނާ ކިޔައިދޭން ފެށިއެވެ.

ހިތްހެޔޮ ޑްރައިވަރު ބުނީ މިހާރު އެގޮތަށް ކަންތައް ކުރުން މަނާ ކަމަށެވެ. މިހާރު ދެން އެގޮތަށް ވާ ގެއްލުން ފޫބައްދަން އެއްޗެއް ލިބޭނީ ޕަސިންޖަރު ހިތުން ރުހުމުން ދިނިއްޔާ ކަމަށް ވެސް އޭނާ ބުންޏެވެ. ސުވާލު ގިނަކޮށްލީމާ ބުނީ މިހާރު ގިނަ މީހުން އެގޮތަށް އެއްޗެއް ދޭން ފަސްވެސް ނުޖެހޭ ކަމަށެވެ.

ހީކޮށްގެން ހުރި ފަދަ ސިއްރެއް މިކަމުގައި ނުވާކަމަށް ނިންމޭ ފަދަ ޖަވާބުތަކެއް އޭނާ ދިނެވެ. އެންމެ ފަހުން އެ ސުވާލު ސީދާ ގޮތެއްގައި ދޫކޮށްލީމެވެ. އެކަމަކު އެެހެން ދުވަހެއްގައި އެހެން ޑްރައިވަރަކާ ދިމާލަށެވެ. ތަންކޮޅެއް ސަކަ މިޒާޖުގެ، ޕާޓީ ޕޮލިޓިކްސްގެ ވާހަކަ ގިނައިން ދައްކާ ޑްރައިވަރަކަށެވެ.

"ތިޔަހެންވެސް ހަމަ ކަންތައްތައް ވޭ. އާއްމު ގޮތެއްގައި ރޭގަނޑު ތިޔަ މައްސަލަ ބޮޑުވާނެ. އޭރު އެ ޑްރައިވަރުން ތިބޭނީ އާމްދަނީއަށް ޖެހި ޓާގެޓް ހާސިލުކޮށްގެން،" ހުއްސަރިބައި އަންހެނުންނާ ސަމާސާ ބުނަން ޖާގަ ހޯދާ ޑްރައިވަރުން އުޅޭކަން ފާހަގަ ކުރަމުން އެނާ ބުންޏެވެ.

ވަރަށް ދެރަ ކަމެއް

މާލޭގެ މަގުތަކުގައި ޓެކްސީ ކުރަން " ކުލަ ޔެލޯ" ނަމްބަރު ޕްލޭޓުތައް ދޫކުރަނީ މަޖާ ކުރާކަށް ނޫނެވެ. އެބޯޑު އަޅުވައިގެން ނުކުންނަ ޑްރައިވަރަށް އެހެން މީހުންނާ ތަފާތު ފުރުސަތެއް ދީފައި އެވަނީ ކަންތައްތަކެއް ކުރަން ލާޒިމުކޮށްފައެވެ. އޭނާ ކުރަން ލާޒިމުކުރާ ހަމަ އެކަނި ކަމަކީ އާމްދަނީ ހޯދުމެއް ނޫނެވެ. ރައްޔިތުންނަށް ހިދުުމަތް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ.

މާލޭގައި ރަޖިސްޓްރީކޮށްފައިވާ 600 އަށް ވުރެ ގިނަ ޓެކްސީ ދުއްވަ އެވެ. ނަމަވެސް އާއްމު ގޮތެއްގައި ދުވާލެއްގެ މައްޗަށް ޑިއުޓީގައި ތިބެނީ 400 އެއްހާ ޓެކްސީ ކަމަށްވެ އެވެ. މިތަނުގައި ދެލައްކައެއްހާ މީހުން އުޅޭ އިރު އެއްމެންނަކީ އަމިއްލަ އުޅަނދުތައް ހުންނަހާ މުއްސަނދިންނެއް ނޫނެވެ. އެހެންވީމާ ނަގާ އަތްތަކާއި ހޫރާ އަތްތައް އިންތިހާއަށް ގިނަވާނެއެވެ.

އެހެންވީމާ މުސްކުޅި މީހާވެސް ވާނީ ގެންދާށެވެ. ޅަދަރިމައި އަންހެނުން އެމީހުންގެ ކުދިންނާ އެކުގައެވެ. ދެއަތް ހަލުވަމުން އެކަނި އަންނަ ގައިބާރު ގަދަ ފިރިހެނާވެސް ގަޑި ނުޖައްސައި ގެންދަން ޖެހޭނެއެވެ. ފެހިބޯޑު ދިއްލީމައި މި އެންމެނަށް ވެސް ފެހިވާން ޖެހެއެވެ. ދަނީ ވަކި މިވެނި ތަނެކޭ ބުނީމާ ނުނަގައި ދާން ވާނީ އެ ސަރަހައްދަށް ނުވަދެވޭނެ ނަމައެވެ.ޑްރައިވަރު ދާހިތް ނުވާ ހިސާބުގަނޑަކަށް ވެގެން ނުގެންދަންޏާ ނަމްބަރު ޕްލޭޓު ހުންނަ ޖެހޭނީ ކަޅުކޮށް " ޕީ" އަކުރު ޖަހާފައެވެ.

މާލޭގެ މަގު ތަކަކީ ވަދު އަޅަން އޮތް ތަނެއް ނޫނެވެ. އެމަގުތަކުން އަތް ނަގަނީ ވަކި ގަޑިއަކަށް ނުދެވިއްޖެއްޔާ ދަތުރެއް ކަޓައި މާލޭގައި މަޑު ކުރުމުގެ ބޮޑު ހަރަދު ކުރަން ޖެހިދާނެ މީހެކެވެ. ހޮސްޕިޓަލާ ހިސާބަށް ގަޑިއަށް ނުދެވިގެން އެޕޮއިންޓްމެންޓް ގެއްލި، އަލުން ކިއުގައި ޖެހެން ޖެހިދާނެ މީހެކެވެ. އަތް ނެގި ހިސާބަށް ވުރެ ދުރަށް ހިނގާލާ އިރަށް އަނބުރައިގަނެގެން ވެއްޓިދާނެ ފަދަ ބަލި މީހުން ވެސް އޭގެ ތެރޭގައި ވާނެއެވެ. މިއިން މީހަކަށް ކެހިދީފައި ހުއްސަރިބައި ކަނބަލަކު ހޯދަން ހޭރިޔާ ކުރުމަކީ "އަހަރެންގެ އަމިއްލަ ކަމެއް" ނޫނެވެ. އެއީ ވެސް ހިޔާނާތެކެވެ. ވަރަށް ދެރަ އެހާމެ ހުތުރު ކަމެކެވެ.