ރިޕޯޓް

ޝަރުއީ ދާއިރާގައި ބައި ގަރުނު، އަދިވެސް އެގޮތުގައި!

އެއް މަސައްކަތަކެއް ނުވަތަ އެއް ތަނެއްގައި އެތައް ދުވަހެއް މެދުކެނޑުމެއް ނެތި މަސައްކަތް ކުރުމަކީ ގިނަ ބަޔަކަށް ބޮޑު ކަމެކެވެ. މިހާރުގެ ޒުވާނުންގެ އުސޫލަކީ ވެސް ކޮންމެ ދެ ދުވަހުން ވަޒީފާއެއް ބަދަލުކޮށްލުމެވެ. އެއް ވަޒީފާއެއްގައި އަހަރެއްވިޔަސް ވަޒީފާ މަތިން ފޫހިވެ، އެހެން ދިމާލަކަށް ދާން ހިތް ކިޔަ އެވެ. މަސައްކަތް ކުރާ ދާއިރާ ވެސް ދެ ދުވަހު ކާ ބޭހެއްހެން ބަދަލުވެ އެވެ. އެކަމަކު، މިއޮތީ މިއޮތީ ޒުވާނުންނަށް ވަރުގަދަ މިސާލެކެވެ. ސާބިތުކަމުގެ ރީތި ނަމޫނާއެކެވެ.

މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ މިހާރުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނަރަލް ފާއިޒާ އަބްދުލް ގާދިރުގެ ވާހަކަ އެވެ. ފާއިޒާއަކީ އުމުރުން އެންމެ 15 އަހަރުގައި އެއް ނަންބަރު ކާތިބު ކަމާއި ހިސާބު މުދައްރިސް ކަމާއި ސެކެއްޓްރީކަމުގެ ސަނަދު ނެންގެވި ބޭފުޅެކެވެ. ސަނަދު ނެގުމާއެކު، ފާއިޒާއަށް ލިބުނީ ކޯޓުގައި ވަޒީފާ އަދާކުރުމުގެ ފުރުސަތެކެވެ. އެއީ 14 އޮގަސްޓް 1968 ގަ އެވެ. ޕްރޮޕަޓީ ކްލައިމްސް ޑިވިޝަނަށް އެތަން ބަދަލުވެ ފާއިޒާގެ މަސައްކަތްތައް ކުރިއަށް ދިޔައީ އެ ޑިވިޝަނުގަ އެވެ. ފާއިޒާގެ އަތުލިޔުން ވެސް ރީތީކަމާއެކު އޭނާގެ މަސައްކަތަށްވީ، ފަނޑިޔާރުން މަޖިލީސްގައި ދައްކާ ވާހަކަތައް ވަގުތުން ލިޔާ ކާތިބަކަށެވެ. އެ ތަނުގަ ތިން އަހަރު އޭނާ މަސައްކަތް ކުރެއްވި އެވެ.

އެއަށްފަހު ފާއިޒާގެ މަސައްކަތް ދެން ބަދަލުވީ، ކްރައިމް ޑިވިޝަނަށެވެ. އެތަނުގައި އަދާކުރީ ސެކްރެޓްރީއެއްގެ ވަޒީފާ އެވެ. ބޮޑެތި ޖިނާއީ ކުށްތަކުގެ ޝަރީއަތް އޭރު ހިނގަމުން ދިޔައީ ފާއިޒާގެ އިދާރީ ކަންކަމުގެ ދަށުންނެވެ.

ސެކްރެޓްރީއެއްގެ ގޮތުގައި ފާއިޒާ ހައިކޯޓަށް ބަދަލުކޮށްފައިވަނީ 21 ޖޫން 1983 ގަ އެވެ. އޭނާ ވަޒީފާ އަދާކުރައްވާތާ 20 އަހަރުވެ، ފުރަތަމަ ޕެޝަން ލިބުނީ ވެސް އެ މަގާމުގަ ހުންނަވަނިކޮށެވެ. ސީނިއާ ސެކްރެޓްރީއަކަށް ބަދަލުކޮށްފައިވަނީ 14 އޮކްޓޯބަރު 1989ގަ އެވެ.

