ބޮލީވުޑް

އާޔުޝް ބޮލީވުޑަށް ނިކުންނަ ފިލްމަކީ "ލަވްރާތްރީ"

Dec 17, 2017

ސުޕަސްޓާ ސަލްމާން ޚާންގެ ޅިޔަނު އާޔުޝް ޝަރްމާ ބޮލީވުޑަށް ނިކުންނަ ފިލްމުގެ ނަން ސަލްމާން ހާމަކޮށްފި އެވެ. އެ ފިލްމަކީ ސަލްމާންގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނި އެސްކޭ ފިލްމްސްއިން އުފައްދާ ފަސް ވަނަ ފިލްމެވެ.

"ލަވްރާތަރީ" ނަމަކަށް ކިޔާ އެ ފިލްމުގެ ނަން ހާމަކުރަމުން ސަލްމާން ވަނީ އޭނާ އުފައްދާ ފަސް ވަނަ ފިލްމުން އާޔުޝް ބޮލީވުޑަށް ނެރުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށް ބުނެފަ އެވެ. ސަލްމާން ވަނީ ވަރަށް އަވަހަށް ފިލްމުގެ އިތުރު މައުލޫމާތުތަކެއް ހާމަކުރާނެ ކަމަށް ވެސް ބުނެފަ އެވެ.

ސަލްމާން ފިލްމުގެ ނަން ހާމަކުރުމާއެކު ކުރި ޓްވީޓެއްގައި އާޔުޝް ވަނީ ހުރިހާ ޝުކުރެއްވެސް އަދާކުރަނީ ސަލްމާނަށް ކަމަށާއި ފުރަތަމަ ފިލްމުގެ މަސައްކަތް ފަށާތީ އުފަލުން ހުރި ކަމަށެވެ.

އަބިރާޖް މިނަވާލާ ޑައިރެކްޓްކުރާ އެ ފިލްމުގައި އާޔުޝްއާ އެކު ބަތަލާގެ ރޯލުން ފެނިގެންދާނެ ތަރިޔަކު އަދި ހާމަކޮށްފައެއްނުވެ އެވެ. އަކްޝޭ ކުމާރާއެކު "ގޯލްޑް" އިން ބޮލީވުޑަށް ނިކުންނަ ޓީވީ ބަތަލާ މޯނީ ރޯއި އަށް "ލަވްރާތަރީ" ގެ ބަތަލާގެ ރޯލު ހުށަހެޅި ކަމުގެ އަޑުތަކެއް މިފަހުން އެރި އެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ސަލްމާން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

އަބިރާޖް ވަނީ ސަލްމާންގެ މި މަހު 22 ވަނަ ދުވަހު ރިލީޒްކުރާ "ޓައިގާ ޒިންދާހޭ" ގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.

އާޔުޝް ލީޑްރޯލުން ފެނިގެންދާ "ލަވްރާތްރީ" ގެ ޝޫޓިން ފަށާނެ ދުވަހެއް އަދި ހާމަކޮށްފައެއްނުވެ އެވެ.