ސުޕްރީމް ކޯޓްގެ ހުކުމަކުން ކަނޑައަޅާފައިވެ އެވެ؛ "އެންމެ ނުރައްކާތެރި އަދި އެންމެ ނޭއްގާނީ ގޮތުގައި ނަގާލެވޭ އިންސާނީ ހައްގެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ޝަރީއަތުން ހުކުމެއް ކުރުމުގެ ކުރީގައި ކުރެވޭ ބަންދު (ޕްރީޓްރައިލް ޑިޓެންޝަން) އެވެ."
މިފަދަ ނުރައްކާތެރި ހާލަތެއްގައި ބޭފުޅަކު ހުންނަވާތާ 150 ދުވަހަށް ވުރެ ގިނަ ދުވަސްވީ އެވެ. ޒުވާން، ސިޔާސީ މައިދާނުގައި ކުރިމަގެއް އޮތް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން މެންބަރުންނަށް ރިޝްވަތު ދެއްވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، އަދިވެސް ހުންނެވީ ޖަލުގަ އެވެ. ފާރިސް ހައްޔަރުކުރީ މައްސަލާގައި ތަހުގީގު ކުރިއަށް ދަނިކޮށް، ޝަރީއަތް ނިމެންދެން އެވެ. އޭރު ދައުވާ ވެސް ނުކުރާއިރު އެގޮތަށް ކުރިމިނަލް ކޯޓުން އަމުރު ނެރުނީ ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އެދިވަޑައިގެންނެވެ. އެއީ، އަލަށް އަމަލުކުރަން ފެށި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކުރެވިދާނެ ކަމެކެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ކ)ގައިވާ ގޮތުން ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ލިބިއްޖެނަމަ، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުގެ އިހްތިޔާރު، ފަނޑިޔާރަށް ލިބިގެންވެ އެވެ. ފާރިސްގެ މައްސަލާގައި އެ އަމުރު ނެރުނުއިރު ހެކީގެ ގޮތުގައި އޮތީ އިންޓެލް މައުލޫމާތެއް އެކަންޏެވެ.
އެގޮތުގެ މަތިން ފާރިސް ބަންދުކޮށްގެން ގެންގުޅޭތާ އެތައް ދުވަހެއް ވެގެން ގޮސްފައިވާއިރު މިއީ ގާނޫނީ ބޮޑު އަދި އިންސާނީ ހައްގުތައް ގެއްލިގެންދާ ބޮޑު މައްސަލައަކަށް މި ވަނީވެފަ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުން މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އިހްތިޔާރު ލިބުނު ނަމަވެސް އެންމެ އެދެވޭ ގޮތަކީ އެ އިހްތިޔާރު ފަހު ކަމެއްގެ ގޮތުގަ ބޭއްވުން ކަމަށް ގާނޫނީ ބޭފުޅުން ދެކެ އެވެ. ހައިކޯޓާއި ސުޕްރީމް ކޯޓުގެ ނިންމުންތަކުން ވެސް ޝަރީއަތް ނިމެންދެން މީހަކު ބަންދުކުރުމަކީ ވަރަށް "ނުރައްކާތެރި" ކަމެއްކަން ސާފުކޮށް ފެނެ އެވެ. ރާއްޖެ ބައިވެރިވާ ގިނަ މުއާހަދާތައް ވެސް ބާރު ދެނީ އެކަން އެގޮތަށް ނުކުރުމަށެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް 2010 ވަނަ އަހަރު ހައްޔަރުކޮށް ބަންދުކުރި އަމުރު ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން އެ ކޯޓުން އިއްވި ހުކުމުގައި ވަރަށް ސާފުކޮށް މިކަން ބަޔާންކޮށްފައި އޮވެ އެވެ. ފްރީޓްރައިލް ޑިޓެންޝަން އެންމެ ނުރައްކާތެރި ގޮތުގައި ހައްގަށް އަރައިގަތުން ކަމުގައި އެ ހުކުމުގައި ފާހަގަކޮށްފައިވަނީ ގިނަ ސަބަބުތަކެއް އޭގައި އެކުލެވޭތީ އެވެ.
ރާއްޖެ ވެސް ބައިވެރިވާ، އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ އދ އުފެދުނީންސުރެ އެ ޖަމާއަތް އިންސާނީ ހައްގުތައް ކަށަވަރުކުރުކޮށް ދިނުމަށާއި އަސާސީ މިނިވަންކަން ރައްކާތެރިކުރުމަށް އެތައް ޑިކްލަރޭޝަންތަކަކާއި އެއްބަސްވުންތަކެއް ފާސްކޮށްފައިވެ އެވެ. އެގޮތުން 1948 ވަނަ އަހަރު އެކުލަވާލި އިންސާނީ ހައްގުތަކާ ބެހޭ އާލަމީ އިއުލާން (ޔުނިވާަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސް) އާއި 1966 ވަނަ އަހަރު އެކުލަވާލި މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ އަހްދު (އިންޓަނޭޝަނަލް ކޮވަނެންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް) އާއި އިގްތިސޯދީ އިޖުތިމާއީ އަދި ސަގާފީ ހައްގުތަކާ ބެހޭ އަހްދު (އިންޓަނޭޝަނަލް ކޮވަނެންޓް އޮފް އިކޮނޮމިކް ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް) އާއި 1988 ގައި އެކުލަވާލި، އެއްވެސް ބާވަތެއްގެ ބަންދަކަށް ނުވަތަ ހައްޔަރަކަށް ހުށަހެޅޭ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމާ ބެހޭ މަބާދީތަކުގެ މަޖްމޫއާ (ބޮޑީ އޮފް ޕްރިންސިޕަލްސް ފޯ ދަ ޕްރޮޓެކްޝަން އޮފް އޯލް ޕާސަންސް އަންޑާ އެނީ ފޯމް އޮފް ޑިޓެންޝަން ފޯ އިމްޕްރިޒަންމަންޓް) އަށް ބަލާއިރު ފްރީޓްރައިލް ޑިޓެންޝަންއަށް ހިތްވަރެއް ނުދެ އެވެ. އަދި އެކަން ސިފަކޮށްފައިވަނީ އިންސާނީ ހައްގަތަކާ ދެކޮޅު ކަމެއްގެ ގޮތުގަ އެވެ. މި ހުރިހާ މުއާހަދާތަކެއްގައި ވެސް ރާއްޖެ އޮތީ ބައިވެރިވެފަ އެވެ.
ރާއްޖެ އެ ހުރިހާ މުއާހަދާތަކެއްގައި ބައިވެރިވެފައިވާއިރު އެފަދަ މުއާހަދާތަކާއި ގާނޫނު އަސާސީ އާއި ގާނޫނުތަކުން ކަށަވަރުކޮށްދޭ ހައްގުތައް ކަށަވަރު ވޭތޯ ބެލުމަށް ރާއްޖޭގައި ވެސް ވަނީ ބޮޑު ކޮމިޝަނެއް އެކުލަވާލާފަ އެވެ. ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވަސް އެވެ. އެ ކޮމިޝަނަށް ފާރިސް ވަނީ އޭނާގެ އިންސާނީ ހައްގުތައް ގެއްލިފައިވާ ކަމަށް ބުނެ މައްސަލަ ހުށަހަޅާފަ އެވެ. އެ މައްސަލަ ކޮމިޝަނުން ވަނީ ބަލައިވެސް ނިންމާފަ އެވެ. އެޗްއާރުސީއެމްގައި ހުރި ގާބިލުކަން ބޮޑުކަމުން ފާރިސްއާ އެއްވެސް ސުވާލެއް ވެސް ކޮށްފައެއް ނުވެ އެވެ. މައްސަލަ ނިންމާފައިވަނީ ފާރިސްގެ އެއްވެސް އިންސާނީ ހައްގެއް ގެއްލިފައިވާ ކަމަށް އެ ކޮމިޝަނަށް ނުފެންނަ ކަމަށެވެ. ހިއުމަން ރައިޓްސް ކޮމިޝަނަށް ފާރިސްގެ މައްސަލާގައި އެއްވެސް ކަމެއް ފެނިފައިނުވާއިރު އަސާސީ ހައްގުތައް ނަގަހައްޓައި ދިފާއުކުރުމުގެ ޒިންމާ ހަވާލުކޮށްފައިވާ ޕީޖީ ވެސް ހުންނެވީ ހަނެވެ.
ފާރިސްގެ ހައްގުތައް ގެއްލިފައިވާތީ، އެތައް ސިޓީއެއް ޕީޖީގެ މޭޒު ކޮޅަށް ފޮނުވާފައިވެ އެވެ. ޖަވާބެއް ނެތެވެ. އެކަމުގެ ކަންބޮޑުވުންތަކާ ގުޅިގެން ކުރައްވާ ކަމެއް ވެސް ނެތެވެ. ފާރިސް އެ ހުރިހާ ދުވަހު ބަންދުގައި އެ ހުންނަވަނީ ހަމަ އެންމެ ސަބަބެއް އޮވެ އެވެ. އެކަމަށް ޕީޖީ އެދިވަޑައިގެންފައިވާތީ އެވެ. ހައިކޯޓުގެ ނިންމުމަކަށް ރިޔާއަތްކުރާނަމަ، ފާރިސް މިހާރު ހުންނެވީ ގާނޫނާ ހިލާފު ބަންދެއްގައި ކަމަށް ގާނޫނީ ބޭފުޅުން ވަކާލާތު ކުރައްވަ އެވެ.
"އަސާސީ ހައްގުތައް ނަގަހައްޓައި ދިފާއު ކުރުމަކީ ވެސް ޕީޖީގެ ޒިންމާއެއް، އަސާސީ ހައްގުތައް ނެގެހެއްޓުމަކީ ކޮބައިތޯ؟ އަސާސީ ހައްގުތައް ނެގެހެއްޓުމަކީ އަސާސީ ހައްގުތައް ނިގުޅައިގަނެގެންދާއިރު ލޯ މަރައިގެން ހުރުމެއް ނޫން، ތިމަންނައަކަށް ނޭނގެއޭ ތިމަންއަކާ ބެހޭ ކަމެއް ނޫނޭ ވިދާޅުވެ ހުންނެވުމެއް ނޫން، އެއީ އެކަމެއް ހިނގާކަމުގެ އަޑު އެއްވެސް ދިމާލަކުން އެއްވެސް ގޮތަކަށް ހަބަރު ލިބިވަޑައިގެންފިނަމަ އެކަމަށް އަވަސް ވެގަނެ ވީއެންމެ އަވަހަކަށް އެއަށް ފިޔަވަޅު އެޅުވުން،" މީގެ ކުރިން ޕީޖީގެ މަގާމަށް ޝައުގުވެރިކަން ފާޅުކުރެއްވި ވަކީލް މައުމޫން ހަމީދު ވިދާޅުވި އެވެ.
ފާރިސްއާ އެއް މައްސަލައެއްގައި ހައްޔަރުކުރި ޖުމްހޫރީ ޕާޓީގެ އާންމު މެންބަރު އަހުމަދު ޝާފިއު، ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ނެރުނު އަމުރު ޕީޖީއިން ހައިކޯޓުގައި އިސްތިއުނާފުކުރުމުން ޕީޖީ އެދުނު ގޮތާ ހިލާފަށް ހައިކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ، މީހެއްގެ މައްޗަށް ތުހުމަތު ކުރެވެނީ ޖިނާއީ ކުޑަ ކުށެއްގެ ތުހުމަތުނަމަ އެމީހަކު 15 ދުވަހަށްވުރެ އިތުރަށް ބަންދުގައި ބެހެއްޓުމުގެ އިހްތިޔާރު ފަނޑިޔާރަށް ނޯންނާނެ ކަމަށެވެ. މިހާ ހިސާބުން އުފެދޭ ސުވާލަކީ ޖިނާއީ ބޮޑު ކުށާއި ކުޑަ ކުށަކީ ކޮބައި ހެއްޔެވެ؟
ޖިނާއީ ބޮޑެތި ކުށްތައް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވެ އެވެ. އޭގައި ނުހިމެނޭ އެހެން ކުށްތަކަކީ ޖިނާއީ ކުޑަ ކުށްތަކެވެ. މީހުން މެރުމާއި ޓެރަރިޒަމްގެ ކުށާއި ގޭންގް ކުށްތައް ފަދަ ކުށް ހިމެނޭ ގޮތަށް ޖުމްލަ 11 ކުށަކީ ބޮޑެތި ޖިނާއީ ކުށެވެ. އޭގެ ތެރޭގައި ކޮރަޕްޝަންގެ ކުށް ހިމެނުނު ނަމަވެސް ރިޝްވަތުގެ ކުށެއް ނެތެވެ. އެކަން އިތުރަށް ސާފުކޮށްދެމުން ހައިކޯޓުގެ ހުކުމުގައި ވަރަށް ސާފު ބަހުން ބުނެފައިވަނީ، ރިޝްވަތުގެ ކުށަކީ ޖިނާއީ ބޮޑު ކުށެއް ނޫން ކަމަށެވެ. އެކަން ހައިކޯޓުން ސާފުކޮށްދިން ފަހުން ވެސް ޕީޖީގެ ފަރާތުން ފާރިސްގެ ބަންދު މުރާޖައާ ކުރަން އެދިފައެއް ނުވެ އެވެ. އޭގެ ބަދަލުގައި އިތުރަށް ފާޑުކިޔުން އަމާޒުވާ ކަމެއް ގެންދަވަނީ ކުރައްވަމުންނެވެ.
ފާރިސް ބަންދުގައި ހުންނެވިއިރު، މިހާތަނަށް ރާއްޖޭގައި ހިނގާފައިނުވާ ބާވަތުގެ ބޮޑު ކުށެއްގެ ތުހުމަތުވާ ދެ މީހުން އުޅެމުން ދަނީ މުޖުތަމައުގެ ތެރޭގަ އެވެ. އެ ދެ މީހުންގެ މައްޗަށް ކުރާ ދައުވާ ކިޔާލުމުން ވެސް ގައިން ހީބިހި ނަގައިގެންދާއިރު އެ ދެ މީހުން އުޅެމުން ދަނީ އާންމުންގެ ތެރޭގަ އެވެ. ނޫސްވެރިޔާ އަހުމަދު ރިލްވާން ރަހީނުކޮށް ގެއްލުވާލި ކަމަށް ދައުވާ ލިބޭ ދެ މީހުންނެވެ. އެ ދެ މީހުންގެ މައްސަލާގެ ޝަރީއަތް މިހާރު ކުރިއަށްދާއިރު ވެސް އެ ދެ މީހުން ބަންދުކުރުމުގެ ހިޔާލެއް ވެސް ޕީޖީގައި ނެތެވެ. އެފަދަ ވާހަކައެއް ވެސް ޝަރީއަތުގައި ދައްކަވާ ނުލައްވަ އެވެ.
ފަހަރުގައި ޕީޖީ އަދި ހިއުމަން ރައިޓްސް ކޮމިޝަނަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމަށް ހާއްސަ ސަމާލު ކަމެއް ނުދެއްވެނީ ކަމަށް ވެދާނެ އެވެ. ހައްގެއް ގެއްލިގެންދާ ކަމަށް ގަބޫލު ނުކުރެވޭނީ ގައިމު ވެސް އެހެންވީމަ އެވެ. ސުޕްރީމް ކޯޓުގެ ހަމަ އެ ނިންމުމުގައި ބުނެފައިވެ އެވެ؛ "އެއްވެސް މީހަކު ދިގު މުއްދަތަކަށް ބަންދުކުރުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ކަނޑައެޅިގެން މަނާ ކަމެއް ކަމަށާއި ގާނޫނު ކަނޑައަޅާފައިވާ އިސްތިސްނާ ހާލަތެއްގައި ވެސް ބަންދުގައި ބެހެއްޓޭނީ އެކަމަށް ޟަރޫރީވާ އެންމެ ކުރު މުއްދަތަކަށް ކަމެވެ،"
މީގެއިތުރުން ޟަރޫރަތުގެ ގާއިދާގެ ދަށުން ހުއްދަވާ އެއްވެސް ކަމަކީ އެކަމަށް ކޮންމެހެން ބޭނުންވާ މިންވަރަށްވުރެ ފުޅާ ނުކުރެވޭނެ ކަމެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވެ އެވެ. ސަތޭކަ ފަންސާސް ދުވަހަކީ "ފުޅާ" މުއްދަތެކެވެ. ސުޕްރީމް ކޯޓުގެ އެ ނިންމުމާ ހިލާފަށް މުއްދަތު ވަނީ ވަރަށް ދިގުވެފަ އެވެ.
ފާރިސްއަކީ 5،000 ރައްޔިތުން ތަމްސީލު ކުރައްވާ މަޖިލީހުގެ މެންބަރަކަށްވާއިރު، ހާއްސަ އިމްތިޔާޒުތަކެއް ގާނޫނުން އޭނާއަށް ލިބިދެ އެވެ. އެ ހައްގުތައް އޭނާ ކުށެއްގެ ބަންދުގައި ހައްޔަރުވި ނަމަވެސް ލިބޭނެ އެވެ. ލިބެންޖެހެ އެވެ. އެކަމަކު، ނުލިބެ އެވެ. ރައްޔިތުންގެ މަޖިލީހަށް ކަމެއް ވާހެން ވެސް ހީވެސް ނުވެ އެވެ. މަޖިލީހުގެ މެންބަރެއްގެ ހައްގުތައް ނިގުޅައިގެންދާ ކަމަށް ތަކުރާރުކޮށް އެ މެންބަރު ވިދާޅުވާއިރު ވެސް މަޖިލީހުގެ ކޮމެޓީއަށް އެކަން ބަލާކަށް ނުކުރެ އެވެ. އެތައް ސިޓީއެއް މަޖިލީހަށް ފޮނުވާއިރު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް އެއިން އެއްވެސް ސިޓީއަކަށް ޖަވާބު ދެއްވަން ނުކެރުއްވަ އެވެ. ނޫނީ ޖަވާބު ނުދެއްވަނީ އެވެ.
ފާރިސް މަޖިލީހަށް ހާޒިރުކުރުމުގައި ގާނޫނުން އެއްވެސް ހުރަހެއް ނެތެވެ. އެކަން ކުރިމިނަލް ކޯޓުން ވެސް ގަބޫލުކުރާތީ ފާރިސްއަށް އެ ފުރުސަތު ވެސް ދެއްވާފައިވެ އެވެ. އެކަމަކު، އޭގައި ހުރަކަށް ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އެވެ. އެ ސާވިސްއިން ބުނަނީ މަޖިލީހުގެ މެންބަރުން ހާޒިރުކުރަން ލާޒިމްކުރާ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ މާއްދާ ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވާތީ މެންބަރުން ހާޒިރުކުރުން ލާޒިމް ނުވާ ކަމަށެވެ. ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ކުށެއްގެ ތުހުމަތުގައި ހައްޔަރުގައި ތިއްބަވާ މެންބަރުން މަޖިލީހަށް ހާޒިރުކުރަންޖެހޭނެ އެވެ. އެ ގަވައިދަކީ ގާނޫނުއަސާސީން ބާރު ލިބިގެން އުފައްދާފައި އޮތް ގަވާއިދެކެވެ. ގާނޫނެއްގެ ސިފަ، ގާނޫނީ ބާރު ލިބިގެންވާ ގަވާއިދެކެވެ. ތަންފީޒީ އިދާރާތަކުން ބައްލަވަންޖެހޭނީ އެއީ ގާނޫނެއްގެ ގޮތުގައި ކަމަށް ވަކީލުން ވިދާޅުވެ އެވެ. އެހެންވެ، އޭނާ މަޖިލީހަށް ހާޒިރުނުކުރާ މައްސަލާގައި ޕީޖީ ޒިންމާ ނަގަން ޖެހޭނެ ކަމަށް ވަކީލުން ދެކެ އެވެ.
"ހަމައެކަނި މި ވިދާޅުވީ ތިމަންނަމެން ނޯންނާއޭ ހުރަހެއް އަޅާފައި. އެވަރަކުން ނުފެދޭ. ސަބަބަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަސްއޫލިއްޔަތެއް އެއީ ހައްގުތައް ނެގެހެއްޓުން. އެހެންވީމަ އެދުވަހު ޕްރޮސެކިއުޓާ ޖެނެރަލް އަމުރު ކުރައްވަން ޖެހޭނެ ކަރެކްޝަނަލް ސާވިސަށް ފާރިސް ވަގުތުން މަޖިލީހަށް ގެންދާށޭ،" މައުމޫން ވިދާޅުވި އެވެ.
ދިގު މުއްދަތެއްގެ ބަންދެއްގެ ޝިކާރަކަށް ފާރިސްވުމުގެ ވަރަށް ބޮޑު ޒިންމާއެއް ހައިކޯޓުގައި ވެސްވެ އެވެ. އޭނާ ހައްޔަރުކޮށް ބަންދުކުރި މައްސަލަ އިސްތިއުނާފުކުރިތާ އެތައް ދުވަހެކެވެ. ހައިކޯޓުގެ މައްސަލަތައް ކުރިއަށްދާ ސްޕީޑާމެދު ހިތްހަމަ ނުޖެހިގެން ސުޕްރީމް ކޯޓުން އަމުރެއް ނެރެ ތިން މަސް ދުވަހަށް ދެކުނު ގޮފިން ފަނޑިޔާރުން ވެސް ގެންނެވި އެވެ. ނަމަވެސް އޭރު ވެސް ހުއްޓިފައި އޮތް ފާރިސްގެ މައްސަލަ އާ ފަނޑިޔާރުންގެ ބެންޗާއެކު ވެސް އޮތީ "ބްރެކި" ޖެހިފަ އެވެ. ދެކުނު ގޮފީގެ ފަނޑިޔާރެއް ވެސް ހިމެނިވަޑައިގަންނަވާ ބެންޗަށް ހުކުމް ނެރުއްވިފައިނުވާއިރު، ސުޕްރީމް ކޯޓުގެ އަމުރުގައިވާ ތިން މަސް ވަނީ ހަމަވެފަ އެވެ. އެހެންވެ އެ ބެންޗާމެދު ވަރަށް ބޮޑަށް މިހާރު ވަނީ ސުވާލު އުފެދިފަ އެވެ. އަނެއްކާވެސް މައްސަލައަށް އިތުރު ލަސްވުމެކެވެ. ފާރިސް މައްސަލާގައި ހައިކޯޓުގެ ހުކުމް މިހާ ލަސްވާ އެއްވެސް ސަބަބެއް ސާފެއް ނުވެ އެވެ. މީގެ އަނެއް މައްސަލައެއް ކަމަށްވާ ޝާފިއު މައްސަލާގައި ހައިކޯޓުން ވަނީ އަވަސް ހުކުމެއް ކޮށްފަ އެވެ. ހައިކޯޓުން ފާރިސް މައްސާލާގައި އިއްވާ ހުކުމްވެގެން ދަނީ މި ހުރިހާ ގާނޫނީ ސުވާލަކަށް ޖަވާބު ލިބިގެންދާނެ ހުކުމަކަށެވެ. އަދި، އެއީ ކުރިމަގުގައި މިފަދަ ހާލަތްތަކުގައި ކަންތައްތައް ކުރާނެ ގޮތް ކަނޑައެޅިގެންދާނެ ހުކުމަށްވާނެ އެވެ. އެ ހުކުމް މުހިންމު ވަނީ އެހެންވެ އެވެ.
"މިއީ ދައުލަތުގެ އިދާރާތަކުން ގާނޫނަށް ނުކިޔަމަންތެރިވުމުގެ ސަބަބުން ފާރިސް މައުމޫން ތަހައްމަލުކުރަން ޖެހިފައިވާ ބޭއިންސާފު އަނިޔާއެއް، ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ގާނޫނީ ޒިންމާ އަދާކުރާކަށް ބޭނުމެއް ނުވޭ، އެ ބޭފުޅުންނަށް ކުރެވޭ ކަމަކީ ހަމައެކަނި މުސާރަ ނެގުން، ގާނޫނާ ހިލާފަށް ހިންގާ އަމަލުތައް ފޮރުވުމަށް ވެސް މަސައްކަތް ކުރޭ،" ގާނޫނީ ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވި އެވެ.
އިންސާނީ ހައްގުތައް ގެއްލިގެން އުޅޭ ވާހަކަ ދެކެވޭއިރު އިންސާނީ ހައްގުތަކާ ބެހޭ ދުވަހު ހިއުމަން ރައިޓްސް ކޮމިޝަނުން ނެރުއްވި ބަޔާނުގައި ބުނެފައިވަނީ، އިންސާނީ ހައްގުތައް ކުރިއަރުވަން ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށެވެ. އޭގެ ސަބަބެއް ކަމަށް ބުނެފައިވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށިފައިވުމެވެ. ގާނޫނަކަށް އަމަލުކުރަން ފެށުމަކީ ހައްގުތައް ކަށަވަރުވުމެއް ނޫނެވެ. ގާނޫނުގެ މަގުސަދު ހާސިލުވެ ހައްގުތައް ރައްކާތެރިވެގެން ދާނީ ތަންފީޒީ އިދާރާތަކާއި ޒިންމާތަކާ ހަވާލުވެ ތިބި މުއައްސަސާތަކުން އެ ގާނޫނޫގެ ރޫހާ އެއްގޮތަށް އަމަލުކުރުމުންނެވެ. ގާނޫނު ދަންނަ ބަހުރުވަޔަކީ މީހަކަށް ލުޔެއް ގާނޫނަކުން ދެވެން އޮތްނަމަ އެ ލުޔެއް ދިނުމެވެ. މީހަކަށް ބުރައެއް ޖެއްސުމެއް ނޫނެވެ. މިކަމަށް އެންމެ ބޮޑަށް ހިތްވަރުދޭ ގާނޫނަކީ ވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނެވެ. އަދަބު ކަނޑައެޅުމާއި އެހެންވެސް އިޖުރާއުތައް ފުރިހަމަ ކުރަނީ އެ އޮންނަ އެންމެ ލުއި ގޮތަކަށެވެ. އެހެންވީއިރު، ގާނޫނުގެ ދަށުން ފާރިސް ޝަރީއަތް ނިމެންދެން ބަންދުކުރި ނަމަވެސް އެކަމަށް އެއްވެސް ގާނޫނަކުން ހިތްވަރު ނުދޭއިރު އެ ލުއި އޭނާއަށް ދޭން ނުޖެހޭ ހެއްޔެވެ؟ ޝަރުއީ މިންވަރަށްވުރެ މުއްދަތު ދިގު ވެސް ނުވޭ ހެއްޔެވެ؟ މި ސުވާލުތަކަށް ޕީޖީއިން ޖަވާބު ދެއްވުން މުހިންމެވެ. އަދި ފިޔަވަޅު އެޅުން ވެސް މުހިންމެވެ. ނޫނީ، އެޅިގެންދާނީ ވަރަށް ނުބައި ގޯޅިއަކަށެވެ. އިންސާނީ ހައްގުތައް އަރައިގަތުމުގެ އެންމެ ނުރައްކާތެރި ގޮތް ރާއްޖޭގައި އާންމު ކަމަކަށްވެގެން ގޮސްދާނެ އެވެ.