ކުޅިވަރު

ޔޫތު ޗެމްޕިއަންޝިޕް ހުޅުވުން އީގަލްސް އާއި ތިނަދުއަށް

މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ކުލަބު އީގަލްސް އާއި ގދ. ތިނަދޫ ބައްދަލު ކުރާ މެޗުން އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް އަންނަ ހުކުރު ދުވަހު ފަށާގޮތަށް ތާވަލު ކޮށްފި އެވެ.

މުބާރާތުގައި ހަތަރު ޓީމު ބައިވެރިވެފައިވުމުން، އެފްއޭއެމުން މުބާރާތުގެ އޮނިގަނޑު ރާވާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްފަހަރު ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ.

މުބާރާތުގައި ބައިވެރިވުމަށް ފަސް ޓީމަކުން ހުށަހެޅި އެވެ. ނަމަވެސް ކުޅުންތެރިން ރަޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުސަތުގައި ގްރީން ސްޓްރީޓުން ކުޅުންތެރިން ހުށަހަޅާފައި ނުވާ ކަމަށް އެފްއޭއެމުން ބުންޏެވެ. މުބާރާތުގައި ވާދަ ކުރާ އެނެއް ދެ ޓީމަކީ މާޒިޔާ އާއި ޔުނައިޓަޑް ވިކްޓަރީ އެވެ.

ފުރަތަމަ ޑިވިޝަންގެ ބައެއް އެހެން ކުލަބުތަކުން މުބާރާތުގައި ބައިވެރި ނުވެ އެވެ. އެގޮތުން، މިދިޔަ އަހަރުގެ ރަނަރަފު ޓީސީ ސްޕޯޓްސް އާއި ނިއުރޭޑިއަންޓް، ވިކްޓަރީ ވެލެންސިއާ ހިމެނެ އެވެ.

ޓީސީން މުބާރާތުގައި ވާދަ ނުކުރަން ނިންމީ، އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރު އަންނަ ޖަނަވަރީ މަހު އޮންނާތީ، ކުޅުންތެރިންނަށް ރެސްޓް ދިނުމުގެ ގޮތުންނެވެ.

"ކުރިން އޮތް ގޮތުންނަމަ އަޅުގަނޑުމެން ތިބީ ބައިވެރިވާ ގޮތަށް، ނަމަވެސް އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރު އޮތީމަ، ޔޫތު މުބާރާތުގައި ވާދަ ނުކުރަން ނިންމީ،" ޓީސީގެ ސީނިއާ ޓީމުގެ ހެޑްކޯޗް މުހައްމަދު ނިޒާމް ބުނެފައި ވެއެވެ. "ވާދަ ކުރާނަމަ ޕްރިލިމިނަރީ ރައުންޑަށް ދާން ވާއިރު ކުޅުންތެރިންނަށް ރެސްޓްކޮށްލަން ވަގުތެއް ނުލިބޭނެ، ސީނިއާ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ، ޔޫތު ޓީމުގައިވެސް ހިމެނޭ ކުޅުންތެރިން."

އީގަލްސް މުބާރާތުގައި ވާދަ ކުރަނީ މުބާރާތް މިލުކު ކުރުމުގެ އުންމީދުގަ އެވެ. އީގަލްސްއިން އޮތީ ރަނގަޅު ޓީމެއް އެކުލަވާލައި މުބާރާތަށް ތައްޔާރު ވެގެންނެވެ.

އެފްއޭކަޕް ކްއާޓާ ފައިނަލުގައި، އީގަލްސްއިން ނިއުއާ ދެކޮޅަށް ނެރުނީ، ޔޫތު ޗެމްޕިއަންޝިޕްގައި ވާދަ ކުރާ ޓީމެވެ. ޔޫތު ޓީމުގެ ކޯޗް އަދި ސީނިއާ ޓީމުގެ އެސިސްޓެންޓް ކޯޗް އަހްމަދު ޝާކިރު (ޝާކިއްޓޭ) ބުނީ ނިއުގެ މެޗުގައި ޒުވާން ޓީމުގެ ކުޅުންތެރިންގެ ފަރާތުން ޕޮސްޓިވް ގިނަ ކަންކަމެއް ފެނިގެން ދިޔަ ކަމަށެވެ.

"ނިއުގެ އެ ޓީމާ އީގަލްސްގެ ޓީމާ އަޅާވެސް ނުކިޔޭނެ، ނަމަވެސް ވަރުގަދަ ސްކޮޑެއް އޮތް ނިއު އާ ދެކޮޅަށްވެސް ކުޅުންތެރިން ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ، ވަރަށް ބައިވަރު ޕޮޒެޓިވް ކަންތައްތަކެއް ފެނުނު،" ނިއު އާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ވާހަކަ ދައްކަމުން ޝާކިއްޓޭ ބުންޏެވެ. "ނިއުގެ ކޯޗް [އޮސްކާ ބުރުޒޮން ބަރޭރަސް] ވެސް އެކަން ވަރަށް ބޮޑަށް ފާހަގަ ކުރި."