ވިޔަފާރި

ޓީއެމްއޭ 550 މިލިއަން ޑޮލަރަށް ވިއްކާލަން ސޮއިކޮށްފި

Dec 19, 2017
7
  • ސޮއިކުރީ ޗައިނާ، އެމެރިކާ ކުންފުންޏަކުން
  • ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ބޮޑު ކުންފުނި
  • އެންމެ ގިނަ ޓޫރިސްޓުން އުފުލަނީ މި ކުންފުނިން

އެމެރިކާގެ ބާއިން ކެޕިޓަލް އެލްޕީ އާއި ޗައިނާގެ ޓަމްޕަސް ގްރޫޕާ ގުޅިގެން އުފަައްދާ ޖޮއިންޓް ވެންޗާއަކުން، ރާއްޖޭގެ ޓްރާންސް މޯލްޑިވިއަން އެއާޓެކްސީ (ޓީއެމްއޭ) 550 މިލިއަން ޑޮލަރަށް ގަންނަން ސޮއިކޮށްފި އެވެ.

އިކޮނޮމިކް ޓައިމްސްގައިވާ ގޮތުން ބާއިން ކެޕިޓަލް އާއި ޓެމްޕަސް ގްރޫޕާ ގުޅިގެން ޓީއެމްއޭގެ 80 ޕަސެންޓް ހިއްސާ ގަންނަން މިދިޔަ އާދީއްތަ ދުވަހު ވަނީ ސޮއިކޮށްފަ އެވެ.

ޓީއެމްއޭ މައިގަނޑު ހިއްސާ އޮންނަ ބްލެކް ސްޓޯން އިން އެ ކުންފުނި ވިއްކަން ވިސްނަމުންދާ ކަމަށް ފުރަތަމަ ބުނީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. އަދި މިއަހަރު ނިމުމުގެ ކުރިން އެއްބަސްވުމަަކަށް އައުމަށް ބްލެކް ސްޓޯން އިން އަމާޒުހިފާފައިވާ ކަމަށްވެސް ކުރި އަޑުތައް ފެތުރިފައިވެ އެވެ.

އެމެރިކާގެ އިންވެސްޓްމަންޓް ފާމެއް ކަމަށްވާ، ބްލެކްސްޓޯން ގްރޫޕުން ހިންގާ ޓީއެމްއޭގައި ޖުމްލަ 44 ސީޕްލޭން ބޭނުން ކުރެ އެވެ. ޓީއެމްއޭ އާއި މޯލްޑިވިއަން އެއާޓެކްސީގެ ނަމުގައި ވަކިން ހިންގަމުން އައި ދެ ސީޕްލޭން އޮޕަރޭޓަރު އެއްކޮށްލައިގެން، ޓީއެމްއޭގެ ނަމުގައި ސީޕްލޭންގެ އޮޕަރޭޝަންތައް ފެށީ 2013 ވަނަ އަހަރު ބްލެކްސްޓޯން އިން އެ ދެކުންފުނީގެ ބޮޑު ހިއްސާއެއް 120-150 މިލިއަން ޑޮލަރު ވަރަށް ގަތުމަށް ފަހުގަ އެވެ. ރާއްޖޭގެ 60 އަށް ވުރެ ގިނަ ރިސޯޓަށް ޓޫރިސްޓުން އުފުލާ ޓީއެމްއޭ އިން 48 އޮޕަރޭޓް ކުރާއިރު، މިދިޔަ އަހަރު 1.29 މިލިއަން ޓޫރިސްޓުން އުފުލާފައިވެ އެވެ.