ބޮލީވުޑް

ސާރާގެ ފުރަތަމަ ފިލްމާ ޝާހްރުކްގެ ޑްވާފް ފިލްމުގެ ކުރިމަތިލުމެއް

Dec 18, 2017

ބޮލީވުޑަށް އަލަށް ނިކުންނަ ސާރާ އަލީ ޚާންގެ ފުރަތަމަ ފިލްމު "ކެދާރްނާތް" ރިލީޒްކުރާ ތާރީހު ފިލްމުގެ ޑައިރެކްޓަރު އަބީޝެކް ކަޕޫރު އިއުލާންކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އަބީޝެކް ކުރި ޓްވީޓެއްގައި ވަނީ އޭނާގެ ފިލްމު އަންނަ އަހަރުގެ ޑިސެމްބަރު 21 ވަނަ ދުވަހު ރިލީޒްކުރާނެ ކަމަށެވެ.

މި އަހަރުގެ ސެޕްޓެމްބަރުގެ ތެރޭގައި ޝޫޓިން ފެށި އެ ފިލްމުގައި ސާރާ އާއެކު ބަތަލުގެ ރޯލުން ފެނިގެންދާނީ ސުޝާންތް ސިންގް ރާޖްޕުތެވެ.

ސާރާ އާއެކު ބޮލީވުޑަށް ނިކުންނަން ތައްޔާރުވަމުން އަންނަ ސްރީދޭވީގެ ދޮށީ ދަރިފުޅު ޖާންވީ ކަޕޫރުގެ ފިލްމަށް ވުރެން ކުރިން ސާރާގެ ފިލްމުގެ ޝޫޓިން ފެށި ނަމަވެސް އޭނާގެ ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ ތެރޭގަ އެވެ.

ޖާންވީގެ ފިލްމު ރިލީޒްކުރާތާ ހަ މަސް ފަހުން ސާރާގެ ފިލްމު ރިލީޒްކުރާތީ، ސާރާ އަށް ޖާންވީ އަށް ވުރެން ކުރިއަށްދާން ހުރަސް އެޅޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

ޖާންވީ އާއި ކުރިމަތިލައި ސާރާ އަށް ކާމިޔާބު ލިބޭނެތޯ ނުވަތަ ނޫންތޯ އެނގޭނީ ދެ ފިލްމު ވެސް ރިލީޒްވެ ލިބޭ ތަރުހީބަކުންނެވެ.

ނަމަވެސް އޭގެކުރިން ޔަގީންވާ ކަމަކީ ސާރާގެ ފުރަތަމަ ފިލްމާ އެއް ދުވަހެއްގައި ސުޕަސްޓާ ޝާހްރުކް ޚާންގެ ޑްވާފް ފިލްމު ރިލީޒްކުރަން ހަމަޖައްސާފައިވާ ކަމެވެ.

އާނަންދް އެލް ރާއި ޑައިރެކްޓްކުރާ އެ ފިލްމު ރިލީޒްކުރާނެ ސީދާ ތާރީހެއް އިއުލާންނުކުރި ކަމުގައިވީ ނަމަވެސް އެ ފިލްމު ރިލީްކުރަން ނިންމަފައިވަނީ އަންނަ އަހަރުގެ ފަހުކޮޅު އެވެ. ޝާހްރުކާ އެކު އެ ފިލްމުގެ ބަތަލާގެ ރޯލުން ފެނިގެންދާނީ ކެޓްރީނާ ކައިފް އާއި އަނުޝްކާ ޝަރްމާ އެވެ.

އެހެންކަމުން ސާރާ އާއި ޝާހްރުކްގެ ކުރިމަތިލުމެއް ބޮކްސް އޮފީހުގައި ކުރިއަށްދާނެ ކަމަށް މިހާރު ވެސް އަންނަނީ ބުނެވެމުންނެވެ.

މިފަހަކަށް އައިސް ޝާހްރުކްގެ ނިކުތް ގިނަ ފިލްމުތަކާ އެކު އިތުރު ބޮޑު ފިލްމެއް ރިލީޒްވެ އެވެ. އެކަމުގެ ސަބަބުން އޭނާގެ ފިލްމުތަކުގެ ވިޔަފާރި އަށް ނޭދެވޭ އަސަރުތައް ވެސް ކުރެ އެވެ. އެންމެފަހުން ރިލީޒްވި ފިލްމު "ޖަބް ހެރީ މެޓް ސޭޖަލް" އާއި އަކްޝޭ ކުމާރުގެ "ޓޮއިލެޓް" ކުރިމަތިލައި، ޝާހްރުކްގެ ފިލްމަށް ކުރިމަތިލާން ޖެހުނީ ނާކާމިޔާބާ އެވެ.

"ކެދާރްނާތް" އާއި ޝާހްރުކްގެ ފިލްމު ކުރިމަތިލުމަކަށް ދާން ޖެހޭތީ ޝާހްރުކް ވަނީ ސާރާގެ ފިލްމު ޕްރޮޑިއުސްކުރާ ކްރީއާޖް އެންޓަޓެއިންމަންޓްގެ ޕްރޮޑިއުސަރު ޕްރޭނާ އަރޯރާއާ ބައްދަލުކޮށް، ދެ ފިލްމު ދެ ތަރީހެއްގައި ރިލީޒްކުރުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފަ އެވެ.
ނަމަވެސް ދެ ފިލްމު ކުރިމަތިލުމަކަށް ނުދާން ނިންމި ކަމެއް ޔަގީނެއްނޫނެވެ.

"ކެދާރްނާތް" އަކީ އުއްތަރްކަންދްގައި ހިނގާދިޔަ ފެންބޮޑުވުމުގެ ހާދިސާގެ މައްޗަށް ބިނާކޮށް އުފައްދާ ލޯބީގެ ފިލްމެކެވެ.