ކުޅިވަރު

37 އަހަރުގައިވެސް އޮއްޕޮގެ ލެގަސީ ފަނޑުނުވީ މިހެންވެ

75%
25%
0%

އިބްރާހިމް ފަޒީލް (އޮއްޕޮ)ގެ ތައާރަފެއް ލިޔަން ނުޖެހޭނެ ވަރަށް، ދިވެހިންގެ ތެރޭގައި އޭނާގެ މަގުބޫލުކަން ބޮޑެވެ. ދިވެހި ފުޓްބޯޅައިގައި އޭނާގެ ވާހަކަ ފަނޑުނުވާނެ ވަރަށް ދިވެހި ފުޓްބޯޅައިގައި އޭނާގެ ނުފޫޒު ވަރުގަދަ އެވެ. އޮއްޕޮ އޭނާގެ ސީނިއާ ކެރިއާ ފެށީ ކްލަބް ފުޓްބޯޅައަކުން ނޫނެވެ. އޭނާގެ ސީނިއާ ކެރިއާ ފެށީ ފުރަތަމަ ވެސް ސީނިއާ ގައުމީ ޓީމުންނެވެ. އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގައި މަޖީދިއްޔާ ސްކޫލްގެ ޖޯޒީގައި އެ ސްކޫލަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިނެވެ. މަޖީދިއްޔާގެ ޖޯޒީ އަށް ފަހު އޭނާ ގަޔަށް މަހާލި ފުރަތަމަ ޖޯޒީއަކީ ދިވެހި ގައުމީ ޖޯޒީ އެވެ.

މިހާ ހިސާބުން އޮއްޕޮގެ މިހާރުގެ ވާހަކަ އެވެ. ދެހާސް ސާދަ ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕަށް ފަހު ގައުމީ ޓީމާ އޮއްޕޮ ދުރަށް ޖެހިލި އެވެ. ނަމަވެސް އޭނާ އަކީ ގައުމީ ޓީމާ ދުރުގައި ހުންނަން ޖެހޭ ވަރުގެ ކުޅުންތެރިޔެއް ނޫނެވެ. އުމުރުން 37 އަހަރުގައިވެސް އޭނާގެ ހުނަރަށް ބަދަލެއް ނެތެވެ.

އަހަރުގެ ފުރަތަމަ ހާފް އޭނާ ހޭދަ ކުރީ، ވޭލްސްގެ ތިން ވަނަ ޑިވިޝަން ކުލަބެއް ކަމަށްވާ ލާންގެވުނީ ޓައުން އެފްސީގަ އެވެ. ވޭލްސްގެ ފުޓްބޯލް އެސޯސިއޭޝަން ކަޕް (އެފްއޭޑަބްލިއު) ކަޕްގެ ސެމީފައިނަލުގައި އެޓީމުގެ ސްކޮޑްގައި ހިމެނިފަ އެވެ. ޔޫރަޕްގެ މިދިޔަ ސީޒަން ނިމުމަށްފަހު މާލެ އައިސް ނިއު އިން އެދުމުން، ރާއްޖޭގައި މަޑުކޮށް އެކުލުބަށް އޭނާ ސޮއި ކުރި އެވެ.

ޖުލައި ޓާރާންސްފާ ޕީރިއަޑްގައި އެކުލަބުގައި ރަޖިސްޓްރީވެ، އޭނާ ކުޅުނު ފުރަތަމަ މެޗަކީ މާލޭ ލީގްގެ އެންމެ ފަހު މެޗުގައި މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗެވެ. ގަލޮޅު ދަނޑަށް އެނބުރި އައިސް އޮއްޕޮގެ ފުރަތަމަ ޓަޗްވެސް ވައްދާލީ ގޯލްގެ ތެރެއަށެވެ. އަލީ ފާސިރު (ސެންޓޭ) ނެގި ހުރަސް ބޮލުން ގޯލް ތެރެއަށް ވައްދާލައި މެޗުގެ ކުރީ ކޮޅު އޮއްޕޮ ނިއު އަށް ލީޑް ނަގައިދިނެވެ.

އެއަށްފަހު އޮއްޕޮގެ ޖާދޫ އަލުން ގަލޮޅު ދަނޑުގައި ވިދަން ފެށި އެވެ. މުހިންމު ކޮންމެ މެޗެއްގައި ނިއު އަށް އޭނާގެ ތަޖުރިބާ އާއި ހުނަރު މުހިންމުކަން ސާބިތު ކޮށްދެއެވެ. އޭނާ އަކީ ޓީމުގައި ހުރި އެންމެ ދުވަސްވީ އެއް ކުޅުންތެރިޔާ އެވެ. ނަމަވެސް ޓީމުގެ އެޓޭކް ތަކުގައި އެންމެ ވިދުން ގަދަ އެއް ކުޅުންތެރިޔަކީ އޮއްޕޮ އެވެ. އެފްއޭ ކަޕް ފައިނަލުގައި ޓީސީން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އަށް އުންމީދެއް ހޯދައިދިނީ އޮއްޕޮ ކާމިޔާބު ކުރި ހިތްގައިމު ލަނޑުންނެވެ. ރޭ ކުޅުނު ޕްރެޒިޑެންޓް ކަޕްގެ ފައިނަލުގައިވެސް ނިއު އަށް ދެ ލަނޑު ކާމިޔާބު ކޮށްދިނެވެ.

