ދީން

ގުރުއާނުގެ އަޖާއިބުތައް: އާޔަތުލް ކުރުސީގެ ފުރިހަމަ އެތުރުން

ކީރިތި ގުރުއާނަކީ މުއުޖިޒާތެކެވެ. އެކަމަކު މި މާތް ފޮތުގައިވާ އާދަޔާ ހިލާފް ކަންކަން އެނގޭނީ އެއާ މެދު ވިސްނައި ފިކުރުކުރާ ބަޔަކަށެވެ. އެގޮތުން މިއީ ވަރަށް ކުޑަކުޑަ މިސާލެކެވެ. ނުބައި ކަންކަމުން މާތްﷲގެ ހަޟުރަތުން ރައްކާތެރިކަން ހޯދުމަށް އަހަރެމެން އާންމުކޮށް ކިޔައި އުޅޭ އާޔަތުލް كرسى ގައިވާ އާދަޔާ ހިލާފުކަމެއްގެ ވާހަކަ އެވެ. ކަމެއް ފާހަގަވޭތޯ ބެލުމަށް އެންމެ ފުރަތަމަ އެ އާޔަތާއި އޭގެ މާނަ ކިޔާލާށެވެ. ވަރަށް ވިސްނައިގެން، ތަކުރާރުކޮށް ކިޔާށެވެ.

اللَّـهُ لَا إِلَـٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ - ބަޤަރާ ސޫރަތުގެ ٢٥٥ ވަނަ އާޔަތް

ތިރީގައި އެވަނީ އާޔަތުގެ މާނަ އެވެ. ހިސާބު އަކުރުން ވަކިކޮށްފައި ވަނީ އެ ވަނީ އެ އާޔަތުގެ ޖުމުލަ ތަކެވެ.

މާނަ އަކީ "اللَّه އީ، އެކަލާނގެ ފިޔަވައި حق ވެގެން އަޅުކަމެއް ވެވޭ إله އަކުނުވާ ރަސްކަލާނގެއެވެ. ދިރިދެމިވޮޑިގެންވާ، دائم އަށް قائم ވެ ވޮޑިގެންވާ ރަސްކަލާނގެއެވެ (1) އަވަހާރަފުޅު އައުމެއް އަދި، އަވަހާރަފުޅު ލެއްޕެވުމެއްވެސް އެކަލާނގެއަކަށް ނުވެއެވެ (2) އުޑުތަކުގައި ވާހައި އެއްޗަކާއި، އަދި، ބިމުގައި ވާހައި އެއްޗެއް މިލްކުވެގެންވަނީ އެކަލާނގެއަށެވެ (3) އެކަލާނގެ إذن ފުޅާ ނުލައި އެކަލާނގެ حضرة ގައި شفاعة ތެރިވާނޭ މީހަކީ ކާކުހެއްޔެވެ؟ (4) އެއުރެންގެ ކުރިން (އެބަހީ: خلق ތަކުންގެ ކުރިން) އިސްވެގޮސްފައިވާހައި ކަމަކާއި، އެއުރެންގެ ފަހުން ވާނޭހައި ކަމެއްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. (5) އަދި، އެކަލާނގެ علم ފުޅުގެ ތެރެއިން އެކަލާނގެ އިރާދަކުރެއްވިކަމެއް ފިޔަވައި، އެއްވެސް އެއްޗެއް އެއުރެންނަކަށް އެނގިގެނެއް ނުވެއެވެ. (6) އެކަލާނގެ كرسى، އުޑުތަކާއި، ބިމުގެ އެންމެހައި ކަންކޮޅުތަކަށް ތަނަވަސް ވެގެންވެއެވެ. (7) އެ އުޑުތަކާއި، ބިން، ރައްކާތެރި ކުރައްވައި ހިފެހެއްޓެވުމަށް އެކަލާނގެ حضرة އަކަށް ކުޑަވެސް ބުރަކަމެއް ނުވެއެވެ. (8) އަދި، އެކަލާނގެއީ، އެންމެ މަތިވެރި އެންމެ މާތް ރަސްކަލާނގެއެވެ (9)"

ޖުމުލަކޮށް މި އާޔަތުގައި މި ވަނީ މި ކާއިނާތުގެ ވެރިފަރާތަކީ ﷲ ކަމާއި ކާއިނާތުގެ ހުރިހާ ކަމެއް ބަލަހައްޓަވައި، އަދި ހުރިހާ ތަކެއްޗެއްގެ ވެރި ފަރާތަކަކީ އަދި އަމުރުވެރިޔަކީ ﷲ ކަމެވެ.

