ވިޔަފާރި

އަހަރު ތަކަކަށްފަހު، ޗައިނާ ޓޫރިސްޓުން އިތުރުވެއްޖެ

Dec 19, 2017
2
  • ޓޫރިސްޓުންގެ އަަދަދު 15 ޕަސެންޓް އިތުރުވެފައިވޭ
  • ޗައިނާ ޓޫރިސްޓުންގެ އަދަދު 11 ޕަސެންޓް އިތުރު
  • ޔޫރަޕުން އަންނަ ޓޫރިސްޓުން ވެސް އިތުރުވެފައިވޭ

މިދިޔަ މަހު ރާއްޖެއަށް ޗައިނާއިން އައި ޓޫރިސްޓުންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބި، މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 15 ޕަސެންޓް އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ނޮވެމްބަރު މަހު ރާއްޖެއަށް 120,506 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އައި 104,572 މީހުންނާ އަޅާބަލާއިރު 15.2 ޕަސެންޓް އިތުރުވުމެކެވެ. މިދިޔަ މަހު ޗައިނާ އިން 21,195 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި އައި 18,954 މީހުންނާ އަޅާބަލާއިރު 11.8 ޕަސެންޓް އިތުރުވުމެކެވެ.

މަހުން މަހަށް ބަލާއިރު ޗައިނާ ޓޫރިސްޓުން އިތުރުވިނަމަވެސް، މުޅި އަހަރަށް ބަލާއިރު ވަނީ ދަށަށް ގޮސްފަ އެވެ. މި އަހަރުގެ މިހާތަނަށް ޗައިނާއިން 286,612 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 308,077 ޓޫރިސްޓުންނާ އަޅާބަލާއިރު، ހަތް ޕަސެންޓުގެ ދަށްވުމެކެވެ.

މިދިޔަ މަހު ޔޫރަޕުން 60,170 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ މަހު އައި 51,363 މީހުންނާ އަޅާބަލާއިރު 17.1 ޕަސެންޓް އިތުރުވުމެކެވެ.

ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ މިހާތަނަށް 1,246,501 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 1,166,605 މީހުންނާ އަޅާބަލާއިރު 6.8 ޕަސެންޓް އިތުރުވުމެކެވެ.