ސެކްރެޓްރީއެއްގެ ގޮތުގައި ޝަރީއަތްތަކުގެ އިދާރީ ކަންކަމުގައި ފާއިޒާ އިސްކޮށް އުޅުއްވިއިރު، އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަވަނީ، ރާއްޖޭގެ ވެރިކަން އަތުލުމަށް 3 ނޮވްމެންބަރު 1988 ދިން ނާކާމިޔާބު ހަމަލާގެ ފަހަތުގައި ތިބި މީހުންގެ މައްޗަށް ހިންގި ޝަރީއަތެވެ. އެ ޝަރީއަތް ކުރިއަށް ގެންދިޔައިރު ކުށްވެރިންނާ ގުޅޭ އިދާރީ މަސައްކަތް ކުރެއްވުމުގައި އުޅުއްވީ ފާއިޒާ އެވެ. އަހަރެއްހާ ދުވަހު އެ ޝަރީއަތްތަކުގެ ކަންކަން އިންތިޒާމް ކުރެއްވުމުގައި އުޅުއްވި އެވެ.

ސީނިއާ ސެކްރެޓްރީއަކުން އެޑްމިނިސްޓްރޭޓިވް އޮފިސަރަކަށް ފާއިޒާ ބަދަލުކުރީ، 1992 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އޭގެ ދެ އަހަރު ފަހުން ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރަކަށް ބަދަލުވި އެވެ. އެ މަގާމުން ޑެޕިއުޓީ ޑިރެކްޓަރަކަށް ބަދަލުކޮށްފައިވަނީ 2004 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ މަގާމުގައި ހުންނަވަނިކޮށް އޭރުގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދު އިބްރާހިމަށް ފާއިޒާއަށް ލިބެންޖެހޭ ކުރިއެރުންތައް ނުލިބޭކަން ފާހަގަކުރައްވައި، އިތުރު ކުރިއެރުންތައް ދެއްވުމަށް މަސައްކަތް ކުރެއްވި އެވެ. އެގޮތުން އުއްތަމަ ފަނޑިޔާރު މަސައްކަތް ކުރައްވައިގެން ފާއިޒާ މިހާރު ހުންނެވި މަގާމު ކަމަށްވާ ޑެޕިއުޓީ ޑިރެކްޓާ ޖެނަރަލްގެ މަގާމަށް ގެންނެވި އެވެ. އެ މަގާމަށް ފާއިޒާ ވަޑައިގެންނެވީ 2008 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އަދި އަދަށް ވެސް އެ މަގާމުގަ ހަމަ އެގޮތަށް ދެމިހުންނެވީ އެވެ.

އެހާ ދުވަހު، ހައިކޯޓުގައި މަސައްކަތް ކުރެއްވި ފާއިޒާގެ ހަނދާނުން ފިލުވާލަން އެންމެ ދަތި ދުވަސްތަކުގެ ތެރޭގައި ހައިކޯޓުގައި ހުޅުޖެހި ދުވަސް ހިމެނެ އެވެ. ކޯޓުގައި ހުޅުޖަހައި، ފެން ބޮޑުކޮށް، އޭރުގެ އުއްތަމަ ފަނޑިޔާރުގެ ކޮޓަރިކޮޅަށް ގެއްލުންދިން ހާދިސާއަށްފަހު ކޯޓު ތެރެއަށް އެންމެ ފުރަތަމަ ވަންނަވާ އެތަނުގެ ހާލަތު ބެއްލެވި ފަރާތަކީ ފާއިޒާ އެވެ. ފާއިޒާއަށް ފެނިގެން ދިޔައީ، އޭނާ ބަލަހައްޓަމުން ދިޔަ ކޯޓު ސުންނާފަތިކޮށްލާފައިވާ މަންޒަރެވެ. އެތައް ލިޔެކިޔުމެއް ހުރި ކަބަޑުތައް ވައްޓާލައި، ބިއްލޫރިތައް ތަޅާފައިވާ މަންޒަރެވެ. އޭގެއިތުރުން ސުނާމީ އެރި ހާދިސާއަކީ ވެސް ފާއިޒާގެ ހަނދާނުގައި ލިޔެވިފައިވާ ތާރީހީ ދުވަހެކެވެ. ކުއްލިއަކަށް އެރި ބޮޑު ރާޅު ހައިކޯޓުގެ ތެރެއަށް ވަދެ، ގެއްލުންތަކެއް ލިބުނެވެ. އޭރު ފާއިޒާ ހުންނެވީ ކޯޓުގަ އެވެ.

