ލަވަ ކިޔަން ޝައުގުވެރިވެ މީގެކުރިން ފުރުސަތު ނުލިބި ތިބި ޒުވާނުންތައް އަވަހަށް ރަސްރަނި ބަގީޗާ އާ ދިމާއަށް ދާންވީ އެވެ. މޯލްޑިވިއަން އައިޑޮލްގެ މާލޭ އޮޑިޝަން މިފަހަރު ކުރިއަށް ދަނީ އެތަނުގަ އެވެ. އެސްއެމްއެސް ނުކޮށް ތިބި ނަމަވެސް މައްސަލައެއް ނެތެވެ.
އަތޮޅު ތެރޭގެ އޮޑިޝަންތައް ނިންމާލައިފި އެވެ. އަތޮޅު ތެރޭގައި މި ސީޒަންގެ އޮޑިޝަންތައް ބާއްވާފައިވަނީ އައްޑޫ ސިޓީ އަދި ރ. އުނގޫފާރުގަ އެވެ.
އައިޑޮލްގެ ތިން ވަނަ ސީޒަންގެ ޖަޖުންނަނީ އައިޑޮލްގެ ފުރަތަމަ ދެ ސީޒަންގައިވެސް ޖަޖުކަން ކުރި މަރިޔަމް އުނޫޝާ، ފުރަތަމަ ސީޒަންގައި ޖަޖިން ޕެނަލުން ފެނުނު އަހްމަދު އިބްރާހިމް (އައްމަޑޭ)، މިދިޔަ ސީޒަންގައި ޖަޖުކަން ކުރި އިސްމާއިލް އައްފާން އަދި މުޅިން އަލަށް ޖަޖިން ޕެނަލަށް އިތުރުކުރި ޒާރާ މުޖުތަބާ އެވެ.
މި ސީޒަންގެ ޕްރެޒެންޓަރުންނަކީ މިދިޔަ ދެ ސީޒަންގައިވެސް އައިޑޮލް ހުށަހަޅައިދިން މޫސާ ވަސީމް އަދި ޝައިނާ ޝަރީފް އެވެ. ޝައިނާ އަކީ އާރްޖޭ އެއްގެ ގޮތުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޕްރެޒެންޓަރެކެވެ.
އަދި އައިޑޮލްގެ މި ސީޒަންގެ މިއުޒިކް ކޯޗެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ފުރަތަމަ ސީޒަންގައި މިއުޒިކް ކޯޗުކަން ކޮށްދިން މުހައްމަދު އަބްދުލް ގަނީ (ތޭރަވާ) އެވެ.
މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަން ލައިޝާ ޖުނައިދު ކާމިޔާބު ކުރިއިރު ދެވަނަ ސީޒަން ކާމިޔާބުކޮށްފައިވަނީ މުހައްމަދު ތަސްނީމް (ބޮބް) އެވެ. އައިޑޮލްގެ މި ސީޒަންގެވެސް ޓައިޓަލް ސްޕޮންސަރަކީ ދިރާގެވެ.