ޓީމުގެ އެހެން ކުޅުންތެރިންނަށް އޭނާގެ ތަޖުރިބާ އާއި ޑިސިޕްލިން ނަމުނާ އަކަށް ފުދެއެވެ. މިދިޔަ ސީޒަންގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި މިއަހަރުވެސް ރަންބޫޓް ކަށަވަރު ކޮށްފައިވާ ސެންޓޭ ބުނީ އޮއްޕޮގެ ތަޖުރިބާއިން އެހެން ކުޅުންތެރިންނަށްވެސް ބޮޑު ހިތްވަރެއް ލިބޭ ކަމަށެވެ.

"އޮއްޕޮ އާއި ދަގަނޑޭ [އަލީ އަޝްފާގް] ހުރުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް، ވަރަށް އިތުބާރު އޮވޭ، އަދި އޮއްޕޮ ކަހަލަ ސީނިއާ ކުޅުންތެރިޔަކާއެކު މަސައްކަތް ކޮށްލީމަ މެޗުގައި އޭނަ ބޭނުން ކުރާ އަމިއްލަ ޓެކްޓިކްތައްވެސް ބޭނުން ކުރަން އެނގޭ، ނިއުގެ މި ޓީމަށް އޮއްޕޮ ވަރަށް މުހިންމު." ސެންޓޭ ބުންޏެވެ.

އޮއްޕޮގެ ޖާދޫ ފަނޑެއް ނުވި އެވެ. ނަމަވެސް ގިނަ ބަޔަކު ހައިރާންވީ، މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ފުޓްބޯލް އެވޯޑްގެ މޮޅު ކުޅުންތެރިޔާގެ ކެޓަގަރީ އަށް އޮއްޕޮ ނޮމިނޭޓްވެސް ނުވުމުންނެވެ. މުހިންމު މެޗުތަކުގައި ތަފާތު ދައްކާ ކުޅުންތެރިޔަކު އެވޯޑަށް ނޮމިނޭޓް ނުވީ ކީއްވެތޯ ސުވާލު އުފެދެއެވެ.

ދެން އޮތީ އެ އުމުރުގައިވެސް އޮއްޕޮގެ ވިދުން ފަނޑުވިޔަ ނުދީ އޭނާގެ ލެގަސީ ދެމެހެއްޓުމަށް އޭނާ ކުރާ މަސައްކަތެވެ.

"އެއީ ޑެޑިކޭޝަން، ހާޑްވޯކް، ޑިސިޕްލިން، ޕެޝަން، ޕޮރޮފިޝަނަލިޒަމް މިއީ އަޅުގަނޑު އެއްޕޮ ސިފަ ކުރާނެ ގޮތް،" ދިވެހި ކޯޗަކު ބުންޏެވެ. "ފޫޓްބޯޅަ ކުޅުންތެރިޔެއްގެ ކިބައިގައި ހުންނަން ޖެހޭނެ ހުރިހާ ކޮލިޓީއެއް އޮއްޕޮގެ ކިބައިގައި އެބަހުރި."

"މެޗު އޮންނަ ދުވަހު ބޭރަށް ނުނިކުންނާނެ، އެއީ އައްވަށް ނިކުމެއްޖެ ނަމަ ހޫނުގެ ސަބަބުން ހަށިގަނޑަށް އުނދަގޫ ވާނެތީ، މެޗު އޮންނަ ދުވަހުގެ ކުރީ ރޭ އަވަހަށް ނިދާނެ،" ދެހާސްފަނަރަ ވަނަ އަހަރު ނިއު އަށް ކޯޗް ކޮށްދީ އަދި އޮއްޕޮ އާއެކު ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު ސޮބާހް މުހައްމަދު ބުންޏެވެ.