އެހާ ދުވަހު ޝަރުއީ ދާއިރާގައި ފާއިޒާ މަސައްކަތް ކުރައްވާފައިވާއިރު ދާއިރާއަށް އައި އެންމެ ބޮޑު އިންގިލާބުގެ ގޮތުގައި އޭނާ ފާހަގަކުރައްވަނީ އަތުން ލިޔުން ހުއްޓާލުމަށްފަހު ކޮމްޕިއުޓާ ބޭނުން ކުރަން ފެށުމެވެ. ކުރިން އަތުން ލިޔުމަށް ނަގާ ވަގުތަށްވުރެ އޭގެ ސަބަބުން މަސައްކަތުގެ ސްޕީޑް އަވަސްވެ، އެތައް ތަނެއް ލުއިވެގެން ދިޔަކަން ފާހަގަކުރައްވަ އެވެ. ކޮމްޕިއުޓަރަށް އަހުލުވެރިވުމަށް ފާއިޒާ ވަނީ ތަފާތު ކޯސްތައް ވެސް ހައްދަވާފަ އެވެ.

ފާއިޒާ ޝަރުއީ ދާއިރާއާ ގުޅިވަޑައިގަތްތާ 50 އަހަރު އަންނަ އަހަރުގެ އޮގަސްޓް މަހުގެ 14 ދުވަހު ވާނެ އެވެ. ހަމަ އަންނަ އަހަރުގެ އެ މަހުގެ ހަތްވަނަ ދުވަހު، ފާއިޒާގެ އުމުރުން 65 އަހަރުވާނެ އެވެ. ރިޓަޔާ ކުރައްވަންޖެހޭ އުމުރު އައިސް ޖެހެނީ އެވެ. އެކަމަކު، ފާއިޒާގެ ހިތް އެކަމަށް ތައްޔާރެއް ނޫނެވެ. ފާއިޒާ ވިދާޅުވާ ގޮތުގައި، ހައިކޯޓު ދޫކޮށްލައްވައި ގޭގައި އިންނެވޭނެ ކަމުގެ ޔަގީން ކަމެއް އޭނާގެ ނެތެވެ. ރިޓަޔާވުމުގެ ހިޔާލު ގެންނަ ކޮންމެ ފަހަރަކު ނަފުސާނީ ގޮތުން އަސަރުތަކެއްކޮށް ހިތްދަތި އިހުސާސްތަކެއް ކުރާ ކަމަށާއި އެކަމުގައި ބުނާނެ އެއްޗެއް ވެސް ނޭނގޭ ކަމަށް ފާއިޒާ ވިދާޅުވެ އެވެ. ނަމަވެސް އޭނާގެ ދަރިން މިހާރު ބޭނުން ވަނީ ވަޒީފާއަށް ދިޔުން ހުއްޓާލުން ކަމަށް ވިދާޅުވި އެވެ. ރިޓަޔާ ކުރެއްވި ނަމަވެސް ގޭގައި ކަމެއް ނެތި އިންނެވުމުގެ ވިސްނުމެއް ފާއިޒާގެ ނެތެވެ.

