ފެޝަން

ފިލްމު އެވޯޑްސްގައި އެންމެ ނަލަ ހެދުމެއް ލީ ކާކު؟

ދިވެހި ފިލްމީ ތަރިންނަކީވެސް ކޮންމެ ހަފްލާއަކަށް ވިޔަސް ނިކަން ރީއްޗަށް ނަލަ ހެދިލައިގެން ދާ ބައެކެވެ. މަޝްހޫރު ޑިޒައިނަރުންގެ ރީތި ހެދުންތަކެއް ދައްކާލަ އެވެ. ފަހަރަކަށްވުރެ ފަހަރެއް ރީތި ހެދުމެއް އެޅުމަކީ ކޮންމެ ތަރިއެއްގެވެސް އަޒުމެވެ. އޭގެ ތެރޭގައި ފިލްމުގެ ލޯންޗިން، ޕްރިމިއާ މިހެން ގޮސް އެވޯޑް ހަފްލާއެއް ވިޔަސް މައްސަލައެއް ނެތެވެ. ރީތި ހެދުންތަކެއް ދައްކާލަ އެވެ.

އެހެން ނަމަވެސް ދިވެހި ފިލްމު އިންޑަސްޓްރީގައި އެވޯޑް ހަފްލާތަކާއި ޕްރިމިއާ ނައިޓްތައް ނުވަތަ ސެލެބްރިޓީން ބައިވެރިވާ ހަފްލާތައް ބާއްވާލެއް ވަރަށް މަދެވެ. އެވޯޑް ހަފްލާއެއް ވެސް ބާއްވަނީ އަހަރަކު އެންމެ ފަހަރަކު އެވެ. އެހެން ކަމުން ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަން ކުރަން ބާއްވާ މިފަދަ ބޮޑު ހަފްލާ އަކަށް އެމީހުން ޒީނަތްތެރި ވެގެން ދާނެ ވަރު އަމިއްލަ އަށް ވަޒަން ކޮށްލާށެވެ. ރާއްޖޭގެ އެންމެ ފުންނާބު އުސް ޑިޒައިނަރުން މަޝްހޫރު ތަރިން ނަލަހައްދުވާފައިވާއިރު މި އަހަރުގެ އެވޯޑް ހަފްލާގައި އެންމެ ރީތިކޮށް ހެދުން އެޅި ތަރިންނަށް ބަލާލަމާ ހިނގާށެވެ.

އެންމެ ފުރަތަމަ މި ލިސްޓު ފަށަން ޖެހޭނީ އެވޯޑް ހަފްލާގައި އެންމެ ރީތިކޮށް ހެދުން އެޅި ބަތަލާއިންނެވެ. ބަތަލާ އައިޝަތު ރިޝްމީ ލާފައިވާ ޑިޒައިނަރު ރިއްފަތުގެ ކަޅާއި އޮރެންޖް ކުލައިގެ ކޭޕް ޑްރެސް އަކީ ކުލަގަދަ އެ ހަފްލާގައި ފެނުނު އެންމެ ރީތި ހެދުމެވެ. އެވޯޑް ހަފްލާ އަކަށް އެންމެ ގުޅޭނެ ގޮތަށް ގަޔަށް ބާރުކޮށް ފަހާފައިވާ އެ ހެދުން ޖަރީކޮށްފައިވަނީ އޮރެންޖް ކުލައިގެ އެމްބްރޮއިޑް ޑިޒައިންތަކަކުންނެވެ. ހެދުުމުގެ މަތީ ބަޔާއި ތިރީބައި ވަކިކުރެވިފައުވާ ދިމާލުގައި ވަނީ ކަޅުކުލައިގެ ހިމަ ބެލްޓެއްހެން ފަހާފައިވާ ހިމަ ފޮތިކޮޅެއް އަޅާފަ އެވެ. ހެދުމުގެ ކަރު ކައިރީގައި އާއި އަތުގައި އަދި ހެދުމުގެ ފަސްބައިގައި ވެސް އޮރެންޖު ކުލައިގެ އެ ޑިޒައިން ގަނޑު ހަދާފައި ހުރިއިރު، ހެދުމުގެ ދެ ކޮނޑުމަތިން ފަހަތަށް ވަނީ އިސްކޮޅާ އެއްވަރުގެ ލޭސް ފޮތިގަނޑެއް ދޫކުރެވިފަ އެވެ. އެ ފޮތިގަނޑުގެ ސަބަބުން ގަޔަށް ބާރުކޮށް ފަހާފައި ހުރި އެ ހެދުން ނިކަން ނަލަ ކަމަށް ދައްކަ އެވެ. އެ ފޮތިގަނޑު ވަށާ އޮރެންޖު ކުލައިގެ ރޭނދާ ގަނޑެއް އަޅައި ހެދުމާ އެ ފޮތިގަނޑު ވަނީ ހެދުމުގެ ޑިޒައިނާ ގުޅުވާލާފަ އެވެ.

