ބޮލީވުޑް

ޝާހިދުގެ ބަތަލާ އަކަށް ވާނީ ކަޕޫރު

Dec 20, 2017

ޝާހިދު ކަޕޫރު ދެން ފެނިގެންދާ ފިލްމު "ޕަދްމާވަތީ" އާ ދެކޮޅަށް ކުރި މުޒާހަރާތަކާ ގުޅިގެންނާއި ސެންސަރު ބޯޑުން ފާސްކޮށްނުދިނުމުން އެ ފިލްމު ރިލީޒްކުރުން މުއްދަތެއް ނެތް ގޮތަށް ވަނީ ފަސްކޮށްފަ އެވެ.

އެގޮތުން ޝާހިދު މިހާރު ވަނީ އިތުރު ފިލްމެއް ކުޅެން ސޮއިކޮށް، އެ ފިލްމު ކުޅެން ތައްޔާރުވާން ފަށާފަ އެވެ.

"ޓޮއިލެޓް" ގެ ޑައިރެކްޓަރު ޝްރީ ނާރާޔަން ސިންގް ޑައިރެކްޓްކުރާ "ބައްޓީ ގުލް މީޓަރު ޗަލޫ" ގެ ލީޑްރޯލުން ކުޅެން ޝާހިދު ހަމަޖައްސާފައިވާއިރު، ޝާހިދު ބަތަލާގެ ރޯލު ކުޅޭނެ ތަރިޔަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަތާ ވަރަށް ދުވަސްވެއްޖެ އެވެ.

މި ފިލްމުގެ ބަތަލާގެ ރޯލު ޝްރަދާ ކަޕޫރާއި ކެޓްރީނާ ކައިފް އަށް ހުށަހެޅި ކަމުގެ އަޑުތަކެއް އެރި ނަމަވެސް ބަތަލާގެ ރޯލަށް ދެ ފިލްމަކުން މިހާތަނަށް ފެނިގެން ގޮސްފައިވާ ވާނީ ކަޕޫރު ވަނީ ހަމަޖައްސާފަ އެވެ.

ޝާހިދާ އެކު މި ފިލްމު ކުޅެން ވާނީ މިހާރު ސޮއި ވެސް ކޮށްފައިވާ ކަމަށްވެ އެވެ. އެގޮތުން އޭނާ ވަނީ މިފަހުން މި ފިލްމު ޕްރޮޑިއުސްކުރަ ޕްރޭނާ އަރޯރާ އާއި އަރްޖުން އެން ކަޕޫރާ އެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފަ އެވެ.

މިއީ ޔާޝް ރާޖްސް ނޫން ޕްރޮޑަކްޝަން ކުންފުންޏަކުން އުފައްދާ ފިލްމަކުން ވާނީ ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. އޭނާ މީގެކުރިން ފެނިގެން ގޮސްފައިވާނީ ޔާޝް ރާޖްސްގެ "ޝުއްދް ދޭސީ ރޮމޭންސް" އަދި "ބޭފިކްރޭ" އިންނެވެ. މި ފިލްމުގެ އިތުރުން ވާނީ ރިތިކް ރޯޝަން އާއި ޓައިގާ ޝްރޮފް އެކުގައި ފެނިގެންދާ ފިލްމުގެ ބަތަލާގެ ރޯލުން ވެސް ފެނިގެންދާނެ އެވެ.

ފެބްރުއަރީގެ ތެރޭގައި ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ "ބައްޓީ ގުލް މީޓަރު ޗަލޫ" އަކީ އިންޑިއާގައި ދިމާވެފައިވާ ކަރަންޓުގެ ދަތިތަކާއި ކަރަންޓުގެ ބޮޑު އަގުގެ މައްޗަށް އަލިއަޅުވާލައިގެން އުފައްދާ ފިލްމެކެވެ. މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު އެވެ.