"ދެ މެޗު ދޭތެރެއިން އަންނަ ބްރޭކްގައި ރިކަވަރީ ވުމަށް އަމިއްލަ އަށް މަސައްކަތް ކުރާނެ، އަދި މުހިންމު މެޗުތަކަށް ވަރަށް ބޮޑަށް ތައްޔާރު ވާނެ، ކޮންމެ ކޯޗަކު ހުއްޓަސް އެ ކޯޗަކަށް އިހްތިރާމް ކުރާނެ ކޮންމެ ކޯޗެއްގެ ކިބައިންވެސް އޭނާ ބަލާނީ އާ ކަންކަން ދަސް ކުރަން އަޅުގަނޑަކަށް ހީނުވޭ މިހާރުގެ ޒުވާން ކުޅުންތެރިންގެ ކިބައިގައި މި އެޓިޓިޔުޑް ހުންނާނެ ހެނެއް، އަދި މިހާރުގެ ކުޅުންތެރިޔަކުވެސް މިހާ ބޮޑަށް މެޗަށް ތައްޔާރު ވާނެހެނެއް އަޅުގަނޑަކަށް ހިއެއް ނުވޭ."

9 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މާފަރޭ

އޮއްޕޮ އަދިވެސް ވިދަނީ އެކަމަކު އަޅުގަނޑުމެންގެ ގައުމީ ކެޕްޓަން އައްސަދުގެ ވުދުމެއް ނެތި އޮފްކެނޑިއްޖެ.ސަބަބަކީ ކޮބާބާ؟އައްސަދުގެ ރަށަށްވެސް އަތޮޅަށްވެސް އެކަށީގެންވާ ހިދުމަތެއް ނުދެވުނު އަތޮޅާއި ރަށުގާވެސް އައްސަދު ބަލައިގަންނަ ޒުވާނަކުނެތް.އައްސަދު،އަންވަރު،އަކުރަމް އެއްދުވަސްވަރެއްގަ އެންމެން ދަންނަ ފަރިތަނަމެއް ނަމަވެސް މިހާރު އެކަން އޮތީ އެހެންނަކުނޫން.އެމީހުންނަށް އެމީހުންފެނި ބޮޑާވީމަ މުޖުތަމައުން ބާކީވެއްޖެ.އެމީހުންގެ ކުރީގެ ރައްޓެހިން ގެއްލިއްޖެ،މިހާރުގެ ރައްޓެހިން ނަކީ ބޮޑެތި ވިޔަފާރިވެރިންނާ ރިސޯޓް އޯނަރުން އެކަނި.ޒުވާނުން ފެނުނީމާ އަނެއްފަރާތަށް އަނބުރަނީ މޫނު.

ޢަޔޫ

ކުންފުނިތަކުން ސަރުކާރު މެދުވެރިކޮށް ހޯދާ 3 މިލިއަން ރުފިޔާ ޖަސްޓިފައި ނުކޮށްދެވޭ. ފުޓްބޯޅަ ދަނީ ފަހަތަށް

އައްޓަމަސް

ޒުވާންކުޅުންތެރިން ލަދުގަންނަން ޖެހޭނެ އޮއްޕޮފުލްޓީމައް އެރީމަ، އޮއްޕޮއަދިވެސް ޒުވާންކުޅުންތެރިންނަށްވުރެން މާބޮޑަށްވެސް މޮޅު، އިމްރާންއާއި،ދަގޭވެސް ވައްޓާނުލެވުނު ޒުވާންކުޅުންތެރިޔަކަށް، މީގެން މަށައް ޔަގީންވަނީ ދިވެހި ފްޓްބޯޅަ ކުރިޔަށްނާރާކަން

އަހުމަދު

އޮއްޕޮ އަކީ އަދިވެސް ދިވެހި ފްޓްބޯޅަގަ ނަންބަރ ވަން

ރާއްޖެ

ރެސްޕެކްޓް

ފަތަފޮޅި

މީހުން ހަންދާނެތިދާނެތީ ޙަބަރައް އަރުވާލީދޯ..... ސުމެއްްގެ މީހެއް...

އަހުމަދު

ކިތެންމެ ކަދަވިޔަސް އޮއްޕޮ ހަމަ މޮޅީ

އޭންޖަލް ދޫނި

ކުރީގަ ގައުމީ ޓީމު ކުޅޭނަމަ މެޗު ބަލަން ދަނީ އޮއްޕޮ ކުޅޭތަން ބަލާހިތުން. އޮއްޕޮ ހޭންޑް ސަމް މޭން. ވިޝް ޔޫ ގުޑް ލަކް

ޙާޖީ

ޥަރަށް ރަނގަޅު ވާހަކައެއް ، ރޭގަ އަޅުގަނޑުވެސް ފައިނލްމެޗު ބަލަން ދިޔައިން ، އޮއްޕޮގެ ކުޅުންފެނިފަ ހަމައަސްލުވެސް ހައިރާންވި ، ފެނިގެނދިޔައީ ހަމަކުރީގެވެސް އޮއްޕޮ ، ސިއްރަކީ ހަމަ ޑިސިޕްލިން ،

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345