ރާއްޖެ ކުޅިވަރު

އުމެއިރު އެނބުރި ނިއު ރޭޑިއަންޓަށް

Dec 19, 2017
1

ގައުމީ ޓީމުގެ މިޑްފިލްޑަރު މުހައްމަދު އުމެއިރު އަލުން ނިއުއަށް ސޮއިކޮށްފި އެވެ. މާޒިޔާގައި ވޭތުވެދިޔަ ތިން ސީޒަން ހޭދަކުރި އުމެއިރު ވަނީ 2013 ވަނަ އަހަރުން 2015 ވަނަ އަހަރާއި ހަމައަށް ނިއު ރޭޑިއަންޓާ އެކު ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ.

އުމެއިރު ނިއު ދޫކޮށް މާޒިޔާއަށް ބަދަލުވީ 2015 ވަނަ އަހަރުގެ ޕީޕަލްސް ކަޕަށް ފަހު އޭރުގެ މެނޭޖްމަންޓާ މައްސަލަތަކެއް ޖެހިގެންކަމަށް މީޑިޔާތަކުގައި ރިޕޯޓު ކުރެވިގެން ދިޔައެވެ. ނަމަވެސް އުމެއިރު ވަނީ އެވާހަކަތަށް ދޮގުކޮށްފަ އެވެ. އަލީ ވަހީދުގެ ޗެއާމަން ކަމުގައި ނިއު 2013 ވަނަ އަހަރު ރާއްޖޭގެ ހުރިހާ މުބާރާތެއް ކާމިޔާބު ކުރުމުގައި އުމެއިރުގެ ދައުރު ވަރަށް ބޮޑެވެ.

"ނިއު އާ ދުރުގައި ހުރިނަމަވެސް އަޅުގަނޑަކީ އެއްވެސް އިރެއްގައި މި ޓީމާ ދުރު މީހެއް ނޫން، 2015 ވަނަ އަހަރު ރިލީޒް ހޯދައިގެން ނިއު އިން ދިޔަ ނަަމަވެސް ނިއުގެ ސަޕޯޓަރުންނާ އަޅުގަނޑާ ރަނގަޅު ގުޅުމެއް އޮވޭ،" ނިއު އަށް ސޮއި ކުރުމަށްފަހު އުމޭރު ބުންޏެވެ. "އޭރު ނިއު ދޫކޮށް ދާން އެދުނީ އޭރު އޮތް މެނޭޖްމެންޓާއެކު ބައެއް ކަންކަމަށް އެއް ހިޔާލު ތަފާތުވުންތަކެއް އުފެދުމުން."

އުމޭރު ބުނީ ނިއުގެ މިހާރުގެ މެނޭޖްމެންޓާ މެދު އިތުބާރު އެބައޮތް ކަމަށާއި އަންނަ އަހަރަކީ އޭއެފްސީ ކަޕްގައިވެސް ކާމިޔާބު އަހަރަކަށް ހެދުމަށް މުޅި ޓީމުން މަސައްކަތް ކުރާނެ ކަަމަށެވެ.

އުމޭރު އެންމެ ފުރަތަމަ ކުޅުނީ ޑިފެންޑަރަަކަށެވެ. އޭނާގެ ކެރިއާ ފެށީ ވިކްޓަރީންނެވެ. އޭނާ ފުޓްބޯޅައިގެ ތެރެއަށް ނެރެދިނީ، ކުރިން ވިކްޓަރީގެ އެސިސްޓެންޓް ކޯޗު ކަން ކުރި އަދި ލ. ކުނަހަންދޫ ކައުންސިލުގެ ކުރީގެ ނައިބުރައީސް ލިރުގާމް ސައީދު (ލަރޭ) އެވެ. އުމޭރު ނިސްބަތް ވަނީވެސް ކުނަހަންދޫ އަށެވެ.

މާޒިޔާ އޭއެފްސީ ކަޕްގައި ނެރުނު ރަނގަޅު ނަތީޖާތަކުގެ ފަހަތުގައި އުމެއިރުގެ މަސައްކަތް ފާހަގަކުރެވެ އެވެ. މީގެއިތުރުން އެޓީމަށް މާލޭ ލީގު ކާމިޔާބުކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އެއް ކުޅުންތެރިޔަކީ އުމެއިރު އެވެ.

ދިވެހި ލީގުގައި މާޒިޔާއަށް މުހިންމު ގިނަ ގޯލްތަކެއް ކާމިޔާބުކޮށްދިން އުމެއިރު ސީޒަންގެ ފަހުކޮޅު އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލިފައިވެ އެވެ.

އަންނަ އަހަރު އޭއެފްސީ ކަޕަށް ނިއު ވަރުގަދަ ކުރުމަށް، އެޓީމުގެ ކޯޗް ސްޕެއިންގެ އޮސްކާ ބުރުޒޮން ބަރޭރަސް، ނިއު އަށް ގެނައުމަށް ހުށަހަޅާފައިވާ ދިވެހި ކުޅުންތެރިންގެ ލިސްޓްގައި އެންމެ ފުރަތަމަ ހިމެނެނީވެސް އުމޭރުގެ ނަަމެވެ. އޭއެފްސީ ކަޕަށް ތައްޔާރުވަމުން އަންނަ ނިއު ރޭޑިއަންޓުން އަންނަނީ އަދިވެސް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އިތުރު ކުޅުންތެރިންތަކެއްގެ ސޮއި ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިއަހަރު ޓީސީގައި މޮޅު ކުޅުމެއް ދައްކައި އުންމީދީ ކުޅުންތެރިޔާގެ މަގާމު ހޯދި ނާއިޒް ހަސަން (ދާދު)ގެ ސޮއި ހޯދުމަށްވެސް ނިއު ރޭޑިއަންޓުން މަސައްކަތް ކުރަމުން އަންނަ ކަމަށް މިވަނީ އަޑުފެތުރިފަ އެވެ. ނިއުގެ އިތުރުން މާޒިޔާއިންވެސް ދާދުގެ ސޮއި ހޯދުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އަވަސް އަށް މިވަނީ އިތުބާރުހުރި ފަރާތަކުން ކަށަވަރުކޮށްދީފަ އެވެ.

ޓީސީ އަށް މިއަހަރު ކުޅުނު ގިނަ ކުޅުންތެރިންތަކެއް އެޓީމަށް މިއަންނަ އަހަރު ކުޅުމަށް އެއްބަސްވުމުގައި ސޮއި ކޮށްފައިވާއިރު ދާދު ސޮއިކޮށްފައި ނުވެ އެވެ. މީގެ ކުރިން ބައެއް މީޑިޔާތަކާ ވާހަކަ ދައްކަމުން ދާދު ވަނީ މިއަންނަ އަހަރު ޓީސީ ޓީމުން ނުފެނިދާނެކަމަށް ބުނެފަ އެވެ.

ނިއު އިން ދަނީ މިހާރު އެ ކުލަބުގެ ތިބި އެހެން ކުޅުންތެރިންނާއެކު އަންނަ އަހަރަށްވެސް ކޮންޓްރެކްޓް އާ ކުރަމުންނެވެ. ޓީމުގެ ޑިފެންސިވް މިޑްފީލްޑާ ސްޕެއިންގެ އަންހެލް ލުއިސް ރުއިޒް ޕަޒް (ކަންޑެލާ)، އަކްރަމް އަބްދުލް ގަނީ، އަހްމަދު އަބްދުﷲ (ލިލީ)، ރިލްވާން ވަހީދު، ހަސަން އަދުހަމް އަދި އަބްދުﷲ މިދުހަތު ފަހްމީ (ބިޗަޑް) ވެސް ވަނީ ކޮންޓްރެކްޓް އާ ކޮށްފަ އެވެ. ފޯވަޑް އަލީ ފާސިރު (ސެންޓޭ) ވަނީ މިއަހަރު ކުރީ ކޮޅު ދިގު މުައްދަތަކަށް ނިއު އާ އެކު އެއްބަސްވުން ހަދާފަ އެވެ. ކެޕްޓަން އިމްރާން ވެސް ވަނީ މިދިޔަ ހަފުތާގައި އެއްބަސްވުން އާ ކޮށްފަ އެވެ.