ފާއިޒާއަކީ ފެހުމުގެ މަސައްކަތް ކުރައްވައި، އެކަމަށް ޝައުގު ހުންނެވި ބޭފުޅެކެވެ. އެހެންކަމުން ރިޓަޔާ ކުރެއްވުމަށްފަހު ފެހުމުގެ މަސައްކަތުގައި ކުރިއަށް ދިޔުމުގެ ވިސްނުން އޭނާ އެބަ ހުއްޓެވެ. ގައިގާ މަސައްކަތް ކުރާނެ ވަރު ހުއްޓައި ރިޓަޔާކުރެވިއްޖެނަމަ، ފަހާ ތަނެއް ހުޅުވައި އެކަމުގައި ކުރިއަށް ދެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ރިޓަޔާ ކުރައްވައި އުމަރަށް ފާއިޒާ ގޮސްފައިވާއިރު އޭނާގެ ހަ ދަރިން އެބަ ތިއްބެވެ. މާމަ ކިޔަ 10 ކުދިން އެބަ ތިއްބެވެ. މާސްޓާސް ނަންގަވައިގެން ތިއްބެވި ދަރިން ވެސް އެބަ ތިއްބެވި އެވެ. އެކަމުން އެނގިގެން ދަނީ ފާއިޒާއަކީ ނަމޫނާ މަންމައެއް ވެސްމެ ކަމެވެ. ޒިންމާދާރު ވަޒީފާއެއް އަދާކުރައްވަމުން ޒިންމާދާރު ދަރިންތަކެއް ވެސް ވަނީ ތަރުބިއްޔަތު ކުރައްވާފަ އެވެ.

ފާއިޒާ އެންމެ ބޮޑަށް ޝުކުރުވެރިކަމަކީ ކޮންމެ އިރެއްގައި ވެސް މަސައްކަތް ކުރެއްވި ވެރިން އޭނާއަށް ހެޔޮކޮށް ހިތާފައިވާތީ އެވެ. ފާއިޒާ ވަޒީފާގެ ދިގު މުއްދަތުގައި އެތައް ވެރިންނެއް ފެނިފައިވާއިރު އެއިން ކޮންމެ ބޭފުޅަކު ވެސް ފާއިޒާއަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދެއްވި އެވެ. އޭގެ އިތުރުން ތަނުގެ ކޮންމެ މުވައްޒަފަކާ ވެސް ފާއިޒާގެ އޮންނަނީ ގާތް ގުޅުމެކެވެ. މީހަކާ މައްސަލަ ޖެހިގެން ފާއިޒާ އުޅެންޖެހިފައެއް ނެތެވެ.

ޝަރުއީ ދާއިރާގައި މަސައްކަތް ކުރައްވާތާ މިހާރު އެންމެ ގިނަ ދުވަސްވެފައިވާ ފާއިޒާ ވަނީ ޒުވާން މުވައްޒަފުންނަށް މެސެޖެއް ވެސް ދެއްވާފަ އެވެ. ފާއިޒާ އެދިލައްވަނީ، މޫސަރާއަށް ވަޒީފާ އަދާނުކޮށް ވަޒީފާ އާއި ވެރިންދެކެ ލޯބިވުމަށެވެ. ތެދުވެރިކަމާއި އަމާނަތްތެރިކަމާއެކު ވަޒީފާ އަދާކުރުމަށެވެ. ވަޒީފާގައި ދެމިހުރެ ކުރިއަރައިގެން ދެވޭނީ އޭރުން ކަމަށް ވިދާޅުވި އެވެ.

ވަޒީފާގައި ދިގު ދަތުރެއް ކުރައްވާފައިވާ ފާއިޒާ ޗުއްޓީތަކެއް ވެސް ނަގާފައިނުވާއިރު އޭނާއަކީ ހަމަ ނަމޫނާއެކެވެ. ނަމޫނާ މުވައްޒަފެކެވެ. ނަމޫނާ ވެރިޔެކެވެ. ނަމޫނާ މަންމައެކެވެ. ނަމޫނާ ދިވެއްސެކެވެ.