ފުލުފުލުގައި ނިކުތް ބޮޑެތި ތަރިންގެ ފިލްމުތައް ފްލޮޕްވެ ބޮލީވުޑްގެ ފްލޮޕް މޫސުމް ނުނިމު އުޅެނިކޮށް، ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އުފެއްދި "ޕަދްމާވަތީ" އާ ދެކޮޅަށް ކުރި މުޒާހަރާތަކާ ގުޅިގެން އެ ފިލްމު ރިލީޒްކުރުން ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ.
މި އަހަރު ދެން ރިލީޒްވާ ފިލްމުތަކުގެ ތެރެއިން 2017 ވަނަ އަހަރުގެ ބޮލީވުޑްގެ ބޮކްސް އޮފީހަށް ބަހާރު މޫސުން ގެނެސްދޭނެ ފިލްމަކީ މި ހުކުރު ދުވަހު ރިލީޒްކުރާ ސުޕަސްޓާ ސަލްމާން ޚާން އާއި ބަތަލާ ކެޓްރީނާ ކައިފް ލީޑްރޯލުން ފެނިގެންދާ "ޓައިގާ ޒިންދާ ހޭ " އެވެ.
އަލީ އައްބާސް ޒަފަރް ޑައިރެކްޓްކުރާ އެ ފިލްމަކީ 2012 ވަނަ އަހަރު ނިކުތް "އޭކް ތަ ޓައިގާ" ގެ ދެވަނަ ބައެވެ.
މި ފިލްމުގެ ޓްރެއިލާ އާއި ލަވަތަކަށް ލިބެމުން އަންނަ ތަރުހީބުގެ ސަބަބުން "ޓައިގާ ޒިންދާ ހޭ"، މި އަހަރުގެ އެންމެ ބޮޑު ފިލްމަށް ވެދާނެ ކަމަށް އަންނަނީ ބުނަމުންނެވެ. ބޮކްސް އޮފީހުގައި ގިނަ ރެކޯޑްތަކެއް މި ފިލްމު މުގުރާނެ ކަމަށް މިހާ އަވަހަށް ބުނެވެމުން އަންނަނީ ފިލްމުގެ އެޑްވާންސް ބުކިން އަށް ލިބެމުން އަންނަ ބޮޑު ތަރުހީބުގެ ސަބަބުންނެވެ.
ޓްރޭޑް އެނަލިސްޓް ތަރަން އަދާޝް ކުރި ޓްވީޓެއްގައި ބުނެފައިވަނީ "ޓައިގާ ޒިންދާހޭ" ގެ އެޑްވާންސް ބުކިން އަށް ހުޅުވާލިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ގިނަ ޝޯތަކުގެ ޓިކެޓް ފުލްވެފައިވާ ކަމަށެވެ. އެޑްވާންސް ބުކިންގައި ގިނަ ޝޯތަކެއް މަދު ވަގުތުކޮޅެއްގެ ތެރޭގައި ހުސްވުމުން މި ފިލްމުން ގިނަ ރެކޯޑްތަކެއް މުގުރާނާލެ ކަމަށް ބެލެވެ އެވެ. އަދި ފިލްމު ރިލީޒްކުރާ ހުކުރު ދުވަހު ސިނަމާތަކަށް މި ފިލްމު ވަރުގަދަ ތޫފާނެއް ގެނުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވަނީ ބުނެފަ އެވެ.
ދެހާސް ބާރަ ވަނަ އަހަރު ނިކުތް "އޭކް ތަ ޓައިގާ" ވެސް ވަނީ ގިނަ ރެކޯޑްތަކެއް މުގުރައި، އެ އަހަރު ނިކުތް އެންމެ ކާމިޔާބު ފިލްމުގެ ލަގަބު ހޯދާފަ އެވެ.
މި އަހަރުގެ ފިތުރު އީދުގައި ރިލީޒްކުރި ސަލްމާންގެ ފިލްމު، "ޓިއުބްލައިޓް" ވަނީ ފްލޮޕްވެފަ އެވެ. ބެލުންތެރިން ސަލްމާންގެ ކިބައިން ބޮޑު އުންމީދެއް ކުރަމުން އަންނަނިކޮށް އެ ފިލްމު ފްލޮޕްވުމުން އޭނާ އަށް ވެސް ލިބުނީ ބޮޑު މާޔޫސްކަމެކެވެ.
އެހެންކަމުން އޭނާ ދެން ކުޅެން ނިންމި ފިލްމަކީ އެކްޝަން މަންޒަރުތަކާއި ތަޅާފޮޅުންތަކުން ފުރިގެންވާ "ޓައިގާ ޒިންދާ ހޭ" އެވެ.
ޔާޝް ރާޖް ފިލްމްސްއިން ޕްރޮޑިއުސްކުރާ މި ފިލްމުގައި މިހާތަނަށް ބޮލީވުޑްގެ ފިލްމެއްގައި ނުފެންނަ ވަރުގެ ވަރުގަދަ އެކްޝަން މަންޒަރުތައް ފެނިގެންދާނެ އެވެ. މި ފިިލްމުގެ އެކްޝަން މަންޒަރުތައް ޑައިރެކްޓްކޮށްފައިވަނީ ހޮލީވުޑްގެ ކުޅަދާނަ އެކްޝަން ޑައިރެކްޓަރު ޓޮމް ސްޓްރުތާޒް އާއި އޭނާގެ ޓީމެވެ.
ހުކުރު ދުވަހު ރިލީޒްކުރާ މި ފިލްމުގައި ފެނިގެންދާނީ އިރާގުގައި ޓެރަރިސްޓް ޖަމާއަތެއްގެ އަތްދަށުގައި ތިބި އިންޑިޔާ ނަރުހުންތަކެއް އަތުލައިގަންނަން އިންޑިޔާގެ ސިއްރު ފުލުހަކާއި ޕާކިސްތާނުގެ އެޖެންޓަކު ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.
ސަލްމާނެކޭ އެއްގޮތަށް ކެޓްރިނާގެ ވެސް ގިނަ އެކްޝަން މަންޒަރުތަކެއް މި ފިލްމުގައި ފެނިގެންދާނެ އެވެ.