ވިޔަފާރި

މިންގަނޑުތަކަށް ވުރެ ވެސް މޯލްޑިވިއަން އޮތީ މާމަތީގައި!

Dec 15, 2017
7

މޯލްޑިވިއަންގެ ސަލާމަތީ މިންގަނޑުތަކާއި ޕައިލެޓުންނަށް އޮތް ފަސޭހަކަން ބައިނަލްއަގުވާމީ މިންގަނޑުތަކަށް ވުރެ ވެސް އޮންނާނީ މާކުރީގައި ކަމަށް އެ އާލައިނުން ބުނެފި އެވެ.

ސަތޭކަ ފަންސާސް ޕައިލެޓުން މަސައްކަތް ކުރާ، ގައުމީ އެއާލައިންގެ ބައެއް ޕައިލެޓުންގެ ޝަކުވާތަކާ ގުޅިގެން، އެ އެއާލައިނުން ވަނީ މީޑިޔާތައް އެ ކުންފުނީގެ މައި އޮފީހަށް ގެންގޮސް ވަރުގަދަ ޕްރެޒެންޓޭޝަނެއް ދީފަ އެވެ. އަދި އެ ކުންފުނީގެ ޕައިލެޓުންގެ ހާޒިރީ އާއި ވަޒީފާ އަދާކުރާ ގޮތް ބެލުމަށް ދުނިޔޭގައި ބޭނުންކުރާ "އައިފްލައިޓް ސިސްޓަމް" މަސައްކަތް ކުރާ ގޮތްވެސް ދައްކާލާފަ އެވެ.

މޯލްޑިވިއަންގެ އޮފީހުގައި މައުލޫމާތު ދެއްވަމުން، އެ ކުންފުނީގެ ޑައިރެކްޓާ އޮފް ފްލައިޓް އޮޕަރޭޝަންސް، ކެޕްޓަން މުހައްމަދު އަމީން (ކެޕްޓަން އަމީން) ވިދާޅުވީ އެ ކުންފުންޏަކީ ބައިނަލްއަގުވާމީ ސިވިލް އޭވިއޭޝަން ޖަމިއްޔާ (އިކާއޯ) އިން ކޮންމެ އަހަރަކު އޮޑިޓްކުރާ، އެއާލައިނެއް ކަމަށެވެ. މިދިޔަ އަހަރުވެސް ސެކިއުރިޓީ އޮޑިޓް ހަދާފައިވާ ކަމަށާއ، އަދި ރާއްޖޭގެ ސިވިލް އޭވިއޭޝަނުން ކޮންމެ މަހަކު އޮޑިޓް ހަދާ އެއާލައިނެއް ކަމަށެވެ. އަދި މޯލްޑިވިއަންގައި މަސައްކަތް ކުރާ ޕައިލެޓުންގެ ވަގުތުތައް ރާވާލާފައިވަނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށާއި، ފަސޭހަ ވާނެ ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުންފުންޏާއި ޕައިލެޓުންނާ ދެމެދު އެއްވެސް މައްސަލައެއް ޖެހިފައި ނުވާ ކަމަށެވެ. ނަމަވެސް ހިޔާލު ތަފާތުވި އަށެއްކަ މީހުން އުޅޭ ކަމަށާއި އަދި އެ މުވައްޒަފުން ވެސް ޝަކުވާ ހުށަހަޅަން ޖެހޭ އުސޫލުތަކާ އެއްގޮތަށް އެކަން ކޮށްފައިނެތް ކަމަށެވެ. ނަމަވެސް އެ މީހުންގެ ހިޔާލު ވެސް ބަލައި، އިތުރު ބަދަލުތަކެއް ގެނެސްފައިވާނެ ކަމަށް އަމީން ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ އަހަރަކު 365 ދުވަސް އޮންނައިރު ޕައިލެޓުން މަސައްކަތް ކުރަން ޖެހޭނީ 192 ދުވަހު ކަމަށެވެ. އަދި އަހަރެއްގެ ތެރޭގައި ޕައިލެޓުން ބޯޓު ދުއްވާނީ 200 ގަޑިއިރު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދުވާލަކު ފްލައި ކުރާނީ ނިސްބަތުން މަދު ވަގުތުތަކެއްގައި ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޕަބްލިކް ސޭފްޓީގެ ކޮންސާން ވާ ގޮތަށް ބުރައެއް ޕައިލެޓުންނަށް ނުޖައްސަން. މި އެއާލައިންއަކީ ރައްކާތެރިކަމުގެ މިންގަނޑުތައް ފުރިހަމަ އަށް އަޅާފައިވާ އެއާލައިނެއް،" އަމީން ވިދާޅުވި އެވެ.