ކޮލަމް

ކޮލަމް ފޮޅުވަތް: ގައުމީ ހިދުމަތް ފޯރުކޮށް ނުދެވޭ ގައުމީ އެއާލައިން

May 21, 2018
123

"ރޯދަ ވީއްލަން ވެސް ދިނީ ފެންތައްޓަކާއި ކަދުރު ކޮޅެއް. އެހެން އެއްވެސް އެއްޗެއް ނުދޭ،" ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓްގެ ހިދުމަތްތަކާ މެދު ޝަކުވާ ކުރި ރައްޓެއްސަކު އޭނާގެ ތަޖުރިބާ ހިއްސާކުރި އެވެ. އެ ތަޖުރިބާއަށް ފަހު އޭނާ ހުރީ ރޯދަ މަހު މޯލްޑިވިއަންގެ ފްލައިޓެއްގައި ދަތުރު ނުކުރާން ނިންމައިގެނެވެ. މިއީ އަހަރުމެންގެ ގައުމީ އެއާލައިން މޯލްޑިވިއަންއާ މެދު އެތައް ބަޔެއް އޮއްސަމުން އަންނަ ޝަކުވާތަކެވެ. ގައުމީ އެއާލައިނާމެދު ދިވެހިންގެ ޝަކުވާތައް ފެށީ އިހަށް ދުވަހަކު ނޫނެވެ. އަދި އެއީ ދެތިން މީހެއްގެ ޝަކުވާއެއް ވެސް ނޫނެވެ. އެތައް ޒަމާންތަކެއް ވަންދެން ހައްލު ނުވެފައި އޮތް ޝަކުވާތަކުން ފަށަމާ ހިނގާށެވެ.

މޯލްޑިވިއަންގެ ފްލައިޓްތައް އިންތިހާއަށް ޑިލޭވުމާއި އެފަދަ ފަހަރުތަކުގައި އެކަށީގެންވާ ބަދަލެއް ކަސްޓަމަރުންނަށް ނުލިބޭ ކަމަށް ޝަކުވާ ކުރާ އެތައް ދިވެހި ރައްޔިތުނެއް އެބަ ތިއްބެވެ. ރަނގަޅެވެ! އޭވިއޭޝަން އިންޑަސްޓްރީގައި އެއާލައިން ޑިލޭ އަކީ ހިނގާފާނެ ކަމެކެވެ. އަދި ނާދިރު ހާލަތެއްގައި ފްލައިޓްތައް ކެންސަލް ވެސް ކުރަން ޖެހިދާނެ އެވެ. އެކަމަކު މޯލްޑިވިއަންގެ ފްލައިޓްތައް ޑިލޭވުމަކީ އާންމު ކަމަކަށް ވުމަށް ވުރެ ބޮޑަށް އާންމު އުނދަގުލެކެވެ. ބައެއް ފަހަރު ފުރަން އޮންނަ ފްލައިޓަށް ޗެކިންވެ އެތައް އިރެއްވާ ފަހުން ޓެކްނިކަލް މައްސަލައެއް ދިމާވެ، ފްލައިޓް ކެންސަލް ވެގެން އަނބުރާ ގެއަށް އަންނަން ޖެހިފައި އެބަ ހުއްޓެވެ. އެކަހަލަ ހާލަތްތަކުގައި ޝަކުވާ ކުރުން ނޫން ދެން ކުރެވޭނެ ކަމެއް ނޯވެ އެވެ. ގިނަ ފަހަރަކަށް ބަދަލުގައި ގޮތުގައި، ލިބޭ އެއްޗެއް ވެސް ނޯވެ އެވެ.

ހާއްސަކޮށް އައްޑޫ، ފުވައްމުލަކަށް ދަތުކުރާ ފްލައިޓްތައް ޑިލޭވަމުން އަންނަ އަދަދު ހިސާބު ކުރަން އެނގޭ މީހަކު ވެސް މި އުޑުދަށުގައި ހުރިހެނެއް ހިއެއް ނުވެ އެވެ.

މޯލްޑިވިއަންގެ ފްލައިޓެއް ޑިލޭވުމުން މީހަކު ކޮށްފައިވާ ޝަކުވާގެ ޓްވީޓެއް

"މޯލްޑިވިއަންގެ ފްލައިޓަކުން ދަތުރުކުރަންޏާ ތައްޔާރު ވެގެން ދަނީ ޑިލޭވާނެ ކަމަށް. އެހެން ނޫނީ އެއީ ޑިސެޕޮއިންޓްމަންޓެއް،" ސުވާލުކޮށްލި އެހެން ރަށްޓެއްސަކު ގައުމީ އެއާލައިންގައި އޭނާ ކުރި ތަޖުރިބާ ކިޔައިދިނެވެ. "ފްލައިޓް ކެންސަލް ވެގެން އެނބުރި މާލެ ދާން ޖެހުނީމަ ވެސް މި ދެނީ އެންމެ 300 އެއްހާ ރުފިޔާ ބަދަލުގެ ގޮތުގައި،"

ގައުމީ އެެއާލައިންގެ ފްލައިޓްތަކުގައި އުދުހުމުގެ ވޭނާއި ދުއްތުރާގައި ނުޖެހޭ ދިވެއްސަކާ އަދި ދިމަލެއް ނުވެ އެވެ. އެކަމަކު ވަރަށް ގިނަ ބަޖެޓް އެއާލައިންތަކުގައި އަހަންނަށް ވެސް ދަތުރު ކުރެވިއްޖެ އެވެ. ބަޖެޓް އެއާލައިންގައި ފްލައިޓްތައް ކުޑަވެފައި، ޕެސެންޖާ ސީޓްތައް އެންމެ ހިތްގައިމު ނުވިއެއް ކަމަކު ފްލައިޓްތައް ބަރާބަރު ވަގުތަށް ނައްޓާލާނެ އެވެ. އަހަރެންގެ ތަޖުރިބާގައި ލަސްވިޔަސް ލަސްވެފައި ހުރީ ގާތްގަނޑަކަށް 30 ހަކަށް މިނެޓެވެ. އެކަމަކު އަހަރުމެންގެ ގައުމީ އެއާލައިންގައި މިހެން ހެއްޔެވެ؟ ބޭނުންވާ މަންޒިލަށް ދެވޭނެ ކަމުގެ ޔަގީންކަން ނެތި އެތައް ވަގުތުތަކެއް އެއާޕޯޓްގައި ހޭދަކުރަން ޖެހުމަކީ އެހެން ގައުމެއްގައި ނަމަ ބޮޑު މައްސަލައެކެވެ. އެކަމަކު ދިވެހިންނަށް އެއީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ދައްކައިދެނީ އަހަރުމެންގެ ގައުމީ އެއާލައިނެވެ.

ގައުމީ އެއާލައިންގެ ޓިކެޓްގެ އަގުގެ ވާހަކަ އަދި ރަނގަޅު ވާނީ ނުދެއްކިއްޔާ އެވެ. މޯލްޑިވިއަންގައި ދަތުރެއް ކޮށްލުމަކީ އަތްމަތީ އެކީ ހުސްވުން ކަހަލަ ކަމެކެވެ. ބައެއް ފަހަރުތަކުގައި ރާއްޖެއިން ލަންކާއަށް ދިޔުމެކޭ މާލެއިން ފުވައްމުލަށް އައްޑުއަށް ދިޔުމެކޭ އަގުގައި މާ ބޮޑު ތަފާތެއް ހުރިހެނެއް ހިއެއް ނުވެ އެވެ. ޓިކެޓްގެ އަގުތައް އުޅެނީ ގާތްގަނޑަކަށް 200-300 ޑޮލަރާ (3،000 ރުފޮޔާއާ) ދެމެދުގަ އެވެ. އެކަމަކު ދުނިޔޭގެ ގިނަ ގައުމުތަކުގައި އެތެރޭގެ އުދުހުންތަކުގެ އަގު ވަރަށް ވެސް ކުޑަ އެވެ.

މިސާލެއް ނަގަމާ ހިނގާށެވެ. ބަޖެޓް އެއާލައިންއެއްގައި ތުރުކީގެ ސަބީހާ އިންޓަނޭޝަނަލް އެއާޕޯޓުން، ދުނިޔޭގެ އެންމެ އަގު ބޮޑު ސިޓީ، ޕެރިހަށް ދާން ހަތަރު ގަޑިއިރުގެ ދަތުރަކަށް ގާތްގަނޑަކަށް އަރާނީ 250 އަކަށް ޑޮލަރެވެ. މީގެ އިތުރަށް، އަވަށްޓެރި އިންޑިއާގައި ވެސް އެއް ސިޓީއިން އަނެއް ސިޓީއަށް ބަޖެޓް އެއާލައިނެއްގައި 150 އަކަށް ޑޮލަރަށް ނޫނީ އެއަށް ވުރެވެސް ކުޑައަގެއްގައި ދަތުރުކޮށްލެވޭނެ އެވެ. އެކަމަކު ރާއްޖޭގެ ގައުމީ އެއާލައިންގައި މިކަން މި ވަނީ ދިމާ އިދިކޮޅަށެވެ. މޯލްޑިވިއަންގެ ޓިކެޓްގެ އަގުތައް މި އޮންނަނީ "ރަނަށް" ވެފަ އެވެ. މިހެން މިކަން މި ވަނީ ކީއްވެ ހެއްޔެވެ؟ މި ސުވާލަކީ އަގު ބޮޑު ސުވާލަކަށް ވާނެ އެވެ.

ގައުމީ އެއާލައިންގައި ދަތުރު ކުރުމަކީ ގިނަ ދިވެހިންނަށް ވޭނަކާއި ތަކުލީފަކަށް ވަނީ ހަމަ އެކަނި ބޮޑު އަގުގެ ސަބަބުންނޭ ބުނެ ޝަކުވާގެ ލިސްޓް ނިންމާލެވޭކަށް ނެތެވެ. ބޮޑު އަގުގައި ދަތުރުކުރާއިރު ފްލައިޓުން ލިބޭ ހިދުމަތްތަކުގެ ފެންވަރު އެހާމެ ދަށްވެ، އެ ޝަކުވާތައް ވެސް ނުހަނު ގިނަ އެވެ. ހަމައެކަނި ޖޫސްތައްޓަކާއި ފެންތައްޓެއް ދީ ނިންމާލާތީ އެއީ ގިނަ ބައެެއްގެ ހިތުގައި އޮތް ޝަކުވާއެކެވެ. އަދި ބައެއް މީހުން ސިފަކުރާ ގޮތުގައި ގައުމީ އެއާލައިންގެ ފްލައިޓްތައް ހޫނު ގަދަވެ، ސިފަކުރެވެނީ "އަވަނެއް" ގެ ގޮތުގަ އެވެ. މި ހުރިހާ ޝަކުވާތަކެއް ޖުމްލަކޮށްލީމާ، މި ނުކުންނަ ނަތީޖާއަކީ ގައުމީ އެއާލައިންގެ އަގުތަކާ އަޅާބަލާއިރު އެ އެއާލައިންގެ ހިދުމަތުގެ ފެންވަރު ސުމެކެވެ. ޝަކުވާތައް ފަށްފަށްވެ، ގައުމީ އެއާލައިންގެ ހިދުމަތާ މެދު ގިނަ ބަޔަކު މިތިބީ އުންމީދު ކަނޑާލައިގެން އެވެ.

ގައުމީ އެއާލައިންއާ މެދު މީހެއްގެ ޝަކުވާ.

ރާއްޖޭގެ ގައުމީ އެއާލައިން އެއާ މޯލްޑިވްސްއަށް ކުރިމަތިވި ހިތި، ނިމުމަށް ފަހު މޯލްޑިވިއަން އައީ ދިވެހި ރައްޔިތުން ފަހުރުވެރިވާނެ ފަދަ ގައުމީ އެއާލައިނަކަށް ވުމުގެ އަޒުމުގަ އެވެ. އެކަމަކު އެ އެއާލައިންގެ ހިދުމަތްތަކުގެ ފެންވަރު ދަށްވެ، މޯލްޑިވިއަންއަށް އެ ޝަރަފު ދިނުމާމެދު މި އޮތީ ސުވާލު ކުރަން ޖެހޭ ހިސާބުގަ އެވެ. ގައުމީ އެއާލައިން އިން ކޮންމެ ދުވަހަކު އެތައް ޓޫރިސްޓުންނެއް ހިދުމަތް ހޯދާއިރު ދިވެހިންނެކޭ އެއްގޮތަށް ހަމަ މި ޝަކުވާތައް އެމީހުންގެ ވެސް ހުންނާނެ އެވެ. އެކަމަކު މި ކަންކަން ހައްލުކުރަން އެ އެއާލައިނުން މިހާތަނަށް ކުރީ ކޮން ކަމެއް ހެއްޔެވެ؟ މޯލްޑިވިއަންގެ ހިދުމަތްތަކާމެދު ދިވެހި ރައްޔިތުން ޝަކުވާ ކުރާތާ އެތައް ޒަމާނެއްވީ އިރު އެ ޝަކުވާތަކަށް ނިމުމެއް ނުގެނެވިގެން އުޅެނީ ކީއްވެ ހެއްޔެވެ؟ އެ ޝަކުވާތައް އަޑު އަހައި ހައްލު ކުރަން ގައުމީ އެއާލައިން ބޭނުން ނުވަނީ ހެއްޔެވެ؟ އެހެން ވާނަމަ، ގައުމީ އެއާލައިން މި ދަތުރުކުރަނީ ދިވެހިންނާ ދުރަށެވެ.