ބޮލީވުޑް

"ޕަދްމާވަތީ" އަށް ފަހު "ދަޅަކް" ގެ ޝޫޓިން ހުއްޓުވައިފި

Dec 18, 2017

ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ޕަދްމާވަތީ" ގެ ރިލީޒްކުރެވޭނެ ތާރީހެއް އަދިވެސް ނޭނގެ އެވެ. އެ ފިލްމާ ދެކޮޅަށް މުޅި ބޮލީވުޑަށް ނިކުމެ އަޑު އުފުލަމުން އަންނައިރު ވެސް ފިލްމާ ދެކޮޅަށް ޖެއިޕޫރްގެ ޕާޓީއަކުން ކުރި މުޒާހަރާތަކާ ގުޅިގެން ފިލްމު އަދިވެސް ސެންސަރު ބޯޑުން ފާސްކޮށެއް ނުދެ އެވެ.

ޖެއިޕޫރުގެ ރާޖަސްތާނުގައި މިހާރު ޝޫޓްކުރަމުން އަންނަ ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ "ދަޅަކް" ގެ ޝޫޓިން އަށް ހުރަސްއަޅައި، އެ ފިލްމުގެ ޝޫޓިން ވެސް ހުއްޓުވައިފި އެވެ.

ޖާންވީ ކަޕޫރާއި އިޝާން ކައްތަރު ލީޑްރޯލުން ފެނިގެންދާ މި ފިލްމުގެ ޝޫޓިން ހުއްޓާލައިފަވަނީ ފިލްމާ ދެކޮޅަށް ރާޖަސްތާނުގެ ބަޔަކު ހުކުރު ދުވަހު މުޒާހަރާ ކުރުމުންނެވެ.

އެ ފިލްމުގެ ޝޫޓިން ކުރިއަށް ދިޔަ ސަރަހައްދުގައި ދިރިއުޅޭ ބަޔަކު ވަނީ ފިލްމުގެ ޔުނިޓް ހެޑާ ދެކޮޅަށް ފުލުހަށް މައްސަލައެއް ވެސް ހުށަހަޅާފަ އެވެ. އެމީހުން މައްސަލަ ހުށަހަޅާފައިވަނީ ހިންދޫ ދީނުގެ މީހުން އަޅުކަން ކުރާ ޓެމްޕަލްއެއް ފިލްމުގެ ޝޫޓިންގެ ތެރޭގައި ހަލާކުވި ކަމަށް ބުނެ އެވެ.

ފިލްމުގެ ޝޫޓިން އެހެން ދެ ޓެމްޕަލްއެއްގެ ތެރޭގައި ކުރިއަށް ދިޔައިރު، ފިލްމުގެ ތަރިންގެ ވެނިޓީ ވޭންތައް ޕާކުކޮށްފައި ހުރި ޓެމްޕަލްގައި ވޭނުން ޖެހި ގެއްލުންތަކެއް ވުމުން ވަނީ ފިލްމާ ދެކޮޅަށް އަޑުއުފުލާފަ އެވެ. އަދި އެ ސަރަހައްދުގެ އާންމުންތަކެއް އެއްވުމުން ވަގުތުން ފިލްމުގެ ޝޫޓިިން މެދުކަނޑާލުމަށްފަހު ވަނީ ޓެމްޕަލް އަށް ލިބުނު ގެއްލުން ހައްލުކޮށްފަ އެވެ.

ފިލްމުގެ ޔުނިޓް ހެޑާ ދެކޮޅަށް ފުލުހަށް މައްސަލަ ހުށަހެޅި ފަރާތުން ނޫސްތަކަށް ބުނެފައިވަނީ "ދަޅަކް" ގެ ޝޫޓިން ޖެއިޕޫރްގައި ކުރުމަކުން އެމީހުންގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް އެމީހުންގެ ތާރީހީ ތަންތަނަށް ގެއްލުންދިނުމުގެ އެއްވެސް ހައްގެއް ނޯންނާނެ ކަމަށެވެ.

"ދަޅަކް" ގެ ޝޫޓިން ހުކުރު ދުވަހު މެދުކަނޑާލީ ފުލުހަށް ހުށަހެޅި މައްސަލައާ ގުޅިގެން ނަމަވެސް ފިލްމުގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނެފައިވަނީ ފިލްމުގެ ޝޫޓިން މެދުކަނޑާލީ ޑައިރެކްޓަރު ޝަޝަންކް ކައިތާން ބަލިވެ އުޅޭތީ ކަމަށެވެ.

ޓެމްޕަލް އަށް ލިބުނު ގެއްލުމުގެ ބަދަލު ޓެމްޕަލް އެތޯރިޓީޒް އަށް މިހާރު ދައްކާފައިވާ ކަމަށް ރާޖަސްތާންގެ ފުލުހުން ވަނީ ބުނެފަ އެވެ.

މި އަހަރުގެ ކުރީކޮޅު "ޕަދްމާވަތީ" ގެ ޝޫޓިން ކުރިއަށް ދިޔަ ސެޓަށް ދީީނީ ގްރޫޕަކުން ވަދެ، ވަނީ ބަންސާލީ ގައިގައި ތަޅައިގަނެ ސެޓުގައި ބޭނުންކުރި ބައެއް އިކިއުޕްމަންޓްތައް ވެސް ހަލާކުކޮށްފަ އެވެ.

ޖާންވީ އާއި އިޝާން ބޮލީވުޑަށް ނިކުންނަ "ދަޅަކް" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 6 ވަނަ ދުވަހު އެވެ. މި ފިލްމަކީ މިދިޔަ އަހަރު ނިކުތް މަރާޓީ ބްލޮކްބާސްޓާ ފިލްމު "ސައިރަތް" ގެ ހިންދީ ރިމޭކެކެވެ.