އާޔަތުގެ ފުރަތަމަ ޖުމުލައިގެ މާނަ އާއި އެންމެ ފަހު ޖުމުލައިގެ މާނަ އަށް ދެން ބަލާށެވެ. ހަމަ އެގޮތަށް ދެ ވަނަ ޖުމުލަ އާއި އަށް ވަނަ ޖުމުލަ އަށް ބަލާށެވެ. މިގޮތަށް ކުރިން ޖުމުލައެއް ފަހަތުން ޖުމުލައެއް ބަލަމުން ދާއިރު އެއިން ކޮންމެ ޖުމުލައެއް ވަނީ އެއް ޖުމުލަ އަނެއް ޖުމުލައާ ގުޅި ލާމެހި، އެ ދެ ޖުމުލަ އެއްކޮށްލުމުން ފުރިހަމަ ވަރުގަދަ ޖުމުލައެއްގެ ގޮތުގައިކަން ފާހަގަވާނެ އެވެ. މިހެން ގޮސް ބާކީ މެދަށް އޮންނަ ޖުމުލައިގެ މާނައިން އަހަރެމެން އިންސާނުންގެ އިލްމުގެ ކޮށިކަަމާއި އާރެއް ބާރެއް ނެތްކަމުގެ އިހްސާސްކުރެވޭނެ އެވެ. އެންމެ ނުވަ ޖުމުލައިގެ ތެރޭގައި އޮތް އާދަޔާ ހިލާފް ގުޅުންތައް ވެސް އެތައް ފަހަރަކު ބަލައި ކިޔައިގެން ވެސް ނޭނގުނެވެ.

ފުރަތަމަ ޖުމުލަ އާއި ނުވަ ވަނަ ޖުމުލައިން ކުރެ ކޮންމެ ޖުމުލައެއްގައި ވެސް މާތްﷲގެ ދެ އިސްމުފުޅު އެބަ އޮތެވެ. އެ ދެ ޖުމުލާގައި ﷲގެ ސިފަފުޅުތައް ބަޔާންކޮށްދެއްވާފައިވެ އެވެ.

ދެ ވަނަ ޖުމުލަ އަކީ "އަވަހާރަފުޅު އައުމެއް އަދި، އަވަހާރަފުޅު ލެއްޕެވުމެއްވެސް އެކަލާނގެއަކަށް ނުވެއެވެ." މި ޖުމުލައާ ގުޅޭ އަށް ވަނަ ޖުމުލައިގެ މާނަ އަކީ "އުޑުތަކާއި، ބިން، ރައްކާތެރި ކުރައްވައި ހިފެހެއްޓެވުމަށް އެކަލާނގެ حضرة އަކަށް ކުޑަވެސް ބުރަކަމެއް ނުވެއެވެ."

• ކަމަކަށް ފާރަވެރިވެ ބަލަހައްޓަން ހުންނަ ނަމަ އަހަރެމެން އިންސާނުން ނިދި އައިސް ނިދި ޖެހި އަދި ފޫހިވުމާއި ވަރުބަލިކަން ލިބެ އެވެ. ނަމަވެސް ﷲ ވަހީކުރައްވާފައި އެ ވަނީ އުޑުތަކާއި ބިން ރައްްކާތެރިކުރައްވާ ހިފެހެއްޓެވުމަކީ އެ ކަލާނގެ އަށް އެއްވެސް ބުރަ ކަމަކަށް ނުވާ ކަމަށެވެ. އަވަހާރަފުޅު އައުމެއް އަދި އަވަހާރަފުޅު ލެއްޕެވުމެއްވެސް އެކަލާނގެއަކަށް ނުވާ ކަމަށެވެ.

ތިން ވަނަ ޖުމުލައިގެ މާނަ އަކީ "އުޑުތަކުގައި ވާހައި އެއްޗަކާއި، އަދި، ބިމުގައި ވާހައި އެއްޗެއް މިލްކުވެގެންވަނީ އެކަލާނގެއަށެވެ." މި ޖުމުލަޔާ ގުޅެނީ ފަހަތުން ތިން ވަނަ ޖުމުލަ އެވެ. އެއީ ހަތް ވަނަ ޖުމުލަ އެވެ. މާނަ އަކީ "އެކަލާނގެ كرسى، އުޑުތަކާއި، ބިމުގެ އެންމެހައި ކަންކޮޅުތަކަށް ތަނަވަސް ވެގެންވެއެވެ."

• މި ދެ އާޔަތް ވެސް ގުޅިފައި ވަނީ އަޖައިބެއް ފަދަ ގޮތަކަށެވެ. ތިން ވަނަ ޖުމުލައިން އެ އަންގަވަނީ ހުރިހާ އެއްޗެއްގެ ވެރިފަރާތަކީ ﷲ ކަމަށެވެ – ތަނެއްގައި ހުންނަ އެއްޗެއްގެ ވެރިޔަކީ އެ ތަނުގެ ވެރިފަރާތަށް ނުވެދާނެ އެވެ. މިސާލަކަށް ބުނާ ނަމަ ގައުމެއްގެ ރައީސަކީ ގައުމުގައި ހުރި ހުރިހާ އެއްޗެއްގެ މިލްކުވެރި ފަރާތެއް ނޫނެވެ. ތިން ވަނަ ޖުމުލާގައި އައިސްފައިވާ ވާހަކަ ހަތް ވަނަ ޖުމުލައިން ފުރިހަމަކޮށްލަދެނީ އިތުރު އެއްވެސް ސުވާލެއް ނާންނެހާ ފުރިހަމަކޮށެވެ. އެކަލާނގެ كرسى އުޑުތަކާއި ބިންތަކުގެ ހުރިހާ ކަންކޮޅަކަށް ފެތުރިފައިވާ ކަމުގެ ވާހަކައިންނެވެ. كرسى މި ބަހުން އެ އަންގައިދެނީ ދުނިޔޭގެ ރަސް ކަލަކީ އެ ކަލާނގެ ކަމެވެ. އަދި އެ ދުނިޔޭގައިވާ ހުރިހާ އެއްޗެއްގެ މިލްކުވެރި ފަރާތަކީ ވެސް އެއީކަމެވެ. ހުރިހާ ބާރުވެރިކަމެއް ﷲ އަށެވެ! އެކަމާ ސުވާލުކުރުން ނިމުނީ އެވެ.

ހަތަރު ވަނަ ޖުމުލަ އަކީ " އެކަލާނގެ إذن ފުޅާ ނުލައި އެކަލާނގެ حضرة ގައި شفاعة ތެރިވާނޭ މީހަކީ ކާކުހެއްޔެވެ؟" އެވެ. މި ޖުމުލަޔާ ގުޅޭނީ ހަ ވަނަ ޖުމުލަ އެވެ. މާނަ އަކީ " އަދި، އެކަލާނގެ علم ފުޅުގެ ތެރެއިން އެކަލާނގެ އިރާދަކުރެއްވިކަމެއް ފިޔަވައި، އެއްވެސް އެއްޗެއް އެއުރެންނަކަށް އެނގިގެނެއް ނުވެއެވެ."

• ހަތަރު ވަނަ ޖުމުލާގައި ސުވާލެއް ކުރެއްވުމަށް ފަހު ހަ ވަނަ ޖުމުލައިން އެ ދެއްވަނީ ޖަވާބެވެ. ﷲގެ އިޒުނަފުޅާ އެކު ނޫނީ އެކަލާނގެ ހަޟުރަތުގައި ޝަފާއަތް ދޭނީ ކާކުތޯ ސުވާލުކުރެއްވުމަށް ފަހު އެ ވަހީކުރައްވަނީ އެއްވެސް ފަރާތަަކަށް އެއްވެސް ކަމެއް އެނގޭނީ ﷲ ގެ އިލްމުފުޅުން އެ މީހަކަށް ދެއްވި މިންވަރަކުން ކަމަށެވެ.

ދެން ބާކީ އޮތީ މެދުުގައި އޮތް ފަސް ވަނަ ޖުމުލަ އެވެ. މާނަ އަކީ "އެއުރެންގެ ކުރިން (އެބަހީ: خلق ތަކުންގެ ކުރިން) އިސްވެގޮސްފައިވާހައި ކަމަކާއި، އެއުރެންގެ ފަހުން ވާނޭހައި ކަމެއްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ."

• އާޔަތުގެ ކުރީގެ ޖުމުލަތަކާއި ފަހަތު ޖުމުލަތައް ގުޅިގެން ގޮސްފައި ހުރި ގޮތް ވެސް އަހަރެމެންގެ މި ސިކުނޑިތަކަށް މި އެނގެނީ އެހާ އުނދަގުލުންނެވެ. އެކަމަކު ﷲގެ ބަސްފުޅު ތަރުތީބުކުރެވިފައިވާ ގޮތުން އެކަނި ވެސް، ކުރި އާއި ފަސް އެކަލާނގެ ދެނެވޮޑިގެންވާކަން އެ ވަނީ ސާބިތުކޮށްދެއްވައިފަ އެވެ. އިންސާނާގެ އިލްމުގެ ކޮށިކަން ވެސް އެ ވަނީ ވިސްނަވައިދެއްވައިފަ އެވެ.