ކަޅާއި ވިދާ އޮރެންޖް ކުލައިން ޖަރީކޮށްފައި ހުރި އެ ހެދުމާ އެކު ރިޝްމީ ކޮށްފައިވާ މޭކަޕް އަކީ މާގޮތްބޮޑު ނޫން މޭކަޕެކެވެ. އަދި މޭކަޕާ ގުޅޭނެ ގޮތަށް އިސްތަށިގަނޑު އޮތީ ވޭވީ ކާލްކުރެވި ދޫކޮށްލާފަ އެވެ.

އަބަދުވެސް ހަފްލާތަކަށް ރިއްފަތުގެ ޑިޒައިންތައް ލާ ރިޝްމީ ކޮންމެ އަހަރެއްގެ ވެސް އެވޯޑް ހަފްލާ އަށް ލާ ރިއްފަތުގެ ޑިޒައިން ޑްރެސް ތަފާތެވެ. އޭނާ އަށް މި އަހަރުގެ ލިސްޓުގެ އެއްވަނަ ލިބެނީ ވެސް އެހެންވެ އެވެ.

ބަތަލާ މަރިޔަމް އައްޒަ އަކީ އެވޯޑް ހަފްލާ އަކަސް ނުވަތަ ފިލްމުތަކުގެ ޕްރިމިއާތަކަށް ވެސް މިފަހަކަށް އައިސް އެންމެ ގޮތް ބޮޑުކޮށް ހެދުން އަޅާ އެއް ތަރި އެވެ. ކުރީގެ ފިރިމީހާ އިސްމާއިލް ޖުމައިހްގެ ޑިޒައިންތަކަށް އައްޒަގެ ގަޔަށް މަހާ އެ ހެދުންތަކުގެ ވާހަކަ ހަފްލާތަކަށް ފަހު އެންމެ ގަދަޔަށް ދެކެވެނީ ވެސް އެ ހެދުންތަކުގެ ގޮތް ބޮޑު ކަމުންނެވެ. ނަމަވެސް އެހެން ހަފްލާތަކާ ހިލާފަށް އެވޯޑް ހަފްލާގައި އައްޒަ ލައިގެން ހުރި ހެދުން ވަރަށް ސިމްޕަލް އޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ކަޅުކުލައިގެ ވެލްވެޓް ފޮތިން ގަޔަށް ބާރުކޮށް ފަހާފައިވާ ހެދުމުން ޑިޒައިން ކުރެވިފައިވަނީ ހުދު ކަޅު ރޮނގު ދަމާފައި ހުރި ހުދު ފޮއްޗަކުންނެވެ. އުނަގަނޑާ ދިމާލުން ބައްޓަން ގެނައުމަށް ފޮތިގަނޑު ފުއްޕުވައި، ދިގުކޮށް އެ ފޮތިގަނޑު ވަނީ ހެދުމުގެ މެދަށް ވާ ގޮތަށް ވައްޓާލެވިފަ އެވެ. އަދި ހަމަ އެ ޑިޒައިންގެ ފޮތިގަނޑު ވަނީ ހެދުމުގެ ބުޑާ ހިސާބުން ފެށިގެން ފުޅާކޮށް ތިރިއަށް ދޫކުރެވިފަ އެވެ. ހެދުމުގެ މަތީބައި ވެސް ޑިޒައިން ކުރެވިފައިވަނީ ތިރީބައިގައި ހުރި ހުދާއި ކަޅު ފޮތިންނެވެ. މަތީބައިގައި ވަނީ ވަކިން ހުދުކުލައިގެ ރޮނގުތައް ކުޑަ ތުރުތުރުލީ ބައްޓަމަކަށް ކަފައި ޓްރާންސްޕޭރަންޓް ލޭހެއްގައި ފެޅިފައިވާ ބައްޓަމަކަށް ހަރުކުރެވިފަ އެވެ. އަދި ހެދުމުގެ ޖަހާފައި ހުރި ކުޑަ އަތްވެސް ހަދާފައި ހުރީ އެ ރޮނގުތައް ހަރުކޮށްގެންނެވެ.

ހެދުމާ އެއްގޮތަށް އައްޒަ ކޮށްފައިވާ މޭކަޕް ވެސް ސިމްޕަލް އެވެ. އަދި އިސްތަށިގަނޑު ވެސް އޮތީ ފަންކުރެވި ފަހަތަށް ދޫކުރެވިފަ އެވެ. އެ ހެދުމާ އެކު އައްޒަ ބޭނުންކޮށްފައިވާ ހަމައެކަނި ގަހަނާ އަކީ ކަންފަތުގައި ޖަހާފައިވާ ބޮތްކެއްހެން ހުރި ހުދުކުލައިގެ އެއްސެކެވެ.

ފަހަރުގައި އައްޒަގެ ހެދުން މި ފަހަރު އެހާ ގޮތްބޮޑު ނޫން ކަމަށް ދެއްކީ ހުދާ ކަޅުން ހުރީމަ ކަމަށް ވެދާނެ އެވެ. އެކަމަކު އެއްކަމެއް ފާހަގަކޮށްލާނަމެވެ. ސިމްޕަލްކޮށް ހެދުން އެޅިޔަސް ހަމަ ޔަގީނުންވެސް އައްޒައާ ގުޅޭކަން މިފަހަރު އެނިގެން ހިނގައްޖެ އެވެ.

ތިން ވަނަ އަށް އެންމެ ރީތި ހެދުން ލީ ތަރިއެއްގެ ވާހަކަ ފެށުމުގެ ކުރިން އެއް ކަމެއް ފާހަގަކޮށްލަން ބޭނުމެވެ. ގިނަ ބަތަލާއިންނެއްގެ ހެދުންތައް ޑިޒައިން ކުރެވިފައި ހުރީ ކަޅު ކުލައިންނެވެ. ފަހަރުގައި މިއީ އިއްތިފާގަކަށް ވެސް ވެދާނެ އެވެ.

ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އަކީ މިހަކަލަ އިވެންޓްތަކުގައި ބަތަލާއިންނަށް ދޫކުރާ މީހެއް ނޫނެވެ. އަބަދުވެސް ހުރިހާ މިކަހަލަ ހަފްލާތަކަށް ތަރިން އަޅާ ހެދުންތަކުގެ ލިސްޓުގެ ގަދަ ފަހަކަށް އޭނާ ލައްވާލަނީ އެހެންވެ އެވެ. ގާތްއެކުވެރިޔާ އަދި ޒުވާން ޑިޒައިނަރު ސޭންޑީ ގެ ޑިޒަނަކަށް ފަހާފައިވާ އެ ހެދުމަކީ ހުސް ކަޅުކުލައިގެ ފޮތިން ފަހާފައިވާ ގަޔަށް ބާރު ހެދުމެކެވެ. މީގެކުރިން ވެސް އަޝްފާ ވަނީ އެކި ހަފްލާތަކަށް އެ ޑިޒައިނަށް ހުރެ ހެދުން ލާފަ އެވެ. ކަޅުކުލައިގެ އެމްބްރޮއިޑް ލޭސް ފޮތީގެ އަޑިއަށް ސްކިން ކުލައިގެން ފޮތި ލައްވާފައިވާ ހެދުމުގެ ތިރީބައި ފަލަމަސްގަނޑާ ހަމައަށް ބާރުކޮށް ތިރިއަށް ނިކަން ބޮޑު ފޮތިގަނޑެއް ވަނީ ދޫކުރެވިފަ އެވެ. ހެދުމުގެ ކަރު ވަރަށް ތިލަކޮށް ހުރިއިރު، ކަރުކައިރީގައި ވަނީ މަތީބައިގައި ހުރި ޑިޒައިންގެ ލޭސް އަޅާފަ އެވެ. ހެދުމާ އެކު އަޝްފާ ވެސް ބޭނުންކޮށްފައިވާ ގަހަނާ އަކީ ކަންފަތުގައި ޖަހާފައި އިން ކުޑަ އެއްސެކެވެ. ނަމަވެސް ކަރު ނިވާ ވާ ގޮތަށް ވަނީ ފުޅާކޮށް ކަޅުކުލައިން ފަހާފައިވާ ބޭންޑެއް އަޅާފަ އެވެ. މިއީ އަޝްފާ ބުރުގާ ނެގި ފަހުން ބައިވެރިވާ ފުރަތަމަ މި ފަދަ އެވޯޑް ހަފްލާއިރު، ހެދުމާ ގުޅޭނެ ގޮތަށް އިސްތަނޑު އޮތީ ފަންކޮށް، ފަހަތަށް ދޫކޮށްލާފަ އެވެ.

ވިހި އަހަރުގެ ދިގު ފިލްމީ ކެރިއަރު ރިޓަޔާ ކުރިޔަސް ބަތަލާ ނިއުމާ މުހައްމަދަކީ އަދިވެސް ފިލްމީ ދާއިރާގައި އެންމެ ވިދުން ގަދަ ބަތަލާ އެވެ. އެވޯޑް ހަފްލާ އަށް ނިއުމާ ލާފައިވާ ހެދުމަކީ އެހަފްލާއިން ފެނުނު އެންމެ ސިމްޕަލް ހެދުމެވެ. ކަޅުކުލައިގެ ވިދާ ފޮއްޗަކުން ފަހާފައިވާ އެ ހެދުމަކީ އަތް ދިގުކޮށް، ގަޔަށް ބާރުކޮށް ދިގުކޮށް ފަހާފައިވާ ހެދުމެކެވެ. އެ ހެދުމަށް ހަމައެކަނި ގެނެސްފައިވާ ޑިޒައިނަކީ ކަރާ ދިމާލުން ތިރިން އޯވަލްކޮށް ކަނޑާފައިވާ ބާގަނޑެކެވެ. އަދި ހެދުމުގެ ދިގު އަތް ލޭސް ފޮއްޗަކުންފަހައި، އަތު ކުރީގައި ވަނީ ހެދުން ފަހާފައި ހުރި ފޮތީގެ ފުޅާ ފޮތިކޮޅެއް އެޅިފަ އެވެ.

ޑިޒައިނަރު ޖާދުﷲގެ ޑިޒައިނަކަށް ފަހާފައިވާ އެ ހެދުން ކިތަންމެ ސިމްޕަލް އަސް އެވޯޑް ހަފްލާ އަކާ ނިކަން ގުޅެ އެވެ. ނަމަވެސް ނިއުމާގެ އިސްތަށިގަނޑު ސްޓައިލް ކޮށްފައި ހުރި ގޮތުން ނޫންނަމަ އޭނާ މި ލިސްޓުގެ މިއަށް ވުރެން ކުރީގައި ހިމެނުނީހެވެ. ގްރޭކުލައިގެ ފަން ވިގެއް އަޅައި ދޫކޮށްލެވިފައި ހުރިއިރު، ހެދުމާއި މޭކަޕަކާ އެ ހެއާ ސްޓައިލެއް ނުގުޅެ އެވެ. ކަޅުކުލައިގެ ވިގެއް އެޅި ނަމަވެސް ލާފައި ހުރި ހެދުމާ އެއަށް ވުރެން ބޮޑަށް ގުޅޭނެ އެވެ.

ރެޑް ކާޕެޓުގައި ހިނގާފައި އެވޯޑް ހަފްލާ އަށް ނިއުމާ ވަދެގެން ދިޔައިރު އޭނާ އާއެކު ދިޔަ ދަރިފުޅު ޒޯޔާ ލައިގެން ހުރި ހެދުމަކީ ވެސް ނިއުމާގެ ހެދުމުގެ ޑިޒައިނަށް ފަހާފައި ހުރި ކުރު ހެދުމެކެވެ. ޒޯޔާގެ ހެދުން ވެސް މަންމަ ނިއުމާގެ ހެދުމުގެ މަތީބައި އިން ގޮތަށް ހަދާފައި ހުރި އިރު އަތް ހުރީ ކަޅުކުލައިގެ ފޮއްޗަކުން ދިގުކޮށެވެ. އަދި ހެދުމުގެ ތިރީބައި ހުރީ ވައްތިރި ސްކާޓެއް ގޮތަށެވެ.

މިދިޔަ އަހަރު ފިލްމީ ދާއިރާ އަށް ނުކުތް މަލީހާ ވަހީދު ނުވަތަ މަލް އެވޯޑް ހަފްލާ އަށް ދިޔައީ ނިއުކަމާ ފީމޭލްގެ އެވޯޑް ލިބޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއްގަ އެވެ. އެވޯޑް ހަފްލާ އަށް މަލް ލާފައިވާ ހެދުމުން އޭނާ ހީވަނީ އުޑުން ފައިބައި ހުރި ތަރިއެއް ހެންނެވެ. މި ލިސްޓުގައި ހިމެނުނު އެހެން އަންހެން ތަރިންނާ ހިލާފަށް މަލް ލާފައިވަނީ އަޅި ކުލައިގެ ހެދުމެކެވެ. ސިލްވާކުލައިގެ ދަޅަ އަޅާ ލޭސްއެއް ހެދުމުގެ ކަރު ކައިރީގައި އާއި ތިރީ ބުރީގައި ވަނީ އަޅާފަ އެވެ. ކަކުލަށް ވުރެން މައްޗަށް އޮތް އެ ކުރު ހެދުމުގެ ތިރި މެދަށް ދިގުކޮށް ކެނޑިފައި ހުރިއިރު އެ ހިސާބުން ތިރީގައި ވަނީ ސިލްވާ ކުލައިގެ ޓެސެލްގަނޑެއް އަޅާފަ އެވެ. ހެދުމުގެ ކަރު ކައިރީގައި އެޅިފައި ހުރި ފޮތިކޮޅުގައި ބީޑްސް ފަތިތަކެއް އެލުވާފައި ހުރިއިރު، ހެދުމުގެ މޭތަމައްޗަށް ވުރެން ތިރީގައި ވަނީ ސިލްވާ ކުލައިގެ ފިޔަ ގަނޑެއްހެން ހުރި އެއްޗެއް ހަރުކުރެވިފަ އެވެ. މަލް ގެ ހެދުމަކީ ރަޒީގެ ޑިޒައިނެކެވެ.

މައްޗަށް ނަގައި ސްޓައިލްކުރެވިފައިވާ އިސްތަށިގަނޑާ އެކު ނިއްކުރީގައި ވަނީ ސިލްވާ ކުލައިގެ ހިމަ ފަށެެއް އަޅާފަ އެވެ. އަދި ކަރުގައި ވެސް ވަނީ ހަމަ އޭގެ ފަށެއް އަޅާފަ އެވެ.

ވިދުން ގަދަ އެ ހެދުމާ އެކު މަލް ބޭނުންކޮށްފަވާ ގަހަނާ އަކީ ކަރުގައި އަޅާފައި އޮތް ހިމަ ފަށާއި އަތުގައި އަޅާފައި އިން އަނގޮޓި އެވެ. ހެދުމާ އެއް ކުލައެއްގެ ކްލަޗެއް ހިފައިގެން ހުރިއިރު އަރައިގެން ހުރީ ސިލްވާ ކުލައިގެ ޖްވެލަރީ ފައިވާނަކަށެވެ.

ފަހަރުގައި މި ހެދުން މި އެއްކޮށް ދިގުކޮށް ފަހާފައި ހުރި ނަމަ މި އަށް ވުރެން ރީތި ވީ ހެވެ. މާ ކުރުވުމުން ތަންކޮޅެއް އޮޑް ގޮތެއް ހުއްޓެވެ. ސަބަބަކީ މިފަހަކަށް އައިސް މިކަހަލަ ހަފްލާ ތަކަށް އެހާ ކުރު ހެދުން ތަރިން ނުލާތީވެ އެވެ.

ހަމަ ޔަގީނުން ވެސް މަލް ގެ ހެދުމަކީ އެ ހަލްފާގެ އެންމެ ތަފާތު ކުލައެއްގެ ހެދުމަކަަށް މި ލިސްޓަށް ލައްވާލި ހަމައެކަނި ހެދުމެވެ.

މިހާ ހިސާބުން އަންހެނުން ލިސްޓުގެ އެންމެ ސަޅި ފަހެއް ކުރުކޮށްލާފައި ފިރިހެން ތަރިންގެ އެންމެ ސަޅި ފަހަކަށް ބަލާލާނަމެވެ.

ފިރިހެނުންގެ ލިސްޓު ފަށާނީ ވެސް އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހޯދި ޒުވާން އެކްޓަރު ޖުމައްޔިލް ނިމާލް އިންނެވެ. ހުދުކުލައިގެ ގަމީހަކާ އެކު ޖުމައްޔިލް ލާފައިވަނީ ގަދަ ނޫކުލައިގެ ޓަކްސީޑޯ އެކެވެ. އަދި ގަމީހުގެ ކަރުގައި އަޅާފައިވަނީ ލާފައި ހުރި ޓަކްސީޑޯ ކުލައިގެ ސެޓިން ބޯ ޓައި އެކެވެ. މާ ކުލަ ގަދަ ނޫންކޮށް ބޭއްވި އެވޯޑް ހަފްލާ އަށް ޖުމައްޔިލް ލާފައިވާ ނޫކުލައިގެ ޓަކްސީޑޯ އަކީ އެ ކަހަލަ ހަފްލާ އަކަށް އެންމެ ގުޅޭނެ ސްޓައިލެވެ. އާ ފިލްމަކަށް އިސްތަށިގަނޑު މުޅިން އާ ގޮތަކަށް ސްޓައިލް ކުރަން ތައްޔާރުވަމުން އަންނައިިރު، ހަފްލާގައި ޖުމައްޔިލް ފެނިގެން ދިޔައީ ބޮލުގައި ކަޅުކުލައިގެ ބީނީ ކެޕެއް އަޅައިގެންނެވެ. އަދި ލާފައިވަނީ ބްރައުން ކުލައިގެ ފޯމަލް ޝޫ އެކެވެ.

މަޝްހޫރު ލަަވަ ކިޔުންތެރިޔާ މުހައްމަދު އަބްދުލްގަނީވެސް އެވޯޑް ހަފްލާއިން ފެނިގެން ދިޔައީ ސިމްޕަލް އަދި ސްމާޓް ލުކެއްގަ އެވެ. ހުދު ގަމީހަކާއެކު ފޯމަލް ނޫން ކަޅުކުލައިގެ ކޯޓަކާއެކު ތޭރަ ވެގެން ދިޔައީ ފިލްމު އެވޯޑްސް އަށް ދެވަނަ އަށް އެންމެ ރީއްޗަށް ހެދުން އަޅައިގެން ދިޔަ ފިރިހެން ފަންނާނަށެވެ. އެ އާއެކު ބޭނުންކޮށްފައި ހުރީ ކަޅު ކުލައިގެ އޮފިޝަލް ފަޓުލޫނަކާއެކު އޮފިޝަލް ބޫޓެކެވެ. ކަޅާ ހުދާއެކު ތޭރަ ފެންނަލެއް ވަރަށް ސްމާޓެވެ.

އެންމެ ރީއްޗަށް ހެދުން އެޅި ފިރިހެން ތަރިންގެ ލިސްޓަށް އިބްރާހިމް އަލީ (ކުޑަ އިއްބެ) ކޮންމެހެންވެސް ހިމަނަން ޖެހޭނެ އެވެ. އެންމެ ސިމްޕަލް ކޮށް ހެދުން އެޅި ފަންނާނަކަށް އިއްބެ ވާނެ އެވެ. އިއްބެ ހުރީ ހުދު ގަމީހަކާއެކު ކަޅު ފަޓުލޫނެއްގައި ދަށަށް ޖަހާލައިގެން ސަސްޕެންޑާއެއްވެސް ކުޑައިއްބެ ވަނީ ހިމަނާފަ އެވެ. އަދި ބޯ ޓައީ އެއްވެސް ވަނީ އަޅާފަ އެވެ. ކަޅާ ހުދުގެ ސަސްޕެންޑާއެއް އަދި ކަޅު ބޯ ޓައީ އާ އެކު އިއްބެ ބޭނުންކޮށްފައި ހުރީ އޮފިޝަލް ބޫޓެކެވެ.

އަހްމަދު އަޒްމީލް (އަޒޭ)ވެސް ފިލްމު އެވޯޑަށް ގޮސްފައިވަނީވެސް ވަރަށް ރީތި ހެދުމެއްގަ އެވެ. އަޒޭ ލައިގެން ހުރީ މުށި ކުލައެއްގެ ކޯޓު ފަޓުލޫނަކާއެކު ހުދު ގަމީހެކެވެ. އަޒޭގެ ކޯޓު އަދި ފަޓުލޫނު ހުރީ ސުތުލި ގޯނި ޑިޒައިނަކަށެވެ. މުށި ކުލައިގެ ބޯ ޓައީއެއްވެސް އަޒޭ ބޭނުންކޮށްލާފައިވެ އެވެ.

މި ލިސްޓަށް ދެން އިތުރުކުރަން ޖެހެނީ އަބްދުﷲ މުއާޒް (މުއާ) އެވެ. ކޯޓު ފަޓުލޫނުގައި މުއާވެސް ހުރިއިރު އާންމުކޮށް ދިވެހިން ކޯޓު ފަޓުލޫނު ލާ ކުލަ އާ މުއާ ބޭނުންކޮށްފަ ހުރި ކުލަ ތަފާތެވެ. މުއާ ފެނިގެން ދިޔައީ މެރޫން ކުލައިގެ ކޯޓު ފަޓުލޫނުގަ އެވެ. އެއާ އެކު ހުދު ކުލައިގެ ގަމީހަކާއި ހުދު ކުލައިގެ ބޯ ޓައީއެއް ބޭނުންކޮށްފައިވެ އެވެ.