ފިނިޕޭޖް

އަޒްލީނާގެ މަރަށް ފިލްމް ހެދުމާ ދެކޮޅަށް އާއިލާއިން ނުކުންނަނީ!

ފިލްމީ ދާއިރާގެ މިހާރު އެންމެ އަޑުގަދަވެފައި ވަނީ އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާއިން އިންސްޕަޔާ ވެގެން ފިލްމީ ތަރި އަބްދުﷲ މުއާޒް ހަދާ ފިލްމު "ލީނާ"ގެ ވާހަކަ އެވެ. އެ ފިލްމަށް ތަރިން ފައިނަލް ކޮށް ޝޫޓިން ފެށުމުގެ މަސައްކަތަށް މުއާ މިހާރު ވަނީ ތައްޔާރުވާންވެސް ފަށައިފަ އެވެ.

އެ ހަބަރު ތަކާއެކު ސޯޝަލް މީޑިއާގައި އަޒްލީނާގެ އާއިލާ އާ ރައްޓެހިން ދަނީ ފިލްމު ހެދުމާ ދެކޮޅަށް ވާހަކަ ދައްކާ އަޑު ގަދަ ކުރަމުން އެވެ. އަޒްލީނާގެ އާއިލާއިން ބުނީ އެ ހާދިސާ އާ ގުޅުވައިގެން އެއްވެސް ފިލްމެއް ހަދަން ބޭނުންނުވާ ކަމަށެވެ. މީގެ 16 އަހަރުކުރީގެ އެ ހަނދާންތައް އަލުން އާ ކުރުމަކީ އެމީހުންގެ ހިތަށް ކުޅަދާނަ ކަމަކަށް ނުވެ އެވެ.

"އެއީ މީގެ 16 އަހަރު ކުރިން ނަމަވެސް އަހަރުމެންނަށް އެއީ އިއްޔެ ވީ ކަމެއް ކަހަލަ، އެންމެ ފުރަތަމަ ފިލްމު ހަދާ ވާހަކަ ދައްކަން ފެށީމަވެސް ބުނިން އާއިލާއިން ގަބޫލެއް ނޫނޭ، އޭރު މުއާވެސް ބުނި އާއިލާ ގަބޫލު ނޫނިއްޔާ ނުހަދާނަމޭ، މަރުގެ އެހެން ކޭސްތައްވެސް އެބަހުރި ނޫންހޭ،" އަޒްލީނާގެ އާއިލާގެ މެންބަރަކު ނަން ނުޖަހާ ގޮތަށް ބުންޏެވެ.

އެ މީހުން ބުނާ ގޮތުގައި، އެ ފިލްމް ހުއްޓުވުމާ ދެކޮޅަށް ކުރެވުނު ކަމެއް ކުރާނެ އެވެ. އަޒްލީނާގެ ހަޔާތާ ގުޅުވައިގެން އެއްވެސް ސިފައެއްގައި ފިލްމެއް ހެދުމަކީ އެ މީހުން ދޫދޭނެ ކަމެއް ނޫނެވެ. އެކަމުގައި އެ މީހުން ތިބީ ކޮންމެ ހިސާބަކަށް ވެސް ދާން ތައްޔާރަށެވެ.

"އިންސްޕަޔާވެގެންނޭ ބުނާއިރު ނަންވެސް އޭނީ ގުޅުވާފަ، "ލީނާ"، އެއީ އަޒްލީނާގެ ފަހަތު ބައި، އަނެއްކާ އޭ ޒެޑް އެ އިންނަނީ ފާޑަކަށް ފޭޑްކޮށްފަ، އެ ފިލްމުގެ ވާހަކަ ދެއްކީމަ އަޅުގަނޑުމެންގެ ހިތްތަކަށް ވޭން އަޅާ، އަޒްލީނާގެ މަންމަ އާއި ބައްޕަވެސް ދުނިޔޭގަ އެބަތިބި، އެމީހުންވެސް ބޭނުމެއް ނުވޭ، އަޅުގަނޑުމެން އަޑު އުފުލާނަން، ކޯޓަށް ދާން ޖެހިއްޖެޔާ ކޯޓަށް ދާންވެސް އަޅުގަނޑުމެން ތައްޔާރަށް މިތިބީ،"

އަޒްލީނާގެ އާއިލާއިން ބުނީ އަޒްލީނާއަށް އިންސާފު ނުލިބި ގާތިލުން މިހާރު ތިބީ މިނިވަން ވެފައި ކަމަށެވެ. އެއީވެސް އެ އާއިލާގެ އެއް ކަންބޮޑުވުމެވެ. އެހެން އެ ހުރިހާ ކަމެއް ކުރިމަތިވެފައި އޮތް އިރު އަޒްލީނާ ގަތުލު ކޮށްލި ގޮތުގެ މައްޗަށް ފިލްމެއް ހަދައި އެ މަންޒަރުތައް އާންމު ކުރުން އެ އާއިލާއިން ބަލައެއް ނުގަނެ އެވެ. އެ މީހުން ދެކޭ ގޮތުގައި އިޖުތިމާއީ ބޮޑެތި މައްސަލަތަކުގެ މައްޗަށް ފިލްމް ހެދުން މާ ރަނގަޅުވާނެ އެވެ.

"އަޅުގަނޑަށް ހީވަނީ މާ ރަނގަޅުވާނެހެން ރާއްޖޭގަ މިހިނގާ މަރުތަކަށް އިންސާފް ނުލިބޭތީ އެކަމަށް ފިލްމެއް ހެދިޔަސް، އެއީ މިހާތަނަށް ހިނގި އެއްވެސް މަރުގެ ހާދިސާއަކަށް އިންސާފް ލިބިފައެއް ނެތް، އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން މުއާއާ ވާހަކަ ދައްކަން، ފޭސްބުކް އިން މެސެޖްކޮށްފަ ވެއްޖެ ދެދުވަހެއްވަރު ކުރިން، އަދި ޖަވާބެއް ނުދޭ،" ކުރިންވެސް އެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އާއިލާއިން ކޮންމެ ވާހަކައެއް ދެއްކިއަސް މުއާވެސް ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. އެކަމާ ގުޅޭގޮތުން މުއާ ބުނީ ހާދިސާއަކުން އިންސްޕަޔާ ވެގެން ހަދާ ފިލްމަކަށް ހުއްދަ ހޯދަން ނުޖެހޭނެ ކަމަށެވެ. އާއިލާއިން ބޭނުންނުވާ މަންޒަރެއް ނުހިމަނާނެ ކަމަށް ކުރިންވެސް ބުނެފައިވާނެ ކަމަށް މުއާ ބުންޏެވެ. މުއާ ބުނީ އޭނާ މި ފިލްމް ނުހަދާ ހުއްޓާލާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.

"ނުޖެހޭނެ ހުއްދަ ހޯދާކަށް، އެއީ އަހަރެން ފިލްމު ހަދަނީ އިންސްޕަޔާވެގެން، މިސާލަކަށް ޑރ. އަފްރާޝީމްގެ މަރުގެ ހާދިސާއަކަށް ފިލްމު ހަދަން ވިޔަސް ނުޖެހޭނެ ހުއްދަ ހޯދާކަށް، މީގަ ގޯސް އެއްވެސް މަންޒަރެއް ނުހުންނާނެ،" މުއާ ބުންޏެވެ. "މި ފިލްމު މި ހަަދަނީ ބައިވަރު ކަންތައްތަކެއް ހިމަނައިގެން، އޭނާގެ ކުރީގެ ދިރިއުޅުމެއް ނުވެސް ފެންނާނެ، މި ފިލްމު މި ހަދަނީ ޓްރޫ އިވެންޓަކަށް ނޫން، އެހެންވީމަ ހުއްދަ ހޯދާކަށް ނުޖެހޭނެ، އަބަރުގެ ގާނޫނުގައިވެސް ތަން ދޭ، ކުރިން އަހަރެން ޔަގީންކަން ދިނިން އާއިލާއަށް ގޯސް އެއްވެސް މަންޒަރެއް ނުހުންނާނެ ކަމަށް، ސްކްރިޕްޓް ދޭނަމޭވެސް ބުނިން، އެކަމަކު ފަހުން އެމީހުން ބުނީ ސްކްރިޕްޓް ކިޔާކަށް ބޭނުމެއް ނޫނޭ، ފިލްމު ހަދާކަށްވެސް ބޭނުމެއް ނޫނޭ، އެކަމަކު އަހަރެން މި ފިލްމު ހަދާނަން، ނުވެސް ހުއްޓުވޭނެ،"

މުއާ ޑައިރެކްޓްވެސް ކުރާ އެ ފިލްމުގަ "ލީނާ"ގެ ރޯލަށް ނަގާފައިވަނީ މިހާރު އެންމެ މަގުބޫލު އެއް ތަރި ކަމަށްވާ މަރިޔަމް އައްޒަ އެވެ. ފިލްމުގެ އެހެން ތަރިންވެސް ފައިނަލްކޮށް ނިމިފައިވީ ނަމަވެސް އެތަރިންގެ ނަމެއް އަދި އިއުލާނެއް ނުކުރެ އެވެ. އެ ފިލްމު ނަގަން ހަމަޖެހިފައިވަނީ އަތޮޅު ތެރޭގަގެ އެކި ރަށްރަށުގަ އެވެ.