ބޮލީވުޑް

"ޕާޓްނާ 2" އާއެކު ސަލްމާނާއި ގޯވިންދާ އެނބުރި ސްކްރީނަށް

Dec 17, 2017

ދެހާސް ހަތްވަނަ އަހަރު ޑައިރެކްޓަރު ޑޭވިޑް ދަވަން އުފެއްދި ކާމިޔާބު ކޮމެޑީ ފިލްމު "ޕާޓްނާ" ގައި ސުޕަސްޓާ ސަލްމާން ޚާން އާއި ގޯވިންދާގެ ވަރުގަދަ ކެމިސްޓްރީގެ ޖާދޫގައި ބެލުންތެރިން ވަނީ ޖައްސާފަ އެވެ.

އެ ސިލްސިލާގެ ދެވަނަ ފިލްމެއްގެ އިންތިޒާރުގައި ސަލްމާނާއި ގޯވިންދާގެ ފޭނުން ތިބިއިރު، ޑައިރެކްޓަރު ޑޭވިޑް އާއި ގޯވިންދާއާ ދެމެދު ޖެހުނު މައްސަލައެއްގައި އޭނާ ދެވަނަ ފިލްމުގައި ނުހިމަނާނެ ކަމުގެ އަޑުތަކެއް ވެސް މިފަހުން ވަނީ އަރާފަ އެވެ. އަދި ގޯވިންދާ އާއި ސަލްމާނާ ދެމެދު ވެސް މައްސަލަތަކެއް ޖެހުމުން އެދެތަރިން ދެން އެކުގައި ފިލްމެއް ނުކުޅޭނެ ކަމުގެ ވާހަކަތަކެއް ވެސް ދެކެވުނެވެ.

ނަމަވެސް އެ ވާހަކަތައް ދޮގުކުރަމުން ގޯވިންދާ ވަނީ އޭނާ އާއި ސަލްމާނާ ދެމެދު އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށެވެ. އެހެންކަމުން ސަލްމާނާ އެކު އޭނާ ފިލްމު ނުކުޅެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ޑޭވިޑްގެ ބަދަލުގައި ޕާޓްނާގެ ދެވަނަ ފިލްމު ޑައިރެކްޓްކުރުމަށް ހަމަޖެހިފައިވަނީ ސަލްމާންގެ ކޮއްކޮ ސޮހެއިލް ޚާނެވެ.

މި ސިލްސިލާގެ ދެވަނަ ފިލްމު އުފެއްދުމުގެ ވާހަކަތައް ދެކެވެމުން އަންނަތާ ވަރަށް ގިނަ ދުވަސްވެފައިވީ ނަމަވެސް ފިލްމުގެ މަސައްކަތް ކުރިއަށް ނުގޮސްފައިވަނީ ފިލްމުގެ ވާހަކައާ މެދު ފިލްމު އުފައްދާ ފަރާތުން ހިތްހަމަނުޖެހުމުންނެވެ. ފިލްމުގެ ޕްރޮޑިއުސަރުން ބޭނުންވަނީ ފުރަތަމަ ފިލްމަށް ވުރެން ދެވަނަ ފިލްމު ހުރިހާ ގޮތަކުން ވެސް ފުރިހަމަކުރާށެވެ.

ދެވަނަ ފިލްމަށް ކިޔާނެ ނަމެއް އަދި ހަމަނުޖައްސާއިރު، އެ ފިލްމަަށް ކިޔާނެ ކަމަށްވަނީ "ކެރީ އޮން ޕާޓްނާ" ނުވަތަ "ޕާޓްނާ 2" އެވެ.

"ޕާޓްނާ 2" އުފައްދަން ނިންމާފައިވީ ނަމަވެސް ފިލްމު ޑައިރެކްޓްކުރާ ސޮހެއިލް ވަނީ އެހާ އަވަހަށް ފިލްމުގެ މަސައްކަތް އޭނާ ނުފަށާނެ ކަމަށެވެ.

"ޕާޓްނާ" ގެ ބަތަލާގެ ރޯލުން ފެނިގެން ގޮސްފައިވަނީ ކެޓްރީނާ ކައިފް އާއި ލާރާ ދައްތާ